ތައިލެންޑުގެ ކުރީގެ ބޮޑުވަޒީރު ތަކްސިން ޝިނަވަޓްރާ ތަންފީޒުކުރަމުން ދިޔަ ޖަލު ހުކުމުގެ މުއްދަތު ހަމަވުމުގެ ކުރިން މިއަދު ޖަލުން މިނިވަންކޮށްފި އެވެ.
ކޮރަޕްޝަންގެ ކުށުގައި ތަކްސިން ޖަލަށް ލާން ކުރި ހުކުމުގެ މުއްދަތުގެ ތެރޭގައި ޖަލަށް ނުގޮސް ހޮސްޕިޓަލުގައި އޮތުމުން، އެއް އަހަރުގެ ޖަލު ހުކުމް ތަންފީޒުކުރަން ޖަލަށް ފޮނުވަން ސުޕްރީމް ކޯޓުން ނިންމީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.
ބިލިއަނަރެއް ކަމަށްވާ ތަކްސިންގެ ވެރިކަމުގައި އޭނާގެ ނިންމެވުންތަކުގެ ސަބަބުން ބޮޑެތި މައްސަލަތައް އުފެދުނެވެ. އޭނާ ދެ ފަހަރަށް ވެރިކަން ކުރައްވާފައި ވާއިރު އޭނާ ވެރިކަމުން ދުރުކުރީ 2006 ވަނަ އަހަރު އަސްކަރީ ބަޣާވާތަކުންނެވެ. އަދި އޭގެ ފަހުން އޭނާގެ މައްޗަށް އުފުލި ހިޔާނާތާއި މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރުން ފަދަ ދައުވާތައް ސާބިތުވާ ކަމަށް ނިންމައި އަށް އަހަރަށް ޖަލަށް ލާން 2006 ވަނަ އަހަރުގެ އޯގަސްޓް މަހު ހުކުމްކުރި އެވެ.
އޭގެ ފަހުން ގައުމުން ބޭރުގައި އުޅުއްވުމަށް ފަހު އޯގަސްޓް 2023 ގައި އެނބުރި ގައުމަށް ވަޑައިގަތުމުން އަށް އަހަރުގެ ޖަލު ހުކުމެއް އިއްވި ނަމަވެސް، ސިއްހީ ސަބަބުތަކަށްޓަކައި އޭނާ ބޭއްވީ ހޮސްޕިޓަލުގަ އެވެ. ފަހުން ރަސްގެފާނުގެ މާފަކާ އެކު ހުކުމް އެއް އަހަރަށް ކުރުކުރި އެވެ.
ޓެލެކޮމް ދާއިރާގެ މަހުޖަނު، އުމުރުން 76 އަހަރުގެ ތަކްސިންގެ މައްޗަށް އިއްވާފައިވާ އެއް އަހަރުގެ ޖަލު ހުކުމުން އަށް މަސް ހޭދަވި ފަހުން މިނިވަން ކޮށްފައި ވާއިރު ބާކީ އޮތް ހަތަރު މަސް ދުވަހުގެ ޕްރޮބޭޝަން މުއްދަތުގައި އިލެކްޓްރޯނިކް މޮނިޓަރިން ޓެގެއް އަޅަން ޖެހޭނެ އެވެ.
ބެންކޮކް ޖަލުން ތަކްސިން ނުކުމެ ވަޑައިގެން އާއިލާގެ ބޭފުުޅުންގެ ގައިގައި ބައްދަވާލެއްވި އިރު، ރަތް ހެދުމުގައި އެއްވެ ތިބި ޕާޓީގެ ސަޕޯޓަރުން ތަކްސިން ދެކެ ލޯބިވާ ކަމަށް ގޮވަމުން ދިޔަ އެވެ.
ސެޕްޓެމްބަރު މަހާ ހަމައަށް ޕްރޮބޭޝަންގައި ހުންނަ އިރު، ތަކްސިންގެ މައްޗަށް އެހެން ޖިނާއީ މައްސަލަތަކެއް ވެސް އެބަހުއްޓެވެ. މީގެ ސަބަބުން އިތުރު ދައުވާތަކެއް އަތުވެދާނެތީ، ސިޔާސީ ތަގުރީރުތައް ދިނުމަށް އޭނާ ފަސްޖެހިދާނެ ކަމަށް، މަސްރަހު ދިރާސާކުރާ މީހުން ލަފާކުރެ އެވެ.
"އަހަރެން އަށް މަސް ދުވަހު އޮތީ ހައިބަނޭޝަންގައި،" މިނިވަންކަމުގެ ހިތްހަމަޖެހުން ހާމަކުރައްވަމުން ތަކްސިން ކާރުގައި އިންނަވައި ނޫސްވެރިންނަށް ވިދާޅުވި އެވެ.
ވޭތުވެދިޔަ ވިހި އަހަރު، ތަކްސިންގެ ސިޔާސީ ބާރުވެރިކަމަކީ ތައިލެންޑުގެ އަސްކަރިއްޔާ އާއި ރަސްކަމަށް ތާއީދުކުރާ ފަރާތްތަކުގެ އެންމެ ބޮޑު ގޮންޖެހުމެވެ. އެ ފަރާތްތަކުން ދެކޭގޮތުގައި ތަކްސިންގެ ސިޔާސަތުތަކަކީ ގައުމުގެ އާދަކާދަ އާއި ސަގާފަތަށް އޮތް ނުރައްކަލެކެވެ.
އޭނާގެ ފިއު ތައި ޕާޓީއަކީ 21 ވަނަ ގަރުނުގައި ތައިލެންޑުގެ އެންމެ ކާމިޔާބު ސިޔާސީ ޕާޓީ އެވެ. ޝިނަވަޓްރާ އާއިލާއިން ހަތަރު ބޭފުޅަކު ބޮޑުވަޒީރުން ވަނީ ކުރައްވައިފަ އެވެ. ނަމަވެސް މިދިޔަ ފެބްރުއަރީ މަހުގެ އިންތިހާބުގައި އެ ޕާޓީއަށް ލިބުނީ ތިންވަނަ އެވެ.
ނަމަވެސް، މިހާރުގެ ކޮންޒަވޭޓިވް ބޮޑުވަޒީރު އަނޫޓިން ޗާންވީރަކުލްގެ ސަރުކާރުގައި ފިއު ތައި ޕާޓީ ހިމެނިފައިވުމުން، ތަކްސިން އަލުން ސިޔާސީ މައިދާނަށް އައުމުގެ ފުރުސަތު އެބައޮތެވެ.
ޖަލުން އަވަހަށް ދޫކޮށްލުމަށް ނިންމީ ތަކްސިންގެ އުމުރަށާއި، ހުކުމުގައި ބާކީ އޮތީ އެއް އަހަރަށްވުރެ ކުރު މުއްދަތެއް ކަމަށްވާތީ އެވެ.