އޮސްޓްރޭލިއާގެ ނޫސްތަކުން އުފައްދާ ޚަބަރުތަކަށް ފައިސާ ދޭން ޓެކްނޮލޮޖީގެ ބޮޑެތި ކުންފުނިތައް ކަމަށްވާ މެޓާ، ގޫގުލް އަދި ޓިކްޓޮކުން އެއްބަސްނުވާ ނަމަ އެ ކުންފުނިތަކުން ދައުލަތަށް ޓެކްސް ނެގުމުގެ ގާނޫނެއްގެ ޑްރާފްޓް މިއަދު ހާމަކޮށްފި އެވެ.
ކިޔުންތެރިން ޚަބަރު ހޯދަން ސޯޝަލް މީޑިއާ ބޭނުންކުރާ މިންވަރު އިތުރުވަމުންދާތީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުދި މީޑިއާ ކުންފުނިތައް ދަނީ ދެމިއޮތުމަށްޓަކައި ބޮޑު ހަނގުރާމައެއް ކުރަމުންނެވެ.
އޮސްޓްރޭލިއާ ސަރުކާރުން ބޭނުންވަނީ، ޓެކް ކުންފުނިތަކުގެ ޕްލެޓްފޯމްތަކަށް މީހުން ގެނައުމަށް އެހީތެރިވެދޭ ޚަބަރުތައް ހިއްސާކުރާތީ، އެ ކުންފުނިތަކުން އެގައުމުގެ ނޫސްތަކަށް ބަދަލު ދިނުމަށެވެ.
ބޮޑުވަޒީރު އެންތަނީ އަލްބަނީޒް ވިދާޅުވީ، ޓެކް ކުންފުނިތައް ކަމަށްވާ މެޓާ، ގޫގުލް އަދި ޓިކްޓޮކަށް، އެގައުމުގެ ނޫސްތަކާ އެކު އެއްބަސްވުންތަކެއް ހަދަން ފުރުސަތު ދޭނެ ކަމަށެވެ.
އެކަމަށް އެ ކުންފުނިތަކުން ދެކޮޅު ހަދާ ނަމަ، އޮސްޓްރޭލިއާއިން އެ ކުންފުނިތަކަށް ލިބޭ އާމްދަނީގެ 2.25 ޕަސެންޓަށް އަރާ މިންވަރުގެ ޓެކްސްއަކާ ކުރިމަތިލާން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ބޮޑެތި ޑިޖިޓަލް ޕްލެޓްފޯމްތަކަށް 'ނިއުސް މީޑިއާ ބާގޭނިން ކޯޑު' ގެ ދަށުން އެ މީހުންގެ މައްޗަށް ލާޒިމުކުރާ ކަންކަމުން ރެކިައެއް ނުގަނެވޭނެ،" އަލްބަނީޒް ނޫސްވެރިންނަށް ވިދާޅުވި އެވެ.
"މި ވަގުތަށް ބަލާއިރު އެ ތިން ކުންފުންޏަކީ މެޓާ، ގޫގުލް އަދި ޓިކްޓޮކް."
މި ބަދަލުތަކުގެ މަގުސަދަކީ، ކުރީގެ މީޑިއާ ގާނޫނުގައި އޮތް ބައެއް 'ލޫޕްހޯލްތައް' ބަންދުކުރުމެވެ. އެ ކަންކަމުގެ ސަބަބުން، ޕްލެޓްފޯމްތަކުން ޚަބަރުތައް އުނިކޮށްލުމުން ފައިސާ ދެއްކުމުން ސަލާމަތްވެވެ އެވެ.
މި ތިން ކުންފުނި ހޮވާފައިވަނީ، އޮސްޓްރޭލިއާއިން އެމީހުންނަށް ލިބޭ އާމްދަނީ އާއި އެގައުމުގައި އެ ޕްލެޓްފޯމްތައް ބޭނުންކުރާ މީހުންގެ އަދަދަށް ބަލައިގެންނެވެ.
"އަހަރެމެން ބާރުއަޅަނީ އެ މީހުން ނޫސް އިދާރާތަކާ އެކު މަޝްވަރާގެ މޭޒަށް އައިސް މި އެއްބަސްވުންތައް ހަދަން،" އަލްބަނީޒް ވިދާޅުވި އެވެ.
ނޫސްވެރިކަމަކީ އޭގެ "މާލީ އަގު" ކަނޑައެޅިފައި އޮންނަންޖެހޭ އެއްޗެއް ކަމަށް އަލްބަނީޒް ވިދާޅުވި އެވެ.
"ބޮޑެތި މަލްޓިނޭޝަނަލް ކުންފުނިތަކުން އެއްވެސް ބަދަލެއް ނުދީ، އެ ޚަބަރުތައް ބޭނުންކޮށްގެން ފައިދާ ހޯދުމުގެ ފުރުސަތު އޮވެގެން ނުވާނެ."
މި ގާނޫނުގެ ޑްރާފްޓް ފަރުމާކޮށްފައިވަނީ، ޓެކް ކުންފުނިތަކުން އެ މީހުންގެ ޕްލެޓްފޯމްތަކުން ޚަބަރުތައް ހަމައެކަނި އުނިކޮށްލުމުން ފުދޭގޮތަށް އޮތް އޮތުން ހުއްޓުވުމަށެވެ.
އޮސްޓްރޭލިއާއިން 2024 ވަނަ އަހަރު މިފަދަ ގާނޫނެއްގެ ވާހަކަ ދެއްކުމުން، ފޭސްބުކްގެ މައި ކުންފުނި މެޓާއިން ވަނީ އޮސްޓްރޭލިއާގެ ޔޫސަރުންނަށް "ނިއުސް" ޓެބް ބޭނުން ނުކުރެވޭ ގޮތް ހަދާނެ ކަމަށް ބުނެފަ އެވެ.
މެޓާއިން މީގެ ކުރިން ވަނީ އެމެރިކާ، އިނގިރޭސިވިލާތް، ފްރާންސް އަދި ޖަރުމަނުގެ ނޫސް އިދާރާތަކާ އެކު ވެފައިވާ އެއްބަސްވުންތައް އާނުކުރާނެ ކަމަށް ބުނެފަ އެވެ.
މެޓާއިން ބުނީ ހުށަހަޅާފައިވާ މި ގާނޫނަކީ "ޑިޖިޓަލް ސާވިސް ޓެކްސް" އެއް ފިޔަވައި އިތުރު އެއްޗެއް ނޫން ކަމަށެވެ.
"ނޫސް އިދާރާތަކުން އަމިއްލައަށް އަހަރެމެންގެ ޕްލެޓްފޯމްތަކުގައި ޚަބަރުތައް ޖަހަނީ އެކަމުން އެމީހުންނަށް ފައިދާވާތީ،" މެޓާގެ ތަރުޖަމާނަކު އޭއެފްޕީއަށް ވިދާޅުވި އެވެ.
"އަހަރެމެން އެ މީހުންގެ ޚަބަރުތައް އަތުލައިގަންނަނީ ކަމަށް ބުނާ ބުނުމަކީ ކަނޑައެޅިގެން ދޮގެއް."
ގޫގުލްއިން ބުނީ މިހާރުވެސް އޮސްޓްރޭލިއާގެ 90 އަށް ވުރެ ގިނަ ނޫސް އިދާރާއާ އެކު ވިޔަފާރީގެ އެއްބަސްވުންތައް އެބައޮތް ކަމަށާއި، އޮސްޓްރޭލިއާގައި މިފަދަ އެއްބަސްވުންތަކެއް އޮތް ހަމައެކަނި ކުންފުންޏަކީ އެއީ ކަމަށެވެ.
"އަހަރެމެން މި ބިލު މިހާރު ދިރާސާކުރަމުން ދިޔަ ނަމަވެސް، އަހަރެމެންގެ ވިސްނުން ވަރަށް ސާފު: މިފަދަ ޓެކްސްއެއްގެ ބޭނުމެއް އޮތް ކަމަކަށް އަހަރެމެން ގަބޫލެއް ނުކުރަން،" ގޫގުލްގެ ތަރުޖަމާނަކު ބުންޏެވެ.
އެ ކުންފުނިން ބުނީ މައިކްރޮސޮފްޓް، ސްނެޕްޗެޓް އަދި އޯޕަންއޭއައި ފަދަ އެހެން ބޮޑެތި ޕްލެޓްފޯމްތައް އެއްވެސް އުސޫލެއް ނެތި މި ގާނޫނުން އިސްތިސްނާކޮށްފައިވާ ކަމަށެވެ.
މިފަދަ ގާނޫނުތަކަށް ތާއީދުކުރާ މީހުން ބުނަނީ، ސޯޝަލް މީޑިއާ ކުންފުނިތަކުން ޚަބަރުތައް ބޭނުންކޮށްގެން މީހުން ޝައުގުވެރިކުރުވާ ކަމަށާއި، އަދި ނޫސް އިދާރާތަކަށް ލިބެންޖެހޭ އޮންލައިން އިޝްތިހާރުގެ އާމްދަނީ އެ ކުންފުނިތަކުން ނަގަމުންދާ ކަމަށެވެ.
އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ކެންބެރާއިން ހޯދި ހޯދުންތަކުން ދައްކާ ގޮތުގައި އެގައުމުގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މީހުން ޚަބަރުގެ މަސްދަރެއްގެ ގޮތުގައި ބޭނުންކުރަނީ ސޯޝަލް މީޑިއާއެވެ.
"މީހުން ޚަބަރު ހޯދުމަށް ފޭސްބުކް، ޓިކްޓޮކް އަދި ގޫގުލް ބޭނުންކުރާ މިންވަރު ދަނީ އިތުރުވަމުން،" ކޮމިއުނިކޭޝަންސް މިނިސްޓަރު އަނީކާ ވެލްސް ވިދާޅުވި އެވެ.
"އަހަރެމެން ގަބޫލުކުރަނީ ބޮޑެތި ޑިޖިޓަލް ޕްލެޓްފޯމްތަކުން، އެމީހުންގެ ޕްލެޓްފޯމްތައް މުއްސަނދިކޮށްދީ އާމްދަނީ ހޯދައިދޭ މި ބުރަ މަސައްކަތަށް [ނޫސްވެރިކަމަށް] އިންސާފުވެރި މިންވަރެއް ދޭންޖެހޭނެ ކަމަށް."
މި ގާނޫނުގެ ޑްރާފްޓް އަންގާރަ ދުވަހު އާންމުންގެ ހިޔާލަށް ހުޅުވާލާފައިވާއިރު، އެ ފުރުސަތު މެއި މަހު ބަންދުވާނެ އެވެ.
އޭގެ ފަހުން، މިއަހަރުގެ ފަހުކޮޅު މި ބިލު ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅާނެ އެވެ. -- އޭއެފްޕީ