އޮސްޓްރޭލިއާގެ އަސްކަރިއްޔާގެ އިސް މަގާމުތަކަށް ގެނައި ބަދަލުތަކުގެ ތެރެއިން، އެ ގައުމުގެ ތާރީހުގައި ފުރަތަމަ ފަހަރަށް އަންހެނަކު ސިފައިންގެ އެންމެ އިސްވެރިޔާގެ މަގާމަށް އައްޔަންކުރަން ނިންމައިފި އެވެ.

ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނީ، މިހާރުގެ ޗީފް އޮފް ޖޮއިންޓް ކޭޕަބިލިޓީސްގެ މަގާމުގައި ހުންނެވި ލެފްޓިނަންޓް ޖެނެރަލް ސޫޒަން ކޮއިލް، އަންނަ ޖުލައި މަހު އާމީ ޗީފްގެ މަގާމާ ހަވާލުވެވަޑައިގަންނަވާނެ ކަމަށެވެ. އޭނާ އެ މަގާމާ ހަވާލުވެވަޑައިގަންނަވާނީ މިހާރު އެ މަގާމުގައި ހުންނެވި ލެފްޓިނަންޓް ޖެނެރަލް ސައިމަން ސްޓުއާޓްގެ ބަދަލުގަ އެވެ.

ލެފްޓިނަންޓް ޖެނެރަލް ކޮއިލް މި މަގާމަށް އައްޔަންކުރަން ނިންމާފައި މިވަނީ، އޮސްޓްރޭލިއާގެ އަސްކަރިއްޔާގައި އަންހެން އޮފިސަރުންގެ އަދަދު އިތުރުކުރުމަށް މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގަ އެވެ. މީގެ އިތުރުން، އެ ގައުމުގެ އަސްކަރިއްޔާގެ ތެރޭގައި ނިޒާމީ ގޮތެއްގައި ޖިންސީ ފުރައްސާރަކުރުމާއި ތަފާތުކުރުންތައް ގެންގުޅޭ ކަމަށް ބުނެ ހުށަހެޅިފައިވާ ގިނަ މައްސަލަތަކަކާ އެކު އަސްކަރިއްޔާއަށް ވަނީ ފާޑުކިޔުން ވެސް އަމާޒުވެފަ އެވެ. 

އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތަނީ އެލްބަނީޒް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ "އަންނަ ޖުލައި މަހުން ފެށިގެން، އޮސްޓްރޭލިއާގެ ސިފައިންގެ 125 އަހަރުވީ ތާރީހުގައި ފުރަތަމަ ފަހަރަށް އަންހެން އާމީ ޗީފަކު ފެންނާނެ" ކަމަށެވެ.

ޑިފެންސް މިނިސްޓަރު ރިޗަޑް މާލްސް ވެސް ވަނީ ލެފްޓިނަންޓް ޖެނެރަލް ކޮއިލް ސިފައިންގެ ވެރިކަމަށް ގެނައުމަކީ ތާރީހީ އަދި ހާއްސަ ކަމެއްގެ ގޮތުގައި ސިފަކުރައްވައިފަ އެވެ. 

"ސޫޒަން ހޯއްދެވި މި ކާމިޔާބީއަކީ މިއަދު އޮސްޓްރޭލިއާގެ ޑިފެންސް ފޯސްގައި ހިދުމަތް ކުރަމުން އަންނަ އަންހެނުންނަށާއި، މުސްތަގުބަލުގައި އެ ފޯސްގައި ހިދުމަތް ކުރުމަށް ވިސްނާ އަންހެނުންނަށް ވަރަށް ބޮޑު އުންމީދެއް،" މާލްސް ވިދާޅުވި އެވެ. 

ލެފްޓިނަންޓް ޖެނެރަލް ކޮއިލް، 55، އަސްކަރިއްޔާއާ ގުޅިވަޑައިގަތީ 1987 ވަނަ އަހަރު އެވެ. އޭނާ ވަނީ ކޮމާންޑްގެ އިސް ގިނަ މަގާމުތަކެއް ފުރުއްވައިފަ އެވެ. މިނިސްޓަރު މާލްސް ވިދާޅުވި ގޮތުގައި، އޭނާ ވެގެންދާނީ އޮސްޓްރޭލިއާ އަސްކަރިއްޔާގެ ސާވިސް ބްރާންޗަކަށް އިސްކޮށް އައްޔަންކުރެވޭ ފުރަތަމަ އަންހެން އޮފިސަރަށެވެ.

މިހާރު އޮސްޓްރޭލިއާގެ ޑިފެންސް ފޯސް (އޭޑީއެފް) ގެ ގާތްގަނޑަކަށް 21 ޕަސެންޓަކީ އަންހެނުންނެވެ. އަދި އިސް މަގާމުތަކުގެ 18.5 ޕަސެންޓް ހިއްސާކުރަނީ ވެސް އަންހެނުންނެވެ. އޭޑީއެފް އިން އަމާޒު ހިފާފައިވަނީ 2030 ވަނަ އަހަރާ ހަމައަށްދާއިރު، އަސްކަރިއްޔާގައި އަންހެނުން ހިއްސާކުރާ މިންވަރު 25 ޕަސެންޓަށް އިތުރުކުރުމަށެވެ.