ސްރީ ލަންކާގައި 2019 ވަނަ އަހަރުގެ އީސްޓާ ސަންޑޭއާ ދިމާކޮށް ފައްޅިތަކާއި ހޮޓާތަކަށް އަމާޒުކޮށް ދިން ނުރައްކާތެރި ބޮމުގެ ހަމަލާތަކުގެ ކުށް ސާބިތުވި 15 މީހަކު، 200 އަހަރާއި 260 އަހަރާ ދެމެދުގެ މުއްދަތަކަށް، ބުރަ މަސައްކަތާ އެކު ޖަލަށްލުމަށް ލަންކާގެ ހައި ކޯޓުން ހުކުމްކޮށްފި އެވެ.

މިއީ ލަންކާގެ ތާރީހުގައި ވެސް އެއް މައްސަލައެއްގައި އެންމެ ގިނަ ދައުވާތަކެއް އުފުލި، އަދި އެންމެ ގިނަ ދުވަހަށް ޖަލު ހުކުމް އިއްވި އެއް މައްސަލަ އެވެ. ތިން ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ޚާއްސަ ބެންޗަކުން ކުރި މި ހުކުމުގައި، ކުށްވެރިވި މީހުންގެ މުދާ ދައުލަތަށް ހިފޭނެ ކަމަށް ވެސް ވަނީ ކަނޑައަޅައިފަ އެވެ.

މި މައްސަލައިގައި 24 މީހެއްގެ މައްޗަށް ވަނީ ޓެރަރިޒަމްގެ އަމަލުތައް ހިންގުމާއި، ރޭވުމާއި، އެހީތެރިވެދިނުން ހިމެނޭހެން 23،270 ދައުވާ އުފުލައިފަ އެވެ. މީގެ ތެރެއިން 15 މީހެއްގެ މައްޗަށް ކުށް ސާބިތުވިއިރު، ބާކީ ތިބި 9 މީހުން ވަނީ ކުށް ސާބިތުނުވާ ކަމަށް ނިންމައި މިނިވަންކޮށްފަ އެވެ. 

ކުށް ސާބިތުވި މީހުންގެ ތެރެއިން އެކަކު 260 އަހަރަށް ޖަލަށްލުމަށް ހުކުމްކުރި އިރު ހަތަރު  240 އަހަރަށް ޖަލަށްލުމަށް ހުކުމްކުރި އެވެ. މީގެ އިތުރުން ފަސް މީހަކަށް 220 އަހަރުގެ ޖަލުހުކުމް އަދި އިތުރު ފަސް މީހަކަށް 200 އަހަރުގެ ޖަލު ހުކުމް އިއްވި އެވެ.

މި ހަމަލާ ރޭވުމުގެ އަޑީގައި ހުރި އިސް މޭސްތިރިއެއްގެ ގޮތުގައި ޕްރޮސެކިއުޓަރުން ފާހަގަކުރި މުހައްމަދު ނައުފަރު (ނައުފަރު މައުލަވީ) ގެ މައްޗަށް ވެސް ވަނީ ކުށް ސާބިތުވެ، ބޮޑު ހުކުމެއް އައިސްފަ އެވެ.

އޭޕްރީލް 21، 2019 ގައި ދިން މި ހަމަލާއަކީ ލަންކާގެ އަހުލީ ހަނގުރާމައަށް ފަހު އެގައުމުގައި ދިން އެންމެ ލޭއޮހޮރުވުން ބޮޑު ޓެރަރިސްޓް ހަމަލާ އެވެ. ކޮލަމްބޯ އާއި އެހެނިހެން ސަރަހައްދުތަކުގެ ތިން ލަގްޒަރީ ހޮޓަލަކަށާއި ތިން ކްރިސްޓިއަން ފައްޅިއަކަށް ޖާނުން ފިދާވެގެން ދިން މި ބޮމުގެ ހަމަލާތަކުގައި 260 އަށްވުރެ ގިނަ މީހުން މަރުވި އެވެ. އޭގެ ތެރޭގައި ބޭރު ގައުމުތަކުގެ 40 އަށްވުރެ ގިނަ ޓޫރިސްޓުން ވެސް ހިމެނެ އެވެ.

ބޮން ގޮއްވި އެންމެން ހަމަލާތަކުގައި ވަނީ މަރުވެފަ އެވެ.

މި ހުކުމުގެ ކުރިން، މިއަހަރުގެ މެދުތެރޭގައި ލަންކާގެ ކޯޓަކުން ވަނީ، ބޭރުގެ އިންޓެލިޖެންސް އިދާރާތަކުން ހަމަލާގެ މައުލޫމާތު ކުރިން ދީފައިވަނިކޮށް، އެކަމަށް ފިޔަވަޅު ނާޅައި އިހުމާލުވި މައްސަލައިގައި ލަންކާގެ ކުރީގެ ޕޮލިސް ޗީފް ޕުޖިތު ޖަޔަސުންދަރާ އާއި ކުރީގެ ޑިފެންސް ސެކްރެޓަރީ ހެމާސިރި ފެނާންޑޯގެ މައްޗަށް މަރުގެ ހުކުމް އިއްވައިފަ އެވެ. ނަމަވެސް 1976 އިން ފެށިގެން ލަންކާގައި މަރުގެ ހުކުމް ތަންފީޒެއް ނުކުރެ އެވެ. އެހެންވެ އެ ހުކުމްތައް ބަދަލުވާނީ އުމުރު ދުވަހުގެ ޖަލު ހުކުމަކަށެވެ.