ސްރީ ލަންކާގައި 2019 ވަނަ އަހަރުގެ އީސްޓަ ސަންޑޭގައި ދިން ބޮމުގެ ހަމަލާތައް ރާވައި، ވަކި ގޮތަކަށް ކުރިއަށް ގެންދިޔައީ އެ ގައުމުގެ އޭރުގެ އިންޓެލިޖެންސް ޗީފް ކަމަށް، ލަންކާގެ ޕަބްލިކް ސެކިއުރިޓީ މިނިސްޓަރު ގާނޫނު ހަދާ މަޖިލީހުގައި މިއަދު ވިދާޅުވެއްޖެ އެވެ.

މިއީ 279 މީހުން މަރުވި މި ހަމަލާއާ އޭނާއާ ސީދާ ގުޅުމެއްް އޮތްކަމަށް ސަރުކާރުން ރަސްމީކޮށް ހާމަކުރި ފުރަތަމަ ފަހަރެވެ.

މިނިސްޓަރު އަނަންދަ ވިޖޭޕާލާ ވިދާޅުވީ، ހަމަލާދިނުމުގައި "އެހީތެރިވެ ވާގިވެރިވި" ކަމުގެ ތުހުމަތުގައި މިދިޔަ ފެބްރުއަރީ މަހު ހައްޔަރުކުރި މޭޖަ ޖެނެރަލް ސުރޭޝް ސައްލޭ، ބޮން ގޮއްވަންވީ ކެތޮލިކް ފައްޅިއެއް ވެސް ކަނޑައެޅި ކަމަށެވެ.

އާންމުންނަށް އަމާޒުކޮށް ލަންކާގައި ދިން އެންމެ ނުރައްކާތެރި މި ޓެރަރިސްޓް ހަމަލާގައި ކޮލަމްބޯގެ މަތީ ފެންވަރުގެ ތިން ހޮޓަލަކަށާއި، ރޯމަން ކެތޮލިކް ދެ ފައްޅިއަކަށާއި، ކޮލަމްބޯއިން ބޭރުގައި ހުރި އިވެންޖެލިކަލް ޕްރޮޓެސްޓަންޓް ފައްޅިއަކަށް ބޮމުގެ ހަމަލާދީފައިވެ އެވެ.

"ތަހުގީގުތަކުން އެނގިފައިވާ ގޮތުގައި، ރިޓަޔާޑް މޭޖާ ޖެނެރަލް ތުއާން ސުރޭޝް ސައްލޭ ވަނީ އިސްލާމީ ހަރުކަށި ފިކުރުގެ މީހުންނާ އެކު ރާވައި، ހަމަލާތައް ދެންދެން އެމީހުންނަށް އިރުޝާދުދީ މަގުދައްކާފައި،" ވިޖޭޕާލާ ވިދާޅުވި އެވެ.

މީގެއިތުރުން މިނިސްޓަރު ވިދާޅުވީ، ހަމަލާދިނުމަށް ތިން ހަފުތާ ކުރިން، ސައްލޭ ވަނީ ހަމަލާގައި އުޅުނު މީހުންނާ ބައްދަލުކޮށް، ހަމަލާދޭންވީ ތަނާއި އެތަނަށް އެއްވާ މީހުންގެ ތަފްސީލު ހޯދާފައިވާ ކަމަށެވެ.

ނަމަވެސް، ސައްލޭގެ ވަކީލު މެދުވެރިކޮށް އޭނާ ވަނީ މި ހަމަލާގައި އެއްވެސްވަރަކަށް ބައިވެރިވެފައިނުވާނެ ކަމަށް ބުނެ ތުހުމަތުތައް ދޮގުކޮށްފަ އެވެ.

ވިޖޭޕާލާ ވިދާޅުވި ގޮތުގައި، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ބަންދުކޮށްފައި ހުރި ސައްލޭ ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ފެށުމާ ގުޅިގެން، އާދީއްތަ ދުވަހު އޭނާ ވަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފަ އެވެ. އަދި އިދިކޮޅު ހަރަކާތްތެރިން ދަނީ އޭނާ ބަންދުން ދޫކޮށްލުމަށް ގޮވައިލާ ވެރިރަށުގައި މުޒާހަރާ ކުރަމުންނެވެ.

ސައްލޭއާ ކުރި ސުވާލުތަކަށް ފަހު، ތަހުގީގު ކުރާ ފަރާތްތަކުން ވަނީ ކުރީގެ ރައީސް ގޮތާބަޔާ ރާޖަޕަކްސަ ގައުމުން ބޭރަށް ފުރާވަޑައިގަތުން މަނާކުރާ ކޯޓު އަމުރެއް ހޯދައިފަ އެވެ.

ސައްލޭއަކީ 2019 ވަނަ އަހަރު ގޮތާބަޔާ ރާޖަޕަކްސަ ރައީސްކަމާ ހަވާލުވެވަޑައިގަތްތާ މާގިނަ ދުވަހެއް ނުވެ، ގައުމުގެ މައި ޖާސޫސީ އިދާރާ ކަމަށްވާ ސްޓޭޓް އިންޓެލިޖެންސް ސާވިސް (އެސްއައިއެސް) ގެ ވެރިޔަކަށް އައްޔަންކުރެއްވި ބޭފުޅެކެވެ. އޭގެ ކުރިން އޭނާ ހުންނެވީ މިލިޓަރީ އިންޓެލިޖެންސް ޔުނިޓުގެ ވެރިޔާގެ މަގާމުގަ އެވެ.

ބްރިޓިޝް ބްރޯޑްކާސްޓާ 'ޗެނަލް 4' އިން 2023 ވަނަ އަހަރު ރިޕޯޓުކޮށްފައިވާ ގޮތުގައި، ބޮމުގެ ހަމަލާދިން ހަރުކަށި ފިކުރުގެ މީހުންނާ ސައްލޭއާ ގުޅުން އޮތްއިރު، ހަމަލާގެ ކުރިން އޭނާ އެމީހުންނާ ބައްދަލު ވެސް ކުރި އެވެ.

އެ ނެޓްވޯކަށް މައުލޫމާތު ދިން ވިސްލްބްލޯވަރަކު ބުނި ގޮތުގައި، ސައްލޭ އެ ހަމަލާ ކުރިއަށް ގެންދަން ފުރުސަތު ދިނީ، އެ އަހަރު އޮތް ރިޔާސީ އިންތިހާބުގެ ނަތީޖާ ގޮތާބަޔާ ރާޖަޕަކްސައަށް ކާމިޔާބުވާނެ މަގަށް އަނބުރާލުމުގެ ބޭނުމުގަ އެވެ.

ބޮމުގެ ހަމަލާތަކަށްފަހު ދެވަނައަށް ވީ ދުވަހު، ގޮތަބަޔާ ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައިފަ އެވެ. އަދި އިސްލާމީ ހަރުކަށި ފިކުރު ނައްތާލާނެ ކަމުގެ ވައުދާ އެކު، އެ އަހަރުގެ ނޮވެމްބަރު މަހު ބޭއްވި އިންތިހާބު ބޮޑު އަޣްލަބިއްޔަތަކުން އޭނާ ކާމިޔާބު ކުރެއްވި އެވެ.

ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން (ސީއައިޑީ) ގޮތަބަޔާ އަކީ މި މައްސަލައިގެ ތުހުމަތުކުރެވޭ ފަރާތެއްގެ ގޮތުގައި އަދި ރަސްމީކޮށް އިއުލާނުކޮށްފައި ނުވި ނަމަވެސް، ރަސްމީ މަސްދަރުތަކުން ބުނާ ގޮތުގައި މާލަސްތަކެއް ނުވެ އޭނާއާ މި މައްސަލާގައި ސުވާލުކުރާނެ އެވެ. -- އޭއެފްޕީ