ސްރީ ލަންކާގައި 2019 ވަނަ އަހަރުގެ އީސްޓަ ސަންޑޭގައި ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން ހައްޔަރުކޮށްފާނެތީ، އެ ގައުމުގެ ކުރީގެ ރައީސް ގޯޓާބަޔާ ރާޖަޕަކްސާ އެކަން ހުއްޓުވުމަށް ކޯޓަށް ހުށަހަޅުއްވައިފި އެވެ.
ކޯޓުން ވަނީ 279 މީހުން މަރުވި އެ ހަމަލާގެ ތަހުގީގަށް ގޯޓާބަޔާ އަކީ ސުވާލުކުރެވެން ޖެހޭނެ މީހެއް (ޕާސަން އޮފް އިންޓަރެސްޓް) އެއް ކަމަށް ކަނޑައަޅައި، މި މަހުގެ ކުރީކޮޅު އޭނާ އާއި އަސްކަރީ ޖާސޫސީ ދެ އޮފިސަރަކު ގައުމުން ބޭރަށް ފުރުން މަނާކޮށްފަ އެވެ.
މި ހަމަލާތައް ރޭވުމުގެ ތުހުމަތުގައި ގޯޓާބަޔާގެ ކުރީގެ ޖާސޫސީ އިސްވެރިޔާ ސުރޭޝް ސާލީ މިދިޔަ ފެބްރުއަރީ މަހުން ފެށިގެން ހުންނަނީ ބަންދުގަ އެވެ.
ގޯޓާބަޔާގެ ވަކީލު ވިދާޅުވި ގޮތުގައި، މި މަހުގެ 3 ގައި ކޮލަމްބޯ ފޯޓް މެޖިސްޓްރޭޓް ކޯޓުން ނެރުނު ރަށު ބަންދު އަމުރަކީ ހައްޔަރުކުރުމުގެ ކުރިން އެޅި ފިޔަވަޅެއް ކަމަށް ބެލެވޭތީ، އެކަމާ ދެކޮޅަށް އެޕީލް ކޯޓަށް ޕެޓިޝަނެއް ވަނީ ހުށަހަޅައިފަ އެވެ. ނަމަވެސް، މި މައްސަލައިގެ އަޑުއެހުމެއް ބާއްވާނެ ތާރީހެއް އަދި ކަނޑައެއް ނާޅަ އެވެ.
ލަންކާގެ ތިން ހޮޓަލަކަށާއި ތިން ފައްޅިއަކަށް ދިން މި ހަމަލާގެ ޒިންމާ އުފުލާފައިވަނީ ލަންކާގެ ހަރުކަށި ފިކުރުގެ ޖަމާއަތަކުންނެވެ. މި ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ބިދޭސީ 45 މީހަކު ހިމެނޭއިރު، 500 އަށްވުރެ ގިނަ މީހުން ޒަހަމްވި އެވެ.
ގޯޓާބަޔާ ވެރިކަމަށް ވަޑައިގަތުމާ އެކު ސްޓޭޓް އިންޓެލިޖަންސް ސާވިސްގެ ވެރިޔަކަށް ރިޓަޔާޑް މޭޖާ ޖެނެރަލް އަދި ކުރީގެ އަސްކަރީ ޖާސޫސީ ވެރިޔާ ސާލީ އައްޔަންކުރެއްވި އެވެ. އިނގިރޭސިވިލާތުގެ ޗެނަލް 4 އިން 2023 ގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، ސާލީ ވަނީ ހަމަލާގެ ކުރިން، ބޮންގޮއްވި މީހުންނާ ބައްދަލުކޮށްފަ އެވެ. އަދި އެ ހަމަލާ ދިނުމަށް އޭނާ ފުރުސަތު ދިނީ އެ އަހަރުގެ ރިޔާސީ އިންތިހާބު ގޯޓާބަޔާ ކާމިޔާބު ކުރެއްވުމަށް މަގުފަހިކުރުމުގެ ބޭނުމުގައި ކަމަށް ވިސްލްބްލޯވަރަކު ބުނެފައިވެ އެވެ.
އީސްޓަ ބޮމުގެ ހަމަލާއަށްފަހު ދެ ދުވަސްތެރޭ ގޯޓާބަޔާ ކެންޑިޑެސީ އިިއުލާންކުރައްވައި، ހަރުކަށި ފިކުރު ނައްތާލާނެ ކަމުގެ ވައުދާއެކު ނޮވެމްބަރު މަހުގެ އިންތިހާބު ބޮޑު އަޣްލަބިއްޔަތަކުން ކާމިޔާބުކުރެއްވި އެވެ. ނަމަވެސް، ކާބޯތަކެއްޗާއި، ތެލާއި، ބޭހުގެ ދަތިކަމާ ހެދި ގައުމުގައި އުފެދުނު ބޮޑެތި މުޒާހަރާތަކާ ގުޅިގެން ޖުލައި 2022 ގައި އޭނާއަށް ވަނީ މަގާމުން އިސްތިއުފާދެއްވަން މަޖުބޫރުވެފަ އެވެ. -- އޭއެފްޕީ