ބަންގްލާދޭޝްގެ ކޮކްސް ބާޒާރުން ފުރައިގެން މެލޭޝިއާއަށް ރޮހިންޖާ އަދި ބަންގްލަދޭޝްގެ ހިޖުރަވެރިންގެ 250 އަށްވުރެ ގިނަ މީހުން ގޮވައިގެން ދަތުރުކުރި ބޯޓެއް އަންޑަމަން ކަނޑަށް ފެތިފައިވާ ބަންގްލާދޭޝްގެ ފުލުހުން މިއަދު ބުނެފި އެވެ. 

މިކަން އެނގުނީ، މި މަހުގެ 9 ވަނަ ދުވަހު ބަންގްލާދޭޝްގެ އުޅަނދަކުން، އިންޑިއާ ކަނޑުން ސަލާމަތްކުރި ނުވަ މީހަކު ބަންގްލަދޭޝްގެ ފުލުހުންނާ ހަވާލުކުރުމުން އެ މީހުން ދިން މައުލޫމާތުންނެވެ.

ޓެކްނާފް ޕޮލިސް ސްޓޭޝަންގެ އޮފިސަރު އިން ޗާޖް ސައިފުލް އިސްލާމް ވިދާޅުވި ގޮތުގައި، ބޯޓުގައި ތިބި މީހުންގެ ސީދާ އަދަދެއް އަދި ކަށަވަރެއް ނުވެ އެވެ. ނަމަވެސް، އޭނާ ވިދާޅުވީ އެ ބޯޓުގައި "ވަރަށް ގިނަ" ބަޔަކު ތިބި ކަމަށެވެ.

ސަލާމަތްކުރި ނުވަ މީހުންގެ ތެރެއިން ހަ މީހުންނަކީ ހިއުމަންޓްރެފިކިންގައި އުޅޭ ބައެއް ކަމަށް ތުހުމަތު ކުރެވޭތީ، އެ މީހުން މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ. 

މި މައްސަލައާ ގުޅޭ ގޮތުން ކޮށްފައިވާ ތުހުމަތުގައިވާ ގޮތުން ރޮހިންޖާ މީހުންނާއި ބަންގްލަދޭޝް މީހުން ގަވާއިދާ ހިލާފަށް މެލޭޝިއާއަށް ގެންދިޔަ މި ބޯޓު ފެތިފައިވަނީ މޫސުން ގޯސްވުމުގެ ސަބަބުންނެވެ.

ހާދިސާގައި ސަލާމަތްވި ރޮހިންޖާ މީހެއް ކަމަށްވާ ރަފީގުލް އިސްލާމް، ބަންގްލަދޭޝްގެ "ދަ ޑެއިލީ ސްޓާ" ނޫހަށް ކިޔައިދީފައިވާ ގޮތުގައި، ބޯޓުގައި ފަޅުވެރިންނާއި ހިއުމަންޓްރެފިކިންގައި އުޅޭ މީހުން ހިމެނޭހެން ގާތްގަނޑަކަށް 280 މީހުން ތިއްބެވެ. އޭގެ ތެރޭގައި 150 ވަރަކަށް ރޮހިންޖާ މީހުން ހިމެނޭއިރު، ބާކީ ތިބީ ބަންގްލަދޭޝް މީހުންނެވެ.

ރަފީގުލް ބުނި ގޮތުގައި، ބޯޓުގައި މީހުން ގިނަވުމުގެ ސަބަބުން ނޭވާ ހާސްވެގެން 25 އާއި 30 އާ ދެމެދުގެ އަދަދަކަށް މީހުން މަރުވި އެވެ. އަދި ބޯޓު ބަންޑުން ޖަހާލީ ބޮޑެތި ރާޅުތަކެއްގައި ޖެހިގެން ކަމަށް އޭނާ ބުނެފައިވެ އެވެ.

ބަންގްލަދޭޝްގެ ކޯސްޓްގާޑުން ބުނި ގޮތުގައި، އޭޕްރީލް 9 ވަނަ ދުވަހު ނުވަ މީހަކު ސަލާމަތްކޮށްފައިވަނީ ޗަޓްގްރާމުން އިންޑޮނީޝިއާއަށް ދަތުރުކުރި ބަންގްލަދޭޝްގެ އުޅަނދަކުންނެވެ.

އދ.ގެ ރެފިއުޖީ އެޖެންސީ އާއި އިންޓަނޭޝަނަލް އޮގަނައިޒޭޝަން ފޯ މައިގްރޭޝަން (އައިއޯއެމް) އިން ނެރުނު ގުޅިފައިވާ ބަޔާނެއްގައި ބުނީ، މި ހިތާމަވެރި ހާދިސާއަކީ ރޮހިންޖާ މީހުންގެ ހާލަތަށް ދާއިމީ ހައްލެއް ނުލިބި ދިގުލައިގެން ދިއުމުގެ ނަތީޖާ ކަމަށެވެ.

ބަންގްލަދޭޝްގައި ގާތްގަނޑަކަށް 1.3 މިލިއަން ރޮހިންޖާ މީހުން ދިރިއުޅެމުންދާއިރު، މީގެ ތެރެއިން ގިނަ މީހުންނަކީ 2017 ވަނަ އަހަރު މިއަންމާގެ އަސްކަރިއްޔާއިން ހިންގި ލާއިންސާނީ އަމަލުތަކުން ސަލާމަތްވުމަށް ފިލައިގެން އައި މީހުންނެވެ.

އޭގެ ފަހުން، މިއަންމާގެ އަސްކަރީ ސަރުކާރުގެ އަނިޔާވެރިކަމާ ހުރެ އެ މީހުން އެނބުރި ގައުމަށް ފޮނުވުމުގެ އެއްވެސް ރަސްމީ މަސައްކަތެއް ކާމިޔާބުވެފައެއް ނުވެ އެވެ. މިކަމުގެ ސަބަބުން އުއްމީދެއް ނެތިފައި ތިބި ރޮހިންޖާ މީހުންނަށް މަޖުބޫރުވަނީ، ރެފިއުޖީ ހާލަތުން ސަލާމަތްވުމަށްޓަކައި ކަނޑުމަގުން ނުރައްކާތެރި ދަތުރުތައް ކޮށްގެން އެހެން ގައުމުތަކަށް ދާށެވެ.