ކެލިފޯނިއާގެ އެއާފޯސް ބޭހަކުން ނައްޓާލިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި އެމެރިކާގެ އަސްކަރިއްޔާގެ ބޮން އަޅާ ބީ-52 މަރުކާގެ ބޯޓެއް ވެއްޓި އޭގައި ތިބި އަށް މީހުން މަރުވެއްޖެ އެވެ.

ލޮސް އެންޖެލިސްގެ އުތުރުން 60 މޭލު (95 ކިލޯމީޓަރު) ދުރުގައި ހުންނަ އެޑްވާޑްސް އެއާފޯސް ބޭހަށް މި ބޯޓު ވެއްޓި ރޯވީ މިއީ އަސްކަރީ، ސަރުކާރު އަދި މަދަނީ ކޮންޓްރެކްޓަރުން ހިމެނޭ ޓީމަކާ އެކު އާންމުކޮށް ކުރިއަށްގެންދާ ޓެސްޓު މިޝަނެއްގައި ދަތުރުކުރަނިކޮށެވެ.

މި ހާދިސާގައި އެއްވެސް މީހަކު ސަލާމަތްވުމުގެ ފުރުސަތެއް ނެތް ކަމަށް އޮފިޝަލުން ބުނެފައިވާއިރު، ހާދިސާ ހިނގި ސަރަހައްދުގެ ފުޓޭޖްތަކުން ފެންނަ ގޮތުގައި އެ ބިޔަ ބޯޓުން ފެންނަން އޮތީ ވަރަށް ކުޑަ ތަންކޮޅެކެވެ.

"އެޑްވާޑްސް އެއާފޯސް ބޭހަށް މިވަނީ ވަރަށް ހިތާމަވެރި ހާދިސާއަކާ ކުރިމަތިލާން ޖެހިފައި. އަދި މި ހާދިސާގައި އެމެރިކާގެ އަށް މީހަކު ވަނީ ދުނިޔެ ދޫކޮށްފައި،" ބޭހުގައި ތިބި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ކާނަލް ޖޭމްސް ހޭޒް ވިދާޅުވި އެވެ.

ހޭޒް ވިދާޅުވި ގޮތުގައި 1950 ގެ އަހަރުތަކުން ފެށިގެން އެމެރިކާގެ އަސްކަރިއްޔާއިން ބޭނުންކުރަމުން އަންނަ ދުރު ރާސްތާގެ ބޮންއަޅާ ބޯޓެއް ކަމަށްވާ ބީ-52 ސްޓްރެޓޯފޯޓްރެސް ދަތުރުކުރަމުން ދިޔައީ ރާޑަރު ޒަމާނީ ކުރުމުގެ މަސައްކަތެއްގެ ދަށުން ކުރިއަށްގެންދިޔަ ޓެސްޓު ދަތުރެއްގަ އެވެ.

"ބޯޓު ނައްޓާލިތަނާ ވެއްޓުނި އަލިފާން ރޯވީ،" އޭނާ ވިދާޅުވި އެވެ. އަދި ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާ ހިދުމަތްތަކުން ވަގުތުން މަސައްކަތް ފެށި ނަމަވެސް، އެއްވެސް މީހަކު ސަލާމަތް ނުކުރެވޭނެކަން މާގިނައިރުތަކެއް ނުވެ އެނގުނު ކަމަށް އޭނާ އިތުރަށް ވިދާޅުވި އެވެ.

އެމެރިކާގެ އަސްކަރިއްޔާގެ  ބީ-52 މަރުކާގެ ބޯޓެއް
އެމެރިކާގެ އަސްކަރިއްޔާގެ ބީ-52 މަރުކާގެ ބޯޓެއް

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެ އެވެ. ނަމަވެސް ހާދިސާ ތަހުގީގު ކުރުމުގެ މަސައްކަތް ވަގުތުން ވަނީ ފަށައިފަ އެވެ.

މި އެކްސިޑެންޓާ ގުޅިގެން އެއާފީލްޑް ބަންދުކޮށް، އެ ސަރަހައްދަށް އަންނަން ހުރި ހުރިހާ ފްލައިޓްތަކެއް އެހެން ސަރަހައްދުތަކަށް ފޮނުވާލަމުންދާ ކަމަށް އެ ބޭހުން ސޯޝަލް މީޑިއާގައި ހާމަކޮށްފައިވެ އެވެ.

ހޭޒް ވިދާޅުވީ މަރުވި މީހުންގެ އާއިލާތަކަށް އެކަން އެންގުމުގެ މަސައްކަތް ކުރިއަށްދާތީ، އެ މީހުންގެ ވަނަވަރު ހާމަކުރާނީ އެ މަރުހަލާ ނިމުމުން ކަމަށެވެ. 

ބީ-52 އަކީ އެންމެ ފުރަތަމަ 1954 ވަނަ އަހަރު ބޭނުންކުރަން ފެށި، އަދި އަސްލު ސޯވިއެޓް ޔޫނިއަނާ ދެކޮޅަށް ކުރާ ހަނގުރާމަތަކަށް ފަރުމާކުރި ބިޔަ، ބޮންއަޅާ ބޯޓެކެވެ. ފިނި ހަނގުރާމަ ނިމުނު ފަހުން ވެސް މި ބޯޓު ހިދުމަތުގައި ބޭއްވުމަށްޓަކައި މެދުނުކެނޑި ދަނީ ޒަމާނީ ބަދަލުތައް ގެންނަމުންނެވެ.

ބޮމާއި ކުރޫޒް މިސައިލް ހިމެނޭ ގޮތަށް ގިނަ އަދަދެއްގެ ހަތިޔާރު އުފުލުމުގެ ގާބިލުކަން ލިބިގެންވާ މި ބިޔަ ބޯޓުގެ ފިޔަގަނޑުގެ ފުޅާމިނުގައި 185 ފޫޓު (56 މީޓަރު) ހުރެ އެވެ.

އެމެރިކާގެ އެއާފޯސްގެ ފެކްޓް ޝީޓެއްގައިވާ ގޮތުން، އާންމުކޮށް މި ބޯޓު ދުއްވުމުގައި ފަސް މީހުންގެ ކްރޫއެއް ހަރަކާތްތެރިވެ އެވެ. އެއީ އެއާކްރާފްޓް ކޮމާންޑަރަކާއި، ޕައިލެޓަކާއި، ރާޑަރު ނެވިގޭޓަރަކާއި، ނެވިގޭޓަރެއްގެ އިތުރުން އިލެކްޓްރޯނިކް ވޯފެއާ އޮފިސަރެކެވެ.

މި ބޯޓަކީ 8,800 މޭލުގެ ދުރަށް ދަތުރުކުރުމުގެ ގާބިލުކަން ލިބިގެންވާ، އަދި ނިއުކްލިއާ ހަތިޔާރު އުފުލުމުގެ ކުޅަދާނަކަން ވެސް ލިބިގެންވާ ބޯޓެކެވެ.

އެމެރިކާއިން ވަނީ ވިއެޓްނާމް، ގަލްފް، އިރާގު، އަފްޣާނިސްތާން، އަދި އެންމެ ފަހުން އީރާނުގެ ހަނގުރާމާފައި ވެސް މި މަތިންދާބޯޓު ބޭނުންކޮށްފަ އެވެ. -- އޭއެފްޕީ