އިޒްރޭލުން ސުންނާފަތިކޮށްލާފައިވާ ޣައްޒާ އަލުން އާރާސްތުކުރުމުގެ މަސައްކަތް ބައިނަލްއަގުވާމީ މުޖުތަމައުން މިހާރުން މިހާރަށް ފަށަންޖެހޭ ކަމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން ވިދާޅުވެއްޖެ އެވެ.
އދ. ގެ އާންމު މަޖިލީހުގައި އަންގާރަ ދުވަހު ތަގުރީރު ކުރައްވަމުން އުރުދުޣާން ވިދާޅުވީ، ޣައްޒާ އަލުން ބިނާކުރުމުގެ ފުރުސަތު ހޯދުމަށްޓަކައި ދުނިޔޭގެ ލީޑަރުން އިޒްރޭލަށް ފިއްތުންތައް އިތުރުކުރަން ޖެހޭ ކަމަށެވެ.
އޮކްޓޯބަރު 2023 ގައި ހަމާސްއިން އިޒްރޭލަށް ދިން ހަމަލާއާ ގުޅުވައި އިޒްރޭލުން ދެމުންދާ ވަރުގަދަ ހަމަލާތަކުގައި ޣައްޒާގެ ބޮޑު ބައެއް ވަނީ ސުންނާފަތިވެފަ އެވެ. އދ. ގެ ހިސާބުތަކުން ދައްކާގޮތުގައި، އޮކްޓޯބަރު 2025 އާ ހަމައަށް އައިއިރު ޣައްޒާގެ އިމާރާތްތަކުގެ 84 ޕަސެންޓް ވަނީ ހަލާކުވެ ނުވަތަ މުޅިން ބިމާ ހަމަވެފަ އެވެ.
އެމެރިކާ މެދުވެރިވެގެން 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހު، ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމެއް ހެދި ނަމަވެސް، އިޒްރޭލުން ދަނީ ހަމަލާތައް ކުރިއަށްގެންދަމުންނެވެ. އަދި ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ބުނާ ގޮތުގައި، ޣައްޒާ އާރާސްތުކުރުމަށް ބޭނުންވާ ސާމާނު އެތެރެކުރުން އިޒްރޭލުން ހިފަހައްޓަމުން ދިއުމުގެ ސަބަބުން އަދިވެސް އަމަލީ މަސައްކަތް ފެށޭ ގޮތެއް ނުވެ އެވެ.
އދ. އާއި ވޯލްޑް ބޭންކް އަދި ޔޫރަޕިއަން ޔޫނިއަން ގުޅިގެން ނެރުނު ރިޕޯޓެއްގައިވާ ގޮތުން، ކުރިއަށް އޮތް ދިހަ އަހަރު ދުވަހުގެ ތެރޭގައި ޣައްޒާ އަލުން ބިނާކޮށް އާރާސްތުކުރުމަށް 71.4 ބިލިއަން އެމެރިކާ ޑޮލަރު ބޭނުންވާނެ އެވެ.