އެމެރިކާއާ ގުޅިގެން އިޒްރޭލުން ދެމުންދާ ވަރުގަދަ އުދުވާނުތަކުގެ ރައްދުގައި، މެދުއިރުމަތީގެ އެކި ގައުމުތަކަށް އީރާނުން ދެމުންދާ ރައްދު ހަމަލާތައް އޮމާނަށް ވެސް އަމާޒުކުރަން ފަށައިފި އެވެ.

އިޒްރޭލުން އިއްޔެ ދޭން ފެށި ހަމަލާތަކުގެ ރައްދުގައި، އީރާނުން ވަނީ މެދުއިރުމަތީގެ އެކި ގައުމުތަކުގައި އެމެރިކާ ސިފައިން ތިބި މަރުކަޒުތަކަށް އަމާޒުކޮށް ހަމަލާދީފަ އެވެ. 

އޭގެ ތެރޭގައި، ސައުދީ އަރަބިއްޔާ، ގަތަރު، އުރުދުން އަދި ޔޫއޭއީ ހިމެނޭއިރު، އީރާނުން މިއަދާ ހަމައަށް އޮމާނަށް ހަމަލާދީފައެއް ނުވެ އެވެ.

އީރާނަށް ހަމަލާދޭން ފެށުމުގެ ކުރިން، އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭގޮތުން އެމެރިކާއާ އެކު މަޝްވަރާތައް ކުރީ އޮމާން މެދުވެރިވެގެންނެވެ.

ނަމަވެސް، މިއަދުގެ ވަގުތެއްގައި އޮމާންގެ ވިޔަފާރި ބަނދަރަކާއި ތެޔޮ ޓޭންކަރަކަށް އީރާނުން ހަމަލާދީފައިވާ ކަމަށް އޮމާނުން ބުންޏެވެ. 

ދުގުމް ބަނދަރަށް އީރާނުގެ ދެ ޑްރޯން ހަމަލާ އަމާޒު ކޮށްފައިވާ ކަމަށާއި އެ ހަމަލާގައި އެ ބަނދަރުގައި މަސައްކަތްކުރާ މީހަކު ޒަހަމްވެފައިވާ ކަމަށް އޮމާންގެ އަސްކަރިއްޔާއިން ބުންޏެވެ.

އޮމާނުގެ ކަނޑުގެ ސަރަހައްދުގައި އޮތް ތެޔޮ ޓޭންކަރަށް ދިން ހަމަލާގައި، އެ އުޅަނދުގެ ހަތަރު ފަޅުވެރިން ޒަހަމްވިކަމަށް ބުނެފައިވެ އެވެ.

އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި، އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލް ޚާމަނާއީ އަވަހާރަވުމާ ގުޅިގެން، ސަރަހައްދުގެ ގައުމުތަކަށް އީރާނުން ދެމުންދާ ހަމަލާތައް ވަނީ އިތުރަށް ވަރުގަދަ ކޮށްފަ އެވެ.

މިގޮތުން، އަބޫދާބީ، ދުބާއީ އަދި ދޯހާގައި ބާރުގަދަ ގޮވުންތަކުގެ އަޑުތައް ދަނީ އިވެމުންނެވެ.

އީރާނުގެ ޑްރޯނާއި މިސައިލްތައް އެ ގައުމުތަކުގެ ވައިގެ ދިފާއީ ނިޒާމުން ވައްޓާލަމުންދާއިރު، ވައްޓާލާ މިސައިލްގެ ބައިތަކުން އެކި ވަރުގެ ގެއްލުންތައް ދަނީ ލިބެމުންނެވެ.

މިގޮތުން، ދުބާއީގައި މީހުން ދިރިއުޅޭ ސަރަހައްދަކަށް މިސައިލްގެ ބައިތަކެއް ވެއްޓި، ދެ މީހަކު ވަނީ ޒަހަމްވެފަ އެވެ.

ޔޫއޭއީން ބުނި ގޮތުގައި، މިއަދު އެކަނިވެސް އީރާނުން ވަނީ 130 އަށް ވުރެ ގިނަ މިސައިލާއި 200 އަށް ވުރެ ގިނަ ޑްރޯން ހަމަލާ ފޮނުވާލާފައިވާ ކަމަށެވެ.

އެ ހަމަލާތަކުގައި ދުބާއީގެ ބައެއް ހޮޓާތަކާއި ބައިނަލްއަގުވާމީ ވައިގެ ބަނދަރަށް ވެސް ވަނީ އެކި ވަރުގެ ގެއްލުންތައް ލިބިފަ އެވެ.

ގަތަރުން ބުނީ، އީރާނުން މިހާތަނަށް 65 މިސައިލާއި 12 ޑްރޯން ހަމަލާ ދީފައިވާ ކަމަށެވެ.

މީގެ އިތުރުން، ސައުދީ އާއި އުރުދުން އަދި ކުވެއިތަށް ވެސް އީރާނުން ހަމަލާތައް އަމާޒުކުރަމުންދާ ކަމަށް އެ ގައުމުތަކުން ވަނީ ބުނެފަ އެވެ.