މައްކާގެ ގަދަ ހޫނުން ސަލާމަތްވުމަށް، މިސްރުގެ އީނާސް ޖަމާލަށް ޖެހުނީ އޭނާ ކުރިން ނިންމައިގެން ހުރި ގޮތް ބަދަލުކުރާށެވެ. ހައްޖުގެ އަޅުކަން ފެށުމުގެ ކުރިން މަސްޖިދުލް ޙަރާމްގައި ގިނަ ވަގުތު ހޭދަކުރަން އުންމީދު ކުރި ނަމަވެސް، ދުވާލުގެ ވަގުތުތަކުގައި އޭނާ ނިންމީ އޭސީކޮށްފައި ހުރި ހޮޓަލުގެ ކޮޓަރީގައި ހުރެގެން ނަމާދުތައް ކުރާށެވެ.
އީނާސް ބުނި ގޮތުގައި ދުވާލު ބޭރުގައި ހޫނުމިން 40 ޑިގްރީ ސެލްސިއަސް އަށްވުރެ މައްޗަށް ދާތީ، ބޭރުގައި ގިނަވަގުތު އުޅުމަކީ ކެތްކުރެވޭވަރު ކަމެއް ނޫނެވެ.
"މިއީ އަހަރެން ހީކުރި ވަރަށްވުރެ މާ ބޮޑަށް ވެސް ހޫނު ގަދަ ތަނެއް،" ފުރަތަމަ ފަހަރަށް ހައްޖުގެ އަޅުކަން އަދާކުރާ، ހަތަރު ކުދިންގެ މަންމަ ބުންޏެވެ.
"އަހަންނަކަށް މި މޫސުމަކަށް ނުހޭނެވުނު،" ގަދަ އަވިން ލޯ ސަލާމަތްކުރުމަށް އަޅާފައިވާ އަވިއައިނު ރަނގަޅުކޮށްލަމުން އިތުރަށް ބުންޏެވެ.
"އަހަރެން ރާވައިގެން ހުރީ ހުރިހާ ނަމާދެއް މަސްޖިދުލް ޙަރާމްގައި ކުރަން. ނަމަވެސް ދުވާލުގެ ވަގުތުތަކުގައި ކުރާ ނަމާދުތަކަށް ތިރިއަށް ފައިބާާކަށް އަހަންނަކަށް ކެތެއް ނުވި."
ހައްޖުގެ ގިނަ އަޅުކަންތައްތަކަކީ މިލިއަނަކަށްވުރެ ގިނަ މީހުން އެއްތާކަށް ޖަމާވެ ބޭރުގައި ކުރަންޖެހޭ ކަންކަމަށްވާއިރު، ގަދަ ހޫނުގެ ސަބަބުން ގިނަ ބަޔަކަށް ހީޓްސްޓްރޯކް ޖެހުމާއި، ހޭނެތުމާއި، ހާޓް އެޓޭކް ޖެހުން ފަދަ ނުރައްކާތަކާ ކުރިމަތިވެ އެވެ. ސައޫދީ އަރަބިއްޔާގެ ނޭޝަނަލް ސެންޓަ ފޯ މީޓިއޮރޮލޮޖީން ލަފާކުރާ ގޮތުގައި މި ހަފުތާގައި މައްކާގެ ހޫނުމިން ހުންނާނީ 42 އާއި 47 ޑިގްރީ ސެލްސިއަސްއާ ދެމެދުގަ އެވެ.
މާދަމާ އަކީ ދެ މިލިއަނެއްހާ މީހުން އަރަފާތަށް ޖަމާވެ ހައްޖުގެ އެންމެ މުހިންމު ރުކުން ފުރިހަމަކުރާ ހާއްސަ ދުވަހެވެ.
ބޭރު ގައުމުތަކުން އަންނަ މީހުންނަށް މި ހޫނަށް ކެތްކުރުމަކީ ވަރަށް ބޮޑު ވޭނެކެވެ.
"އަހަރެމެން އަބަދު ހިނގާބިނގާވެ އުޅޭއިރު ވަރަށް ބޮޑަށް ދާހިއްލާ. އެހެންވީމާ ގިނައިން ފެނާއި، ލޮނާއި މިނަރަލްސް އެކުލެވޭ ބުއިންތައް ބޯން ސަމާލުކަން ދެން،" އިނގިރޭސިވިލާތުން އައި އިމާދު އަހްމަދު ބުންޏެވެ.
ސައޫދީ ދައުލަތުގެ ޓީވީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހައްޖާޖީން ހޫނުން ސަލާމަތްކުރުމަށްޓަކައި މަސްޖިދުލް ޙަރާމްގެ ގޯތިތެރެ ފިނިކުރަން ދުނިޔޭގެ އެންމެ ވަރުގަދަ އެއާކޮންޑިޝަން ނިޒާމުތައް އަންނަނީ ބޭނުންކުރަމުންނެވެ. މީގެ އިތުރުން ބޮޑެތި ފަންކާތަކާއި، ފެން ސްޕްރޭކުރާ (މިސްޓް) ނިޒާމުތަކާއި، ބިންމަތި ފިނިކޮށް ބަހައްޓާ ނިޒާމުތައް ވަނީ ހަރުކޮށްފަ އެވެ. ޓްރަކްތަކުގައި ގެންދަނީ ފިނި ބުއިންތައް ބަހަމުންނެވެ.
ނަމަވެސް، މި ފިޔަވަޅުތަކާ އެކު ވެސް ހަރަމްފުޅު ވަށައިގެންވާ ހުދު ހިލަތައް އަވިން ދޮންވެ ހޫނު ގަދަވެ އެވެ.
އަލްޖީރިއާގެ އޮރާން ސިޓީން އައި އުމުރުން 43 އަހަރުގެ ޕްރޮފެސަރު މުހައްމަދު ނަބީލް ބުނީ، އޭނާގެ ގައުމުގައި މިހާރު ހޫނުމިން ހުރީ 25 ޑިގްރީ ކަމަށް ވާއިރު މައްކާގައި ވަރަށް ހޫނުގަދަ ކަމަށެވެ. އޭނާ ބުނީ ހަށިގަނޑު ފިނިކޮށް ބަހައްޓަން މޫނަށް ފެންޖަހާ ކަމަށާއި، މައްކާ ބަލައިލުމަށް ހިނގާ ހިނގުމުގައި ދުވާލަކު 30،000 ފިޔަވަޅު އަޅާ ކަމަށެވެ.
ވަރަށް ގިނަ ހައްޖާޖީން އައިސްކްރީމް ގަންނަން ކިއޫ ހަދަމުންދާއިރު، އަނެއް ބަޔަކު ފިނިކަން ހޯދަނީ އިމާރާތްތަކުގެ ހިޔަލުންނާއި، ބޮޑެތި ފަންކާތަކުގެ ދަށުގައި ކާޕެޓްމަތީގައި އޮށޯވެ ތިބެގެންނެވެ.
ހައްޖުގެ އަޅުކަން ފެށުމުން، މާދަމާ އަރަފާތު ބިމަށް ދާއިރު މާ ބޮޑު ހިޔާވަހިކަމެއް ނުލިބޭނެތީ ހޫނާ ދެކޮޅަށް ކުރާ ހަނގުރާމަ ވަރުގަދަވާނެ އެވެ. ސައޫދީ ހެލްތު މިނިސްޓްރީން ބުނި ގޮތުގައި ހައްޖާޖީންނަށް އެހީވުމަށް 50،000 އަށްވުރެ ގިނަ ސިއްހީ މުވައްޒަފުންނާއި 3,000 އެމްބިއުލަންސް ވަނީ ތައްޔާރުކޮށްފަ އެވެ.
މިދިޔަ ހޮނިހިރު ދުވަހާ ހަމައަށް ހެލްތު މިނިސްޓްރީން ވަނީ ހީޓްސްޓްރޯކް ޖެހުނު 144 މީހަކަށް ފަރުވާދީފަ އެވެ. މީގެ ކުރިން، 2024 ވަނަ އަހަރު ހޫނުމިން 50 ޑިގްރީއަށްވުރެ މައްޗަށް ދިޔައިރު 1,300 އަށްވުރެ ގިނަ ހައްޖާޖީން މަރުވި ފަހުން ގަދަ ހޫނުން ސަލާމަތްކުރުމަށް ސައޫދީން ކުރާ މަސައްކަތް ވެސް ވަނީ ފުޅާކޮށް، ވަރުގަދަކޮށްފަ އެވެ.
މިނާގެ ކޭމްޕް ހޮސްޕިޓަލުގައި ހުންނަވައިގެން ހެލްތު މިނިސްޓްރީގެ ޖަމީލް އަބޫއަލްއައިނައިން ވިދާޅުވީ، އެންމެ ބޮޑު ކަންބޮޑުވުމަކީ ހޫނުމިން މައްޗަށް ދިއުން ކަމަށެވެ.
"ފުދޭވަރަށް ފެން ބުއިމާއި، ކުޑަ ނަގައިގެން އުޅުމާއި، ގިނަވަގުތު އަވީގައި ނޫޅުމަށް" އޭނާ އިރުޝާދު ދެއްވި އެވެ. -- އޭއެފްޕީ