އިޒްރޭލުން އީރާނުގެ އިންޓެލިޖެންސް މިނިސްޓަރު އިސްމާއިލް ޚާތިބު އަވަހާރަކޮށްލުމާ ގުޅިގެން، އީރާނުން ގަލްފު ސަރަހައްދުގެ ތެޔޮ އަދި ގޭސް ކާރުހާނާތަކަށް ބުދަ ދުވަހު ރައްދުގައި ވަރުގަދަ ހަމަލާތަކެއް ދީފި އެވެ. 

މި ހަމަލާތައް ދިނީ ފެބްރުއަރީ 28 އިން ފެށިގެން އެމެރިކާ އާއި އިޒްރޭލު ގުޅިގެން އީރާނަށް ދެމުންދާ ހަމަލާތަކުގެ ތެރެއިން، ދުނިޔޭގެ އެންމެ ބޮޑު ގޭހުގެ ރިޒާވް އޮންނަ ޖަނޫބު ފާސްއަށް ދިން ހަމަލާތަކާ ގުޅިގެން ގަލްފުގެ ގައުމުތަކުގެ އެފަދަ ތަންތަނަށް ވެސް ހަމަލާދޭނެ ކަމުގެ އިންޒާރު އީރާނުން ދިނުމަށް ފަހުގަ އެވެ.

"އިސްލާމީ ޖުމްހޫރިއްޔާ [އީރާން] ގެ ހަކަތައިގެ ވަސީލަތްތަކަށް ހަމަލާދީ ތިޔަ ހެދީ ވަރަށް ބޮޑު ގޯހެއް ކަމުގެ އިންޒާރު އަލުން އަހަރެމެން ދެން، އަދި އެކަމުގެ ރައްދު މިހާރު ދަނީ ދެމުން،" އީރާނުގެ އިންގިލާބީ ލަޝްކަރުން ނެރުނު ބަޔާނެއްގައިވެ އެވެ. "މިކަން ތަކުރާރުވެއްޖެ ނަމަ، ކަލޭމެންނާއި  ބައިވެރިންގެ ހަކަތައިގެ ވަސީލަތްތައް އެއްކޮށް ސުންނާފަތި ވަންދެން ހަމަލާތައް ކުރިއަށްދާނެ، އަދި މިރޭގެ ހަމަލާތަކަށްވުރެ މާ ވަރުގަދަ ރައްދެއް ދެވޭނެ."

ސައޫދީ އަރަބިއްޔާއިން ބުނީ އެ ގައުމުގެ އިރުމަތީ ސަރަހައްދުގެ ހަކަތައިގެ ވަސީލަތްތަކަށް ދިން ޑްރޯން ހަމަލާތަކެއް ހުއްޓުވާފައިވާ ކަމަށެވެ. ނަމަވެސް ވެރިރަށް ރިޔާޟްގެ ދެކުނުގައި އޮންނަ ރިފައިނަރީއެއްގެ ކައިރިއަށް މިސައިލެއްގެ ބައިތައް ވެއްޓިފައިވެ އެވެ. ހޮރްމުޒް ކަނޑޯޅި ބަންދުވުމުގެ ސަބަބުން މިހާރުވެސް އުފުލިފައިވާ ތެލުގެ އަގު، މި ހަމަލާތަކާ ގުޅިގެން އިތުރަށް ވަނީ އުފުލިފަ އެވެ.

ގަތަރުގެ ގޭސް އުފައްދާ މައި ކާރުހާނާއަށް ވެސް ހަމަލާ ދިނުމުން ގެއްލުން ވެފައި ވާތީ، ސަޕްލައި އަށް އިތުރަށް ބުރޫއަރާނެކަމަށް ބެލެވެ އެވެ. 

އެމެރިކާ އާއި އިޒްރޭލުން ދިން ހަމަލާތަކުގައި އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލުމާ އެކު ފެށިފައިވާ ހަނގުރާމަ މިހާރު ވަނީ ތިން ވަނަ ހަފްތާއަކަށް ދިގު ދެމިގެން ގޮސްފަ އެވެ.

ޚާމަނާއީގެ އިތުރުން، އީރާނުގެ ނޭޝަނަލް ސެކިއުރިޓީ ޗީފް އަލީ ލަރީޖާނީ އާއި އީރާނުގެ އިންޓެލިޖެންސް މިނިސްޓަރު އިސްމާއިލް ޚަތީބުގެ އިތުރުން އީރާނުގެ ސަރުކާރާއި އަސްކަރިއްޔާގެ އިސް ވެރިންތަކެއް ވަނީ އަވަހާރަކޮށްލައިފަ އެވެ.

އިޒްރޭލުން ވަނީ ފަލަސްތީނުގެ އިސްލާމިކް ޖިހާދުގެ އަސްކަރީ ވެރިޔާ އަކްރަމް އަލް-އަޖޫރީއަށް އަމާޒުކޮށް ވެސް ހަމަލާދީފަ އެވެ. އަދި އީރާނުގެ އާ ލީޑަރު މުޖްތަބާ ޚާމަނާއީ ހޯދައި އަވަހާރަކޮށްލާނެ ކަމަށްވެސް ވަނީ ބުނެފަ އެވެ.

އެކަމާ ގުޅިގެން އީރާނުގެ ލީޑަޝިޕް ބަލިކަށިވެފައިވިޔަސް، ދައުލަތް ހިންގުމުގެ އޮނިގަނޑު އަދިވެސް ގުޑުވައިނުލެވޭކަމަށް އެމެރިކާގެ ޖާސޫސީ އިދާރާގެ އިސް ވެރިޔާ ވަނީ ވިދާޅުވެފަ އެވެ.