އެމެރިކާގެ އަސްކަރިއްޔާއިން ބޮޑު ސިއްރެއްގެ ގޮތުގައި ހިފަހައްޓަމުން އައި، ޔޫއެފްއޯއާ ބެހޭ އެތައް ލިޔުމެއް ޕެންޓަގަން އިން އާންމުކުރި އިރު ހަނދަށް ދިޔަ އެސްޓްރޮނޯޓުންނަށް ވެސް ގޮތް ނޭނގޭ އަލިގަނޑުތައް ފެނުނުކަން އެނގިއްޖެ އެވެ.
ރައީސް ޑޮނަލްޑް ޓްރަމްޕުގެ އަމުރަށް އާންމުކުރި 161 ފައިލްގެ ތެރޭގައި 1960 އާއި 1970 ގެ އަހަރުތަކުގައި ކުރިއަށްދިޔަ "އެޕޯލޯ" މިޝަންތަކުގެ ސިއްރު ޓްރާންސްކްރިޕްޓްތައް ހިމެނެ އެވެ. މީގެ ތެރޭގައި އެންމެ ފާހަގަކޮށްލެވެނީ؛
- އެޕޯލޯ 11: ހަނދުގައި ފުރަތަމަ ހިނގި ބަޒް އެލްޑްރިން 1969 ގައި ބުނެފައިވާ ގޮތުގައި، ހަނދަށް ކުރި ދަތުރުގައި ވަރަށް ވަރުގަދަ އައްޔެއް ފެނުނެވެ. އޭނާ ސިފަކޮށްފައިވާ ގޮތުގައި އެއީ ލޭޒާއެއް ފަދަ ގޮތަކަށް ފެނުނު އަލިގަނޑެކެވެ.
- އެޕޯލޯ 12: މި މިޝަންގައި ހަނދަށް ފޭބި އެލަން ބީން ރިޕޯޓުކޮށްފައިވާ ގޮތުގައި، ހަނދުން ނުކުމެގެންދާ ކަހަލަ ގޮތަކަށް "އަލިކޮޅުތަކެއް" ޖައްވުގެ ތެރޭގައި އުދުހެނިކޮށް އޭނާއަށް ފެނުނެވެ.
- އެޕޯލޯ 17: 1972 ވަނަ އަހަރު މި ދަތުރުގެ އެސްޓްރޮނޯޓުން ބުނެފައިވަނީ ޖައްވީ އުޅަނދުގައި ތިބި އިރު ބޭރުން "ހަވާ އަރުވާހެން" އަލިތައް ފެނުނު ކަމަށެވެ.
އެޕޯލޯ މިޝަންތަކުގެ އިތުރުން 1965 ވަނަ އަހަރުގެ "ޖެމިނާއި 7" މިޝަންގެ އޯޑިއޯ ރެކޯޑިންތަކުން އެނގޭ ގޮތުގައި، އެސްޓްރޮނޯޓް ފްރޭންކް ބޯމަން ވަނީ ގޮތް ނޭނގޭ އުޅަނދެއް ނުވަތަ އެއްޗެއް ފެނިގެން އެކަން ނާސާގެ ކޮންޓްރޯލް ސެންޓަރަށް ރިޕޯޓުކޮށްފަ އެވެ. އަދި އޭގެ ކައިރިން "އެތައް ޓްރިލިއަން ކުދި އެތިކޮޅުތައް" އުދުހެމުންދިޔަ ކަމަށް ވެސް އޭނާ ބުންޏެވެ.
ޔޫއެފްއޯއާ ބެހޭގޮތުން އެމެރިކާ ސަރުކާރުން ގެންގުޅޭ ސިޔާސަތަށް ފާއިތުވި އަހަރުތަކުގައި ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފަ އެވެ. ވޭތުވެދިޔަ 50 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް އެމެރިކާގެ ކޮންގްރެސްގައި ވަނީ 2022 ވަނަ އަހަރު، ޔޫއެފްއޯތަކާ ބެހޭ އަޑުއެހުންތަކެއް ބާއްވައިފަ އެވެ.
މިކަމަށް އިތުރު ޝައުގުވެރިކަމެއް ލިބުނީ، ކުރީގެ ރައީސް ބަރަކް އޮބާމާ ފެބްރުއަރީ މަހު ދެއްވި އިންޓަވިއުއެއްގައި، އޭލިއަނުންނަކީ "ހަގީގަތެއް" ކަމަށް ވިދާޅުވުމުންނެވެ. ނަމަވެސް، އޮބާމާ ވަނީ އޭނާގެ ރައީސްކަމުގެ ދައުރުގައި އެފަދަ ދިރުމެއް ހުރި ކަމުގެ ސީދާ ހެއްކެއް ފެނިފައިނުވާ ކަމަށް ވިދާޅުވެ، އެ ވާހަކަ ސާފުކޮށްދެއްވައިފަ އެވެ.
ޕެންޓަގަންގެ ރަސްމީ ވެބްސައިޓުގައި މިހާރު މި ލިޔެކިޔުންތައް ފެންނަން ހުރިއިރު، ކުރިއަށް އޮތް ތަނުގައި އިތުރު ފައިލްތައް އާންމުކުރާނެ ކަމަށް އެމެރިކާގެ ދިފާއީ ވުޒާރާއިން ބުނެ އެވެ. މިއީ ޖައްވީ ސިއްރުތައް ހޯދުމަށް ކުރާ މަސައްކަތުގައި ލިބުނު ވަރަށް މުހިންމު ކުރިއެރުމެއް ކަމަށް މާހިރުން ގަބޫލުކުރެ އެވެ.