އާޓެމިސް 2 މިޝަން ހަނދުގެ ކައިރިން ކުރި ތާރީހީ ދަތުރަކީ ފިލްމު ސްޓޫޑިއޯއެއްގައި ކުޅެފައިވާ މަންޒަރުތަކެއް ކަމަށް ބުނާ ދޮގު ވާހަކަތަކާއި، އޭގައި ތިބި އެސްޓްރޮނޯޓުން ފެންނަ ފޮތޯ އާއި ވީޑިއޯއަކީ ވެސް އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ އެއްޗެހި ކަމަށް ބުނާ، އަސްލެއް ނެތް ވާހަކަތައް ވަނީ ސޯޝަލް މީޑިއާގައި ވަރަށް ވައިރަލް ވެފަ އެވެ.
އެކްސް، ޓިކްޓޮކް އަދި ފޭސްބުކް ހިމެނޭހެން ތަފާތު އެކި ޕްލެޓްފޯމްތަކުގައި މި ދޮގުތަކާ އެކު، 1969 ވަނަ އަހަރު ނާސާއިން އެޕޯލޯ 11 ގައި ހަނދަށް ދިޔަ ދަތުރަކީ ފޭކެއް ކަމަށް ބުނާ މުސްކުޅި ކޮންސްޕިރަސީ ތިއަރީތަކަށް ވަނީ އަލުން ދިރުން ލިބިފަ އެވެ.
ނާސާގެ މި ދަތުރުގައި އެސްޓްރޮނޯޓުން ވަނީ މިހާތަނަށް އިންސާނުން ދުނިޔެއާ އެންމެ ދުރަށް ދަތުރުކުރުމުގެ ރެކޯޑް ހަދައިފަ އެވެ. އެއާ އެކު އިންޓަނެޓުގައި "ފޭކް ސްޕޭސް" އަދި "ފޭކް ނާސާ" ފަދަ ހޭޝްޓެގްތައް ވަނީ ވަރަށް ބޮޑަށް އާންމުވެފަ އެވެ.
ފެތުރިފައިވާ ދޮގުތަކުގެ ތެރޭގައި، އެކްސްގައި މިލިއަނަކަށް ވުރެ ގިނަ މީހުން ބަލާފައިވާ ފޮޓޯއެއް ހިމެނެ އެވެ. އެ ފޮޓޯއިން ފެންނަނީ އާޓެމިސް 2 ގެ ފަޅުވެރިން ގްރީން ސްކްރީނެއްގެ ކުރިމަތީގައި ފިލްމު ކެމެރާތަކާ ކުރިމަތިލައިގެން ތިބޭ ތަނެވެ. އެ ފޮޓޯއިން އަންގައިދޭން ބޭނުންވަނީ އެއީ ސްޓޫޑިއޯއެއްގައި ކުޅެފައިވާ ނުވަތަ އޭއައި އިން އުފައްދާފައިވާ މަންޒަރުތަކެއް ކަމެވެ.
ބައެއް މީހުން ވަނީ މިޝަންގެ ރަސްމީ މެސްކޮޓްގެ ތެރެއިން ލިޔުންތަކެއް ފެންނަ ވީޑިއޯއެއް ބޭނުންކޮށްގެން މިއީ ފޭކް ދަތުރެއްކަން ސާބިތުކޮށްދޭން މަސައްކަތް ކޮށްފަ އެވެ.
ނަމަވެސް އޭއެފްޕީގެ ފެކްޓް-ޗެކްކުރާ ޓީމުގެ ޑިޖިޓަލް ފޮރެންސިކް މާހިރަކު ބުނި ގޮތުގައި، އެއީ ރަސްމީ ފީޑް ދެއްކި ނިއުސް ޗެނަލަކުން ލިޔުންތައް އެރުވުމުގައި (ޓެކްސްޓް އޯވަލޭ) ޓެކްނިކަލް މައްސަލައެކެވެ.
ހަނދުގެ މަތިން ގޮތް ނޭނގޭ އެއްޗެއް ދަތުރުކުރަނިކޮށް ފެނުނު ކަމަށް ބުނެ ފެތުރި އަސާސެއް ނެތް ވާހަކަތަކަށް ވެސް އެކި ޕްލެޓްފޯމްތަކުގައި މިލިއަނުން ވިއުސް ލިބިފައިވެ އެވެ.
މި ހުރިހާ ދޮގު މައުލޫމާތުތަކެއް ފެތުރެމުން ދިޔައީ، އޮރިއޯން އުޅަނދުގައި ތިބި ހަތަރު އެސްޓްރޮނޯޓުން ހަނދުގެ ކައިރިން ދަތުރުކޮށް، ދުނިޔެއަށް އެނބުރި އައުމަށް ތައްޔާރުވަމުން ދިޔަ ވަގުތު، އެ މީހުން ދެއްކި ހިތްގައިމު މަންޒަރުތަކުން މުޅި ދުނިޔެ ހައިރާންކޮށްލާފައި ވަނިކޮށެވެ.
އިންޓަނެޓްގެ "ވައިލްޑް-ވެސްޓް"
ކުރިން ހަމައެކަނި އިންޓަނެޓްގެ ވަކި ގްރޫޕްތަކެއް ތެރޭ އޮތް މި ކޮންސްޕިރަސީ ތިއަރީތައް، އާންމު އިދާރާތަކާއި މީޑިއާތަކަށް އޮންނަ އިތުބާރު ކުޑަވުމުގެ ސަބަބުން މިހާރު ވަނީ ވަރަށް ބޮޑަށް އާންމުވެފަ އެވެ.
ދޮގު މައުލޫމާތާ ގުޅޭ ދިރާސާކުރާ މައިކް ރޮތުސްޗައިލްޑް ބުނި ގޮތުގައި، ސައިންޓިފިކް ކާމިޔާބީތަކަކީ މިފަދަ ވާހަކަ ފަތުރާ މީހުންނަށް އާންމުންގެ ސަމާލުކަން ހޯދަން ލިބޭ ވަރަށް ފަސޭހަ ފުރުސަތެކެވެ.
"ބައެއް މީހުންނަކީ ކޮންމެ ބޮޑު ކަމެއް ހިނގިޔަސް، އެއީ ކޮންމެ ކަމަކަށް ވިޔަސް، އެއީ ދޮގެއް ނުވަތަ ސްޓޭޖްކޮށްފައިވާ ކަމެއް ކަމަށް ބުނުމުގެ އާދަ ހުންނަ ބައެއް،" ރޮތުސްޗައިލްޑް އޭއެފްޕީއަށް ކިޔައިދިނެވެ.
މީގެ ތެރެއިން ގިނަ މީހުން "ސައިންސާއި ފިޒިކްސްގެ މާހިރުންގެ" ގޮތުގައި ހެދިގެން އުޅެނީ، އޭރުން އެ މީހުންގެ ފޮލޯވަރުންނަށް "ރަސްމީ ވާހަކައަށް" ވުރެ އެ މީހުންގެ ވާހަކަ ގަބޫލުކުރަން ފަސޭހަވާނެތީ އެވެ.
މިކަމުން އެނގެނީ އިންޓަނެޓަކީ މިހާރު އެއްވެސް ހަމައެއް ނެތް ތަނަކަށް ވެފައިވާ ކަމެވެ. ބައެއް ޓެކް ކުންފުނިތަކުން މިފަދަ ކަންކަން ބަލާ ޓީމުތައް ކުޑަކުރުމުގެ ސަބަބުން، އިންޓަނެޓަކީ ދޮގު ޚަބަރުތައް ފެތުރޭ މަރުކަޒަކަށް ވެފައިވާ ކަމަށް ދިރާސާކުރާ މީހުން ބުނެ އެވެ.
އާޓެމިސް 2 މިޝަނަކީ ވެސް އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ ދޮގެއް ކަމަށް ބުނާ ވާހަކަތަކުގެ ސަބަބުން އެތައް ބަޔަކަށް ވާނުވާ އޮޅުނެވެ.
މިއީ އޭއައި ޓޫލްތައް ފަސޭހައިން ލިބެން ހުރުމުގެ ސަބަބުން، އަސްލު މައުލޫމާތާ މެދު ޝައްކު އުފެއްދުމަށް ދޮގު ޚަބަރު ފަތުރާ މީހުންނަށް ލިބުނު ބޮޑު ފުރުސަތެކެވެ. ދިރާސާކުރާ މީހުން މިކަމަށް ކިޔަނީ "ލަޔާސް ޑިވިޑެންޑް" އެވެ.
"ސިއްރު މައުލޫމާތު"
ނާސާއިން އެޕޯލޯ 11 ގައި 1969 ވަނަ އަހަރު ހަނދަން ދިޔަ ދަތުރުރަކީ ހޮލީވުޑް ސްޓޫޑިއޯއެއްގައި ކުޅުނު "ފިލްމެއް" ކަމަށް ބުނާ ދުވަސްވީ ވާހަކައަށް ވެސް ވަނީ މި ދޮގުތަކުގެ ސަބަބުން ބާރު ލިބިފަ އެވެ.
މި ވާހަކަތައް މިހާރު ވަނީ ފިލްމުތަކާއި ޕޮޕް ކަލްޗާގެ ތެރެއަށް ވެސް ވަދެފަ އެވެ. މިސާލަކަށް، ރޮމޭންޓިކް ކޮމެޑީ "ފްލައި މީ ޓު ދަ މޫން" ފިލްމުގައި ސްކާލެޓް ޖޮހާންސަންގެ ކެރެކްޓާއަކީ ހަނދަށް ފޭކް ދަތުރެއް ކުރުމުގެ ކަންކަން ކޮށްދޭ މީހެކެވެ. އަދި މަޝްހޫރު ބައެއް ތަރިން ވެސް ދަނީ މިފަދަ ވާހަކަތައް ފަތުރަމުންނެވެ.
"ހަނދަށް ދިޔަ ދަތުރުގެ ވާހަކައަކީ ދުވަހަކު ވެސް ނުނިމޭނެ ކޮންސްޕިރަސީއެއް،" ކެނެޑާގެ ޔުނިވަސިޓީ އޮފް އަލްބާޓާގެ މާހިރު ޓިމޮތީ ކައުލްފީލްޑް ވިދާޅުވި އެވެ.
"މިފަދަ ވާހަކަތައް މީހުންނަށް ކަމުދަނީ، އެހެން މީހުންނަށް ނޭނގޭ 'ސިއްރު މައުލޫމާތެއް' ތިމާއަށް އެނގޭކަމުގެ އިހުސާސް ކުރެވޭތީ."
މި ވާހަކަތަކަކީ ފަސޭހައިން ދޮގުކުރެވޭނެ ހެކި ހުރި ވާހަކަތަކެއް ކަމަށް ވިޔަސް، އާޓެމިސް 2 މިޝަން މި އައީ އެންމެ ފަހުގެ މިޝަންތަކަށް އެތައް އަހަރެއް ފަހުން ކަމަށް ވާތީ، މިހާރުގެ ޒުވާނުން ޖީލަށް ކުރީގެ ކަންކަން އެނގޭ ބޮޑަކަށް ނޭނގެ އެވެ.
"މިއިން އެނގެނީ ހަނދަށް ދަތުރުކުރުމަކީ ކިހާ އުނދަގޫ ކަމެއްކަން. އަހަރެމެން 1968 އިން 1972 އަށް އެކަން ކުރިން، އެކަމަކު އަލުން ކުރަން މި ދިޔައީ 2026 އާ ހަމައަށް. އެހާ ދުވަސް ނެގުމުން، ބައެއް މީހުންނަށް ކުރިން އެކަން ކުރިތޯ ޝައްކު އުފެދެނީ،" ޖައްވީ މާހިރު ފްރާންސިސް ފްރެންޗް ވިދާޅުވި އެވެ.
"މިހާރު މި ފެންނަ ރީތި ފޮޓޯތަކާއި ވީޑިއޯތަކުން އެކަނިވެސް، ހުރިހާ ޝައްކުތަކެއް ފިލައި، އިންސާނުންނަށް ކުރެވޭނެ އާދަޔާޚިލާފު ކަންކަން އަނެއްކާވެސް ސާބިތުވެގެންދާނެ."
-- އޭއެފްޕީ