މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ އެކު ވެސް، މިއަހަރުގެ ހައްޖުގެ އަޅުކަމަށް ސައޫދީ އަރަބިއްޔާއަށް އެހެން ގައުމުތަކުން 1.5 މިލިއަނަށްވުރެ ގިނަ މީހުން އެ ގައުމަށް ގޮސްފައިވާ ކަމަށާއި މި އަދަދު މިދިޔަ އަހަރާ އަޅާބަލާއިރު އިތުރު ކަމަށް ސައޫދީގެ އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.

ފެބްރުއަރީ މަހުގެ ފަހުކޮޅު އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދިން ހަމަލާތަކާ ގުޅިގެން އުފެދުނު ހަމަނުޖެހުންތަކުގައި، އީރާނުން ރައްދުގައި ވަނީ ވަނީ ސައޫދީ އަރަބިއްޔާ އަދި ގަލްފުގެ އެކި ސަރަހައްދުތަކަށް އެތައް ހަމަލާއެއް ދީފަ އެވެ. މިކަމުގެ ސަބަބުން ވައިގެ ދަތުރުފަތުރަށް ބޮޑެތި ހުރަސްތައް ކުރިމަތިވެ، ދަތުރުފަތުރުގެ އަގުތައް ވަރަށް ބޮޑަށް އުފުލުނެވެ.

ޔޫއޭއީ، ގަތަރު އަދި ބަހުރޭން ފަދަ ގަލްފުގެ ބޮޑެތި އެއާލައިންތައް ވަނީ ހަނގުރާމައިގެ ސަބަބުން ވައިގެ ސަރަހައްދު އެތައް ހަފްތާއަކަށް ބަންދުކުރުމުން ފްލައިޓްތައް ކެންސަލްކުރަން ޖެހުނު ހާލަތުން އަރައިގަތުމަށް ގޮންޖެހުން ބޮޑު މަސައްކަތްތަކެއް ކޮށްފަ އެވެ. 

މި މަހުގެ 23 ވަނަ ދުވަހު މައްކާގެ ހަރަމްފުޅުގައި ނަމާދުކުރަނީ: މިހާރު ވެސް ވަނީ ދޮޅު މިލިއަނަށްވުރެ ގިނަ މީހުން ހައްޖުގެ އަޅުކަމަށް އެކި ގައުމުތަކުން ސައޫދީއަށް ގޮސްފައި. -- ފޮޓޯ: އޭއެފްޕީ
މި މަހުގެ 23 ވަނަ ދުވަހު މައްކާގެ ހަރަމްފުޅުގައި ނަމާދުކުރަނީ: މިހާރު ވެސް ވަނީ ދޮޅު މިލިއަނަށްވުރެ ގިނަ މީހުން ހައްޖުގެ އަޅުކަމަށް އެކި ގައުމުތަކުން ސައޫދީއަށް ގޮސްފައި. -- ފޮޓޯ: އޭއެފްޕީ

"ގައުމުން ބޭރުން އައި ހާޖީންގެ ޖުމްލަ އަދަދު މިހާރު ވަނީ 1,518,153 އަށް އަރާފައި،" ހުކުރު ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސައޫދީ އަރަބިއްޔާގެ ހައްޖު ޕާސްޕޯޓް ފޯސަސްގެ ކޮމާންޑަރު ސާލިހް އަލް-މުރައްބާ ވިދާޅުވި އެވެ.

ހޯމަ ދުވަހު ރަސްމީކޮށް ހައްޖުގެ އަޅުކަން ފެށުމުގެ ކުރިން އަދިވެސް އިތުރު ހައްޖާޖީން ދާނެ ކަމަށާއި މި އަދަދު އަދިވެސް އިތުރުވާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

މިދިޔަ އަހަރު ހައްޖުގެ އަޅުކަމުގައި ބައިވެރިވި ޖުމްލަ މީހުންގެ އަދަދަކީ 1,673,320 އެވެ. އޭގެ ތެރޭގައި ސައޫދީ އަރަބިއްޔާއިން ބޭރުން އައި 1,506,576 މީހުން ހިމެނެއެވެ.