ސްރީލަންކާގެ ކުރީގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ ގައުމުން ބޭރަަށް ވަޑައިގަތުން މަނާކޮށް މިއަދު އެ ގައުމުގެ ކޯޓަކުން އަމުރެއް ނެރެފި އެވެ.

މި އަމުރު ނެރެފައިވަނީ 2019 ވަނަ އަހަރު އެގައުމަށް ދިން ނުރައްކާތެރި އީސްޓާ ސަންޑޭ ބޮމުގެ ހާދިސާގެ ތަހުގީގު ފުޅާކުރަމުންދާ ދަނޑިވަޅެއްގަ އެވެ.

ކްރިސްޓިއަން ފައްޅިތަކާއި ބައެއް ހޮޓާތަކުގައި ހަމަލާދީ 279 މީހުން މަރާލި ހަމަލާތައް ރޭވުމުގެ ތުހުމަތުގައި، ރާޖަޕަކްސާގެ ވެރިކަމުގައި އިންޓެލިޖެންސްގެ އެންމެ އިސްވެރިޔާގެ މަގާމުގައި ހުންނެވި ސުރޭޝް ސާލީ ހުންނަނީ މިދިޔަ ފެބުރުވަރީ މަހުން ފެށިގެން ހައްޔަރުކޮށްފަ އެވެ. ނަމަވެސް އޭނާ މި ތުހުމަތުތަކަށް އިންކާރު ކުރެ އެވެ.

ކޮލަމްބޯ ފޯޓް މެޖިސްޓްރޭޓް ކޯޓުން އިމިގްރޭޝަން އިދާރާތަކަށް މިއަދު ވަނީ ގޮޔަބަޔާގެ އިތުރުން މިލިޓަރީ އިންޓެލިޖެންސްގެ އެހެން ދެ އޮފިސަރަކު ވެސް ގައުމުން ބޭރަށް ފުރުން މަނާކޮށްފަ އެވެ.

"މި ތިން މީހުން ގައުމުން ބޭރަށް ދަތުރުކޮށްފި ނަމަ، އެއީ ކުރިއަށްދާ ތަހުގީގަށް އެޅޭނެ ހުރަހެއް،" ތަހުގީގުކުރާ ފަރާތްތަކުން މެޖިސްޓްރޭޓުގައި ބުންޏެވެ.

ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން (ސީއައިޑީ) އިން ގޮތަބަޔާ އަކީ މި މައްސަލާގައި ތުހުމަތުކުރެވޭ މީހެއްގެ ގޮތުގައި އަދި ކަނޑަނޭޅި ނަމަވެސް، މިއީ މި މައްސަލަޔާ ގުޅުން ހުރެދާނެ މީހެއްގެ ގޮތުގައި ވަނީ ހިމަނައިފަ އެވެ.

އީސްޓަ ދުވަހުގެ ހަމަލާތައް އަމާޒުކޮށްފައިވަނީ ވެރިރަށް ކޮލަމްބޯގެ އަގުބޮޑު ތިން ހޮޓަލަކަށާއި، ރޯމަން ކެތޮލިކް ދެ ފައްޅިއަކަށާއި، އަދި ސިޓީން ބޭރުގައި ހުރި އިވެންޖެލިކަލް ޕްރޮޓެސްޓަންޓް ފައްޅިއަކަށެވެ.

މި ހަމަލާތަކުގައި މަރުވި 279 މީހުންގެ ތެރޭގައި ބޭރު ގައުމުތަކުގެ 45 މީހަކު ހިމެނޭއިރު، 500 އަށްވުރެ ގިނަ މީހުން ޒަހަމްވި އެވެ. މި ހަމަލާގެ ތުހުމަތު އޮތީ އެ ގައުމުގެ ދީނީ ހަރުކަށި ގްރޫޕަކަށެވެ.

މިލިޓަރީ އިންޓެލިޖެންސްގެ ކުރީގެ މޭޖަ ޖެނެރަލް ސާލީ، ރާޖަޕަކްސާ ރައީސްކަމާ ހަވާލުވެވަޑައިގަތުމާ އެކު 2019 ވަނަ އަހަރު ސްޓޭޓް އިންޓެލިޖެންސް ސާވިސްގެ ވެރިޔަކަށް އައްޔަންކުރި އެވެ. އޭނާގެ މައްޗަށް ވަނީ ބޮމުގެ ހަމަލާޔައް ރޭވުމުގައި ބައިވެރިވިކަމުގެ ތުހުމަތު ކުރެވިފަ އެވެ.

އިނގިރޭސި ވިލާތުގެ "ޗެނަލް 4" އިން 2023 ވަނަ އަހަރު ރިޕޯޓްކޮށްފައިވާ ގޮތުގައި، ސާލީއާއާ، ބޮންގޮއްވި މީހުންނާ ގުޅުން އޮތެވެ. އަދި ހަމަލާގެ ކުރިން އޭނާ އެ މީހުންނާ ބައްދަލުކުރި ކަމަށްވެ އެވެ.

މި މައުލޫމާތު ހާމަކުރި ފަރާތުން ބުނި ގޮތުގައި، އެ އަހަރުގެ ރިޔާސީ އިންތިހާބު ރާޖަޕަކްސާއަށް ކާމިޔާބުކޮށްދިނުމުގެ މަގްސަދުގައި، މި ހަމަލާ ކުރިއަށް ގެންދިއުމުގެ ހުއްދަ ސާލީ ދިނެވެ.

ބޮންގޮއްވިތާ ދެ ދުވަސް ފަހުން ގޮތަބަޔަ ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވާފަ އެވެ. އަދި ހަރުކަށި ފިކުރު ނައްތާލާނެ ކަމަށް ވެވަޑައިގެންނެވި ވައުދާ އެކު، ނޮވެމްބަރު މަހުގެ އިންތިހާބު ބޮޑު އަޣްލަބިއްޔަތަކުން ކާމިޔާބުކުރެއްވި އެވެ.

ނަމަވެސް، ކާބޯތަކެއްޗާއި، ތެލާއި، ބޭހުގެ ދަތިކަން އިންތިހާއަށް ބޮޑުވުމުގެ ސަބަބުން ގައުމުގައި ހިނގި ބޮޑެތި މުޒާހަރާތަކާ ގުޅިގެން، ޖުލައި 2022 ގައި ވެރިކަމުގެ ދައުރުގެ މެދުތެރެއިން ގޮތަބަޔާއަށް ވަނީ މަގާމުން އިސްތިއުފާ ދެއްވަން މަޖުބޫރުވެފަ އެވެ. -- އޭއެފްޕީ