މިދިޔަ ހަފުތާ ބަންދުގައި ގާތްގަނޑަކަށް 300 މިލިއަން ޑޮލަރުގެ ކްރިޕްޓޯކަރަންސީ ވަގަށް ނަގާފައިވާ ކަމަށާއި މިކަން ކުރި ކަމަށް ބެލެވެނީ އުތުރު ކޮރެއާގެ މަޝްހޫރު ހެކިން ގްރޫޕަކުން ކަމަށް ތުހުމަތުކޮށްފި އެވެ.
އދ. ގެ ޕެނަލަކުން ބުނި ގޮތުގައި، އުތުރު ކޮރެއާގެ ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ މަޝްރޫއުތަކަށް ފަންޑު ހޯދުމަށް އެ ގައުމުގެ ވަރުގަދަ ސައިބަ ކްރައިމް ޕްރޮގްރާމް މެދުވެރިކޮށް ކްރިޕްޓޯކަރަންސީ ވަގަށް ނަގަ އެވެ. މިއީ އެ ގައުމަށް ތުހުމަތުކުރެވޭ މިފަދަ އެންމެ ބޮޑު އެއް ހާދިސާ އެވެ.
ޑިޖިޓަލް ކަރަންސީގެ ހަބަރުތައް ގެނެސްދޭ "ކޮއިންޑެސްކް" އިން ބުނި ގޮތުގައި، އޮންލައިން އިންވެސްޓްމަންޓް ޓޫލެއް ކަމަށްވާ "ކެލްޕްޑާއޮ" އަށް ހޮނިހިރު ދުވަހު ހަމަލާދީގެން ކުރި މި ވައްކަމަކީ މި އަހަރު މިހާތަނަށް ހިނގި މިފަދަ އެންމެ ބޮޑު ހާދިސާ އެވެ.
ކެލްޕްޑާއޮ އިން އަންގާރަ ދުވަހު ބުނި ގޮތުގައި، މި ހެކް ކުރުމުގެ ތެރޭގައި "ލޭޔާޒީރޯ" ކިޔާ އެހެން ކްރިޕްޓޯ އެޕްލިކޭޝަނަކުން ހޯސްޓްކުރާ ދެ ބްލޮކްޗެއިން ސާވާއެއްގެ ސަލާމަތީ ހުރަސްތައް ވަނީ ފޫއަޅުވާލައިފަ އެވެ. އަދި މަޝްހޫރު އެތީރިއަމް ކަރަންސީއާ ގުޅިފައިވާ ޓޯކަންތަކެއް ކެލްޕްޑާއޮ އިން ވަގަށް ނެގުމުގެ ފުރުސަތު ހެކަރުންނަށް ލިބުނެވެ.
"އޭޕްރީލް 18، 2026 ގައި ކެލްޕްޑީއޭއޯ އިން ގާތްގަނޑަކަށް 290 މިލިއަން ޑޮލަރު ވަނީ ވަގަށް ނަގާފައި،" ލޭޔާޒީރޯ އިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
ފެންނަން ހުރި ހެކިތަކުން އެނގޭ ގޮތުގައި މިއީ އުތުރު ކޮރެއާގެ "ލާޒަރަސް ގްރޫޕް" ފަދަ ވަރުގަދަ، ދައުލަތަކާ ގުޅުން ހުރި ބަޔަކު ރާވައިގެން ހިންގާފައިވާ އަމަލެއް ކަމަށް ލޭޔާޒީރޯ އިން ބުންޏެވެ. ނަމަވެސް، އެހެން އެއްވެސް އެސެޓަކަށް ނުވަތަ އެޕްލިކޭޝަނަކަށް މީގެ ނުރައްކަލެއް ނެތް ކަމުގެ ޔަގީންކަން އެ ކުންފުނިން ވަނީ ކަސްޓަމަރުންނަށް ދީފަ އެވެ.
ބްލޮކްޗެއިން ޓެކްނޮލޮޖީގެ ސަބަބުން ސަރުކާރުތަކާއި ބޭންކުތައް ފަދަ މެދުވެރިންނާ ނުލައި މުއާމަލާތްތައް ކުރެވެ އެވެ. މިއީ ޑިސެންޓްރަލައިޒްޑް ފައިނޭންސް (ޑީފައި) ގެ ނަމުން މަޝްހޫރު ކޮންސެޕްޓެކެވެ.
ނައިން ބްލޮކްސް ކެޕިޓަލް މެނޭޖްމަންޓްގެ ކޯ-ފައުންޑަރު ހެންރީ އާސްލާނިއަން ވިދާޅުވި ގޮތުގައި، މިފަދަ ހާދިސާތަކުގެ ސަބަބުން ޑީފައި ދުނިޔެއަށް އަލަށް ވަންނަ މީހުންނަށް ޔަގީންކަން ގެއްލޭނެ އެވެ.
"މިއީ އުތުރު ކޮރެއާގެ ލާޒަރަސް ގްރޫޕްގެ އަމަލެއްކަން ސާފުކޮށް އެނގޭ. މިފަދަ ހެކެއް ކުރާނެ ފަންނީ ގާބިލްކަމާއި ބާރު ދުނިޔޭގެ އެހެން އެއްވެސް ގްރޫޕެއްގެ ކިބަޔަކު ނެތް،" އޭނާ ވިދާޅުވި އެވެ.
އދ. ގެ ޕެނަލަކުން 2024 ވަނަ އަހަރު އަންދާޒާކޮށްފައިވާ ގޮތުގައި، 2017 ވަނަ އަހަރުން ފެށިގެން އުތުރު ކޮރެއާއިން ވަނީ ތިން ބިލިއަން ޑޮލަރަށްވުރެ ގިނަ ކްރިޕްޓޯކަރަންސީ ވަގަށް ނަގައިފަ އެވެ. މިދިޔަ އަހަރު އެމެރިކާއިން ވަނީ 1.5 ބިލިއަން ޑޮލަރުގެ ޑިޖިޓަލް އެސެޓް ވަގަށް ނެގުމުގެ ފަހަތުގައި އޮތީ އުތުރު ކޮރެއާ ކަމަށް ތުހުމަތުކޮށްފަ އެވެ. އެއީ އޭރު ތާރީހުގައި ހިނގި އެންމެ ބޮޑު ކްރިޕްޓޯ ވައްކަމެވެ. -- އޭއެފްޕީ