އަވައްޓެރި ގައުމުތައް މެދުވެރިކޮށް އީރާނަށް ހަމަލާނުދޭހާ ހިނދަކު، އެ ގައުމުތަކަށް އީރާނުން އިސްވެ ހަމަލާ ނުދޭން ނިންމައި އީރާނުން މިއަދު އެކަން އިއުލާނުކޮށްފި އެވެ.

އީރާނަށް އެމެރިކާ އާއި އިޒްރޭލުން ހަމަލާދޭން ފެށިތާ މިއަދަށް ހަފްތާއެއް ވެފައި ވަނިކޮށް އެ ގައުމުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން މީގެ އިރުކޮޅެއް ކުރިން ވިދާޅުވީ، އަވަށްޓެރި ގައުމުތަކުން އިސްވެ އީރާނަށް ހަމަލާނުދޭ ނަމަ، އީރާނުން ވެސް އެ ގައުމުތަކަށް ހަމަލާ ނުދޭން އެ ގައުމު ވަގުތީ ހިންގާ މަޖިލީހުން ނިންމާފައިވާ ކަމަށެވެ.

"ވަގުތީ ލީޑަޝިޕުން އިއްޔެ ވަނީ އަވަށްޓެރި ގައުމުތަކަށް ހަމަލާ ނުދޭން ނިންމާފައި. އެ ގައުމުތަކުން އީރާނަށް ހަމަލާއެއް އަމާޒުނުވާހާ ހިނދަކު މިސައިލް ހަމަލާއެއް ނުދޭނަން،" ޕެޒެޝްކިއަން ވިދާޅުވި އެވެ.

ރައީސް ވަނީ ފާއިތުވި ދުވަސްތަކުގައި އަވަށްޓެރި ގައުމުތަކަށް އީރާނުން ދިން ހަމަލާތަކަށް މާފަށް ވެސް އެދިވަޑައިގެންފަ އެވެ. 

"އަޅުގަނޑު މާފަށް އެދެން ... އީރާންގެ ހަމަލާތައް އަމާޒުވި އަވަށްޓެރި ގައުމުތަކުގެ ކިބައިން،" ގައުމީ ޓީވީ މެދުވެރިކޮށް ދެއްވި ބަޔާނުގައި ޕެޒެޝްކިއަން ވިދާޅުވި އެވެ. 

އީރާންގެ ރައްދު ހަމަލާތައް، އަވަށްޓެރި ގައުމުތަކުގައިވާ އެމެރިކާގެ އަސްކަރީ ތަންތަނަށް އަމާޒުކުރި ނަމަވެސް އާންމުންގެ ސަރަހައްދުތަކަށާއި ހަކަތަ އުފައްދާ ކާރުހާނާތަކާއި އެއާޕޯޓްތަކަށް ވެސް އަމާޒުވެ ބޮޑު ހާސްކަމެއް ވަނީ އުފެދިފަ އެވެ. އެކަމާ ހެދި ދަތުރުފަތުރު ހުއްޓުމަކަށް އައިސް ހުރިހާ ކަމަކަށް ވަނީ ބުރޫއަރައިފަ އެވެ. 

އެކަމަކު ޕެޒެޝްކިއަން ވިދާޅުވީ އެމެރިކާ އާއި އިޒްރޭލަށް އީރާނުން ދުވަހަކު ވެސް އަމާން ނުދޭނެ ކަމަށެވެ. 

"އީރާނުން ޝަރުތަކާ ނުލައި އަމާން ދިނުމަށް ދުޝްމަނުން ދެކޭ ހުވަފެނައިގެން ކަށްވަޅަށް ދޭ،" އީރާނަށް ހަމަލާ ދިނުން ހުއްޓާލާނީ ޝަރުތަކާ ނުލައި އަމާން ދިނުމުން ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވިދާޅުވެފައި ވާތީ ރައްދުގައި ޕެޒެޝްކިއަން ވިދާޅުވި އެވެ.

މިދިޔަ ހޮނިހިރު ދުވަހު އީރާނަށް ހަމަލާދޭން ފަށައި އެ ގައުމުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އާއި އިސް އެތައް ބަޔަކު ވަނީ އަވަހާރަކޮށްލައިފަ އެވެ. އީރާންގެ އަސްކަރީ އެކި މަގާމުތަކާއި އަސްކަރީ މަނަވަރުތަކަށް ކެނޑިނޭޅި ހަމަލާދެމުން ދާއިރު މަރުވި މީހުންގެ އަދަދު ވަނީ ހާހަކަށް ވުރެ އިތުރުވެފަ އެވެ.