އިޒްރޭލުގެ ހަމަލާތަކުގައި ބިމާ ހަމަކޮށްލާފައިވާ، ފަލަސްތީނުގެ ޣައްޒާ އަލުން ބިނާކުރުމަށް ކުރިއަށް އޮތް 10 އަހަރު ދުވަހުގެ ތެރޭގައި 71.4 ބިލިއަން ޑޮލަރު ބޭނުންވާނެ ކަމަށް އދ. އާއި އީޔޫ އިން ހޯމަ ދުވަހު އާންމުކުރި ރިޕޯޓެއްގައި ބުނެފި އެވެ.
"ޣައްޒާ ރެޕިޑް ޑެމޭޖް އެންޑް ނީޑްސް އެސެސްމަންޓް" (އާރްޑީއެންއޭ) ގައި ބަޔާންކޮށްފައިވާ ގޮތުން، ދެ އަހަރު ވަންދެން ޣައްޒާއަށް ދިން ހަމަލާތަކުގެ ސަބަބުން ވަނީ ބަޔާން ނުކުރެވޭހާ ބޮޑެތި އުމްރާނީ ގެއްލުންތައްވެ އިންސާނީ ކާރިސާއެއްގެ ތެރެއަށް އެ ސަރަހައްދު ވެއްޓިފަ އެވެ.
"އާރާސްތުކުރުމާއި އަލުން ބިނާކުރުމަށް ގާތްގަނޑަކަށް 71.4 ބިލިއަން ޑޮލަރު ބޭނުންވާނެ ކަމަށް އަންދާޒާކުރެވޭ،" ވޯލްޑް ބޭންކާ ގުޅިގެން ތައްޔާރުކުރި އެސެސްމަންޓްގައި ބުނެފައިވެ އެވެ.
ޣައްޒާގެ ބޮޑު ބައެއް — ސްކޫލްތަކާއި، ހޮސްޕިޓަލްތަކާއި އަދި އާންމު ހިދުމަތްތައް ފޯރުކޮށްދޭ އެހެނިހެން ބިނާތައް ހިމެނޭހެން — ވަނީ އިޒްރޭލުގެ ވަރުގަދަ އަސްކަރީ ހަމަލާތަކުގެ ސަބަބުން ސުންނާފަތިވެ، ކުނިބުންޏަށް ވެފަ އެވެ.
މި އެސެސްމަންޓުން ކަނޑައަޅާފައިވާ ގޮތުގައި، އަސާސީ ހިދުމަތްތައް އިއާދަކުރުމަށާއި، މުހިންމު އުމްރާނީ ވަސީލަތްތައް އަލުން ބިނާކުރުމަށާއި، އަދި އިގްތިސާދީ ކަންކަން ފަށައިގަތުމަށް ފުރަތަމަ 18 މަސްދުވަހުގެ ތެރޭގައި 26.3 ބިލިއަން ޑޮލަރު ބޭނުންވާނެ އެވެ.
"އުމްރާނީ ވަސީލަތްތަކަށް ލިބިފައިވާ ގެއްލުންތަކުގެ އަގު 35.2 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އަންދާޒާކުރެވޭއިރު، އިގްތިސާދީ އަދި އިޖުތިމާއީ ގެއްލުންތަކުގެ އަދަދު ހުރީ 22.7 ބިލިއަން ޑޮލަރުގައި،" ގުޅިފައިވާ ބަޔާނުގައި ބުނެފައިވެ އެވެ.
- 71.4 ބިލިއަން ޑޮލަރު: ކުރިއަށް އޮތް 10 އަހަރު ދުވަހުގެ ތެރޭގައި، އާރާސްތުކުރުމުގެ މަސައްކަތަށް ބޭނުންވާނެ ކަމަށް ލަފާކުރެވޭ ޖުމްލަ ފައިސާ.
- 26.3 ބިލިއަން ޑޮލަރު: އަސާސީ ހިދުމަތްތައް އިއާދަކުރުމަށް ފުރަތަމަ 18 މަސް ދުވަހުގެ ތެރޭގައި ބޭނުންވާ އަދަދު.
- 35.2 ބިލިއަން ޑޮލަރު: ގައްޒާގެ އުމްރާނީ ވަސީލަތްތަކަށް ލިބިފައިވާ ގެއްލުމުގެ އަންދާޒާ އަގު.
- 22.7 ބިލިއަން ޑޮލަރު: އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ލިބިފައިވާ ގެއްލުންތަކުގެ ޖުމްލަ.
- 371,888 ގެދޮރު: ހަނގުރާމައިގައި ހަލާކުވެފައިވާ ނުވަތަ ގެއްލުން ލިބިފައިވާ ބޯހިޔާވަހިކަމުގެ ޔުނިޓްތަކުގެ އަދަދު.
- 84 ޕަސެންޓް: ހަނގުރާމައިގެ ސަބަބުން ޣައްޒާގެ އިގްތިސާދު ދަށަށް ގޮސްފައިވާ މިންވަރު.
- 1.9 މިލިއަން މީހުން: ގެދޮރު ދޫކޮށް ދާންޖެހިފައިވާ މީހުންގެ އަދަދު (މިއީ ޣައްޒާގެ މުޅި އާބާދީއާ ގާތްކުރާ އަދަދެކެވެ).
- 72,000 މީހުން: އިޒްރޭލުގެ އަސްކަރީ ހަމަލާތަކުގައި މިހާތަނަށް ޝަހީދުވި ފަލަސްތީީނު މީހުންގެ އަދަދު.
އދ. އާއި އީޔޫއިން ބާރުއަޅަނީ މި މަސައްކަތް ކާމިޔާބުކުރުމަށްޓަކައި ދެމެހެއްޓެނިވި ގޮތެއްގައި ހަނގުރާމަ ހުއްޓާލުމަށާއި، އިންސާނީ އެހީ ފޯރުކޮށްދިނުމަށް އެއްވެސް ހުރަހެއް ނެތް މަގުތަކެއް ފަހިކޮށްދިނުމަށެވެ. މީގެ އިތުރުން، އާރާދުކުރުމުގެ މަސައްކަތަކީ ފަލަސްތީީނުގެ އިސްނެގުމުގެ މަތިން، ފަލަސްތީީނިއަން އޮތޯރިޓީއަށް ބާރުތައް ބަދަލުވާނެ ފަދަ ގޮތަކަށް ކުރިއަށްގެންދާ މަސައްކަތަކަށް ވާންޖެހޭނެ ކަމަށްވެސް ރިޕޯޓުގައި ބުނެފައިވެއެވެ.
އިޒްރޭލުގެ ރަސްމީ ހިސާބުތަކަށް ބަލައި އޭއެފްޕީ އިން އެއްކުރި މައުލޫމާތަށް ބަލާއިރު، އޮކްޓޫބަރު 7، 2023 ގައި އިޒްރޭލަށް ހަމާސް އިން ދިން ހަމަލާތަކުގައި 1,221 މީހުން މަރުވެފައިވާއިރު، އޭގެ ތެރޭގައި ގިނައީ އާންމުންނެވެ.
އިޒްރޭލުން ބަދަލުހިފުމުގެ ގޮތުން ފެށި އަސްކަރީ ކެމްޕޭނުގައި ޣައްޒާއިން 72,000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފަ އެވެ.