ބައި ގަރުނަށް ވުރެ ވެސް ދުވަސް ފަހުން ހަނދުގެ ވަށައިގެން ކުރި ފުރަތަމަ ދަތުރު ކާމިޔާބުކަމާ އެކު ފުރިހަމަކުރޮށް، ހަތަރު އެސްޓްރޮނޯޓުން އެނބުރި އައީ އެވެ. އެމެރިކާގެ ޖައްވީ އިދާރާ، ނާސާއިން މި ބޮޑު ކާމިޔާބީއާ އެކު ތިބީ މި ދަތުރާ ގުޅިފައިވާ އަސްލު މިޝަންއާ މެދު ޔަގީންކަން ބޮޑުވެފަ އެވެ.  

އެމެރިކާގެ ތިނެއް އަދި ކެނެޑާއިން ވެސް މީހަކު ހިމެނޭހެން ހަތަރު އެސްޓްރޮނޯޓުން ދަތުރުކުރި ނާސާގެ އުޅަނދު ވަނީ ކެލިފޯނިއާގެ އައްސޭރިފަށަށް އެއްވެސް މައްސަލައެއް ދިމާނުވެ ތިރިކޮށްފަ އެވެ. މިއީ ހަނދުގެ ހިތްގައިމު ފޮޓޯތަކާ އެކު ނިންމާލި، އިންސާނުން ހިމެނޭ ޓެސްޓް މިޝަނެކެވެ.

"ކޮންފަދަ ފުރިހަމަ ދަތުރެއް،" މިޝަންގެ ކޮމާންޑަރު ރީޑް ވައިޒްމަން ބުންޏެވެ.

ވައިޒްމަންގެ އިތުރުން ކްރިސްޓީނާ ކޮކް، ވިކްޓާ ގްލޯވާ އަދި ޖެރެމީ ހެންސަންގެ ހާލު ވެސް ދަތުރަށް ފަހު ރަނގަޅުކަން ފާހަގަކުރަމުން އޭނާ ބުންޏެވެ. 

"އެ މީހުން ތބީ ވަރަށް ހެޔޮ ހާލުގައި، މި ބުނި އެއްޗެއްގެ މާނައަކީ އެއީ،" އެނބުރި އައުމުގެ މަރުހަލާ ނާސާގެ ލައިވްސްޓްރީމްގައި ކިޔައިދެމުންދިޔަ އޮފިޝަލް ރޮބް ނޭވިއަސް ބުންޏެވެ.

އުޅަނދު އަލުން ބިމުގެ ވައިގެ ފަށަލައިގެ ތެރެއަށް ވަން ވަގުތު މުއާސަލާތީ ގުޅުން ކެނޑުނެވެ. އެކަމަކު އެ ނުތަނަވަސްކަމަށްފަހު، ވައިޒްމަންގެ އަޑު އިވުމުން އެސްޓްރޮނޯޓުން ރައްކާތެރިކަމާ އެކު އެނބުރި އަންނަކަން ކަށަވަރުވެ އެންމެނަށް ހިތްހަމަޖެހުން ލިބުނެވެ.

އާޓެމިސް 2 ގެ ސެސްޓްރޮނޯޓުންނާ އެކު ކްރޫ މޮޑިއުލް ޕެސިފިކް ކަނޑަށް ވައްޓާލަނީ. -- ފޮޓޯ: އޭއެފްޕީ
އާޓެމިސް 2 ގެ ސެސްޓްރޮނޯޓުންނާ އެކު ކްރޫ މޮޑިއުލް ޕެސިފިކް ކަނޑަށް ވައްޓާލަނީ. -- ފޮޓޯ: އޭއެފްޕީ

ހިއުސްޓަންގައި ހުރި މިޝަން ކޮންޓްރޯލްގެ އަޑު އިވޭތޯ ބަލަން ގޮވުމުން އޭނާ ބުނީ "ތިޔަ ބޭފުޅުންގެ އަޑު ވަރަށް ސާފުކޮށް އިވޭ" ކަމަށެވެ.

ހަނދު ވަށައި ޖެހި ބުރަށް ފަހު، އެސްޓްރޮނޯޓުން ތިބި ކެޕްސޫލް ކަނޑަަށް ވައްޓާލުމާ އެކު އޭގައި ތިބި އެސްޓްރޮނޯޓުން ނެރުމުގައި ނާސާގެ މުވައްޒަފުންނާއި އެމެރިކާގެ އަސްކަރިއްޔާއިން އެހީތެރިވި އެވެ. މި މަންޒަރު ބަލަން ތިބި މިޝަން ކޮންޓްރޯލްގެ މުވައްޒަފުން ދިޔައީ އަތްޖަހައި މަރުހަބާ ކިޔަމުންނެވެ.

އޭގެ ފަހުން، ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގައި، ހެލިކޮޕްޓަރުގައި އެސްޓްރޮނޯޓުން ވަނީ ސެން ޑިއޭގޯ ކައިރިން ޕެސިފިކް ކަނޑުގައި އޮތް މަނަވަރަކަށް ގެންގޮސްފަ އެވެ. އެތަނުން އެ މީހުން ފެނުނު ގޮތުގައި އެންމެންނަށް ވެސް އެހެން މީހެއްގެ އެހީއާ ނުލައި އަމިއްލައަށް ހިނގެ އެވެ. ހާލު ރަނގަޅެވެ.

ނާސާގެ އެޑްމިނިސްޓްރޭޓަރު ޖެރެޑް އައިޒެކްމަން މި ދަތުރު ސިފަކުރެއްވީ "ފުރިހަމަ މިޝަނެއް" އެއް ކަމަށެވެ.

"އަޅުގަނޑުމެން މިހާރު އަލުން މިވަނީ ހަނދަށް އެސްޓްރޮނޯޓުން ފޮނުވުމުގެ މަސައްކަތުގެ ތެރެއަށް،" އޭނާ ވިދާޅުވިއެވެ. އަދި "މިއީ ހަމައެކަނި ފެށުމެއް" ކަމަށް ވެސް ވިދާޅުވި އެވެ.

ކާމިޔާބު ދުވަހެއް

އެސްޓްރޮނޯޓުން އެނބުރި ބިމަށް އައިއިރު، އެ މީހުންގެ އުޅަނދު ދަތުރުކުރި ބާރުމިން އަޑުގެ ދުވެއްޔަށްވުރެ 30 ގުނަ އަވަހެވެ. އަދި އުޅަނދުގެ ބޭރުގެ ހޫނުމިން އިރުގެ ސަތަހައިގެ ހޫނުމިނުގެ ދެބައިކުޅަ އެއްބަޔަށް ވުރެ މައްޗަށް ދިޔަ އެވެ.

މިއީ އުޅަނދުގެ ހީޓް ޝީލްޑް (ހޫނުން ރައްކާތެރިކޮށްދޭ އައްޑަނަ) ޓެސްޓުކުރުމަށް ލިބުނު މުހިންމު ފުރުސަތެކެވެ. މީގެ ކުރިން މީހުންނާ ނުލައި ކުރި ދަތުރުގައި ދިމާވި ބައެއް މައްސަލަތައް ހައްލުކުރުމަށްޓަކައި، މިފަހަރު އެނބުރި އައި މަގު (ޓްރެޖެކްޓަރީ) އަށް ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ.

"މި އުޅަނދު އަނބުރާ ގެނައިރު އެއްވެސް ވަރެއްގެ ނުތަނަވަސްކަމެއް އިހުސާސް ނުވި ނަމަ، އެމީހެއްގެ ވިންދު ހުރި ކަމާ މެދު ޝައްކު ކުރެވޭނެ،" ފްލައިޓް ޑިރެކްޓަރު ރިކް ހެންފްލިންގް ވިދާޅުވި އެވެ.

ނަމަވެސް، 'އާޓެމިސް 2' ގެ އެނބުރި އައުމުގެ މަރުހަލާ ދިޔައީ ވަރަށް އޮމާންކޮށެވެ.

އާޓެމިސް 2 ގައި ނަގާފައިވާ މި ފޮޓޯގައި ކަނާތްފަރާތުން އެ ފެންނަނީ ދުނިޔެ. -- ނާސާ
އާޓެމިސް 2 ގައި ނަގާފައިވާ މި ފޮޓޯގައި ކަނާތްފަރާތުން އެ ފެންނަނީ ދުނިޔެ. -- ނާސާ

މި ދަތުރުގައި ބޭނުންކުރި  އޮރިއޯން ކެޕްސޫލަށް ލިބުނު ގެއްލުންތަކާއި ދަތުރުގެ ކަންކަން ދިޔަގޮތް ވަރަށް ފަރުވާތެރިކަމާ އެކު ބަލައި ދިރާސާކުރާނެ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެސްޓްރޮނޯޓުންގެ މި "ފާހަގަކޮށްލެވޭ" ދަތުރަށް ތައުރީފު ކުރައްވައި، އޭނާ "ވަރަށް ފަހުރުވެރިވާ" ކަމަށް ވިދާޅުވެފަ އެވެ. އަދި ވަނީ މިއަށް ވުރެ ވެސް ދުރަށް ދަތުރުކުރުމުގެ އަމާޒު ހާސިލްކުރުމަށް ގޮވާލައްވައިފަ އެވެ.

"ދެން އޮތީ މާސް!، " އޭނާ ސޯޝަލް މީޑިއާގައި ލިޔުއްވާފައިވެ އެވެ.

އާޓެމިސް 2 އަކީ ހަނދުގައި އިންސާނުން ދާއިމީކޮށް ތިބެވޭނެ ގޮތް ހެދުމަށް ނާސާއިން ފެށި ޕްރޮގްރާމްގެ ދަށުން މީހުންނާ އެކު ކުރި ފުރަތަމަ މިޝަނެވެ. މީގެ ތެރޭގައި ހަނދުގައި މަރުކަޒެއް ހެދުމާއި، އެތަން ބޭނުންކޮށްގެން މާސް ފަދަ ދުރު ތަންތަނަށް ދަތުރުކުރުން ހިމެނެ އެވެ.

އިތުރު ޔަގީންކަމެއް

އުޅަނދު އުދުއްސާލީއްސުރެ ކަނޑަށް ޖެއްސުމާ ހަމައަށް މި ދަތުރަށް ނެގީ ނުވަ ދުވަހާއި، އެއް ގަޑިއިރާއި، 31 މިނެޓާއި 35 ސިކުންތެވެ. ނަމަވެސް ނާސާއިން ބުނަނީ މިއީ 10 ދުވަހުގެ މިޝަނެއް ކަމަށެވެ.

މި ދަތުރު ފެށުނީ އޭޕްރިލް 1 ވަނަ ދުވަހު ފްލޮރިޑާއިންނެވެ. މިއީ ތާރީހީ ގޮތުން ގިނަ ކަންތައްތަކެއް ފާހަގަކުރެވުނު ދަތުރެކެވެ.

މި ހަތަރު އެސްޓްރޮނޯޓުން ވެފައިވަނީ ބިމާ އެންމެ ދުރަށް ދަތުރުކުރި އިންސާނުންނަށެވެ. އެއީ 252,756 މޭލު (406,771 ކިލޯމީޓަރު) އެވެ.

ޖައްވުގެ ތެރޭގައި ދަތުރުކޮށް ހަނދުގެ ވަށައިގެން އުދުހުނުއިރު، އެމީހުން ވަނީ އެތައް ހާސް ފޮޓޯއެއް ނަގައިފަ އެވެ. މި ފޮޓޯތަކުގެ ސަބަބުން މީހުންގެ ސަމާލުކަން މި ދަތުރަށް ވަރަށް ބޮޑަށް ލިބުނެވެ.

އާޓެމިސް 2 އިން ނަގާފައިވާ ހަނދުގެ ސާފު ފޮޓޯއެއް.
އާޓެމިސް 2 އިން ނަގާފައިވާ ހަނދުގެ ސާފު ފޮޓޯއެއް.

އަދި ހަނދުގެ ސަﻄަހައަށް ގިނިހިލަ (މީޓިއޯރައިޓް) ތަކެއް ވެއްޓޭ މަންޒަރާއި، ހަނދުކޭތަ ވެސް އެ މީހުންނަށް ވަނީ ފެނިފަ އެވެ.

މި ދަތުރުގެ ތާރީހީ ބައެއް ކާމިޔާބީތަކުގެ ތެރޭގައި: ގްލޯވާ އަކީ ހަނދުގެ ވަށައިގެން ދަތުރުކުރި ފުރަތަމަ ކަޅު ނަސްލުގެ މީހާއެވެ. ކޮކް އަކީ ފުރަތަމަ އަންހެން މީހާއެވެ. އަދި ހެންސަން އަކީ އެމެރިކާ ނޫން ގައުމެއްގެ މީހުންގެ ތެރެއިން އެ ސަރަހައްދަށް ދިޔަ ފުރަތަމަ މީހާއެވެ.

ޔުނިވަސިޓީ އޮފް ޗިކާގޯގެ އެސްޓްރޮނޮމާ ޑެރެކް ބުޒާސީ ވިދާޅުވީ، މި މިޝަނަކީ "ފުރިހަމަ ކާމިޔާބީއެއް" ކަމަށެވެ.

"އާޓެމިސް ޕްރޮގްރާމާ މެދު އަޅުގަނޑުގެ ހިތުގައި ޝައްކުތަކެއް ހުރިކަމަށް އެއްބަސްވަން، އެކަމަކު މިހާރު ހަނދަށް އެނބުރި ގޮސް އެތަނުގައި ތިބުމަށް އަޅާ ފިޔަވަޅުތަކަށް އާ އިތުބާރެއް ލިބިއްޖެ،" އޭނާ އޭއެފްޕީއަށް ވިދާޅުވި އެވެ.

އަމާޒަށް ސަމާލުކަން ދިނުން

ނާސާގެ އުއްމީދަކީ 2028 ވަނަ އަހަރު އަންނަންވާއިރަށް ހަނދުގެ ސަﻄަހައިގައި އިންސާނުން ބޭތިއްބުމެވެ. އެއީ ޓްރަމްޕްގެ ދެވަނަ ދައުރުގެ ފަހު އަހަރެވެ.

ނަމަވެސް ބައެއް ތަޖުރިބާކާރުން ގެންދަވަނީ މަހުޖަނު އިލޮން މަސްކްގެ ސްޕޭސް އެކްސް އަދި ޖެފް ބޭޒޯސްގެ ބްލޫ އޮރިޖިން ކުންފުނިން ތައްޔާރުކުރާ ލޫނާ ލޭންޑަރުތައް އެ މުއްދަތަށް ތައްޔާރު ނުވެދާނެ ކަމަށް ބުނަމުންނެވެ.

މީގެ އިތުރުން، ޗައިނާއިން ވެސް ދަނީ 2030 ވަނަ އަހަރާ ހަމައަށް ހަނދަށް މީހުން ފޮނުވުމަށް ބާރަށް މަސައްކަތް ކުރަމުންނެވެ.

މި ދަނޑިވަޅުގައި، ނާސާއިން މަސައްކަތް ކުރަމުންދަނީ އާޓެމިސް 2 ގެ ކާމިޔާބީ ބޭނުންކޮށްގެން ޖައްވީ ހޯދުންތަކަށް މީހުންގެ ޝައުގުވެރިކަން އިތުރުކުރުމަށެވެ.

ޖައްވީ ސިޔާސަތުތަކާ ބެހޭ ތަޖުރިބާކާރު ކްލޭޓަން ސްވޯޕް ބުނި ގޮތުގައި، މި މިޝަނުން ސާބިތުކޮށްދެނީ "އެމެރިކާއިން ކަމެއް ހާސިލުކުރަން އަޒުމް ކަނޑައަޅައިފިނަމަ، އަދިވެސް ވަރަށް ބޮޑެތި ކަންކަން ކުރެވިދާނެ" ކަމެވެ. -- އޭއެފްޕީ