31 ޖުލައި 2025 - 12:01
ސްރީ ލަންކާއަށް ސަލާމަތީ ގޮތުން ނުރައްކަލެއް ކުރިމަތިވެދާނެ ބޭރު ގައުމުތަކުގެ ލިސްޓުން، ރާއްޖެ ރަސްމީކޮށް އުނިކޮށްފައިވާ ކަމަށް ލަންކާގެ ނޫހަކުން ބުނެފި އެވެ.
ސަލާމަތަށް ނުރައްކާ ކުރިމަތިވެދާނެ ގައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމަނާފައިވަނީ، ލަންކާގައި 2019 ވަނަ އަހަރު ދިން ހަަމަލާތަކަށް ފަހު، އެ ގައުމުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމުގެ ތެރެއިންނެވެ.
"އީސްޓަ ބޮމުގެ" ހަމަލާތަކުގެ ފަހަތުގައި ތިބި ކަމަށް ބެލެވޭ ބައެއް މީހުންނާ، ދިވެހިންތަކަކާ ވިޔަފާރީގެ ގުޅުންތަކެއް އޮތް ކަމުގެ އަޑުތަކެއް އޭރު އިވުނެވެ. ނަމަވެސް، އެ ހަމަލާތަކުގައި ދިވެހިންގެ ސީދާ ބައިވެރިވުމެއް ނެތްކަމުގެ ޔަގީންކަން އޭރު ދިވެހި ސަރުކާރުން ދިނެވެ.
ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ މިދިޔަ ހޯމަ ދުވަހު ރާއްޖެ އަށް ވަޑައިގަތުމުން ރައީސް މުއިއްޒު އެއާޕޯޓުން މަރުހަބާ ދަންނަވަނީ: ރައީސް މުއިއްޒުގެ ދައުވަތަކަށް ރާއްޖެ އަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށް ފަހު ޑިސަނާޔަކެ ރޭ ވަނީ ފުރާވަޑައިގެންފައި.---ފޮޓޯ: ނިޝާން އަލީ| މިހާރު
ނަމަވެސް، އެ ހަމަލާއާ ސީދާ ގޮތުންނާއި ނުސީދާ ގޮތުން ގުޅުން އޮތް ހަތަރު ދިވެއްސެއް ފާހަގަވެފައިވާ ކަމަށް ފެބްރުއަރީ 2020 ގައި ލަންކާގެ ފުލުހުންނާ ހަވާލާދީ، ލަންކާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެ އެވެ.
ލަންކާގައި އަމިއްލަ އަށް މަރުވެގެން ދިން ބޮމުގެ އެ ހަމަލާތަކުގައި 258 މީހުން މަރުވި އެވެ. ހަމަލާ ރޭވި ނޭޝަނަލް ތައުހީދު ޖަމާއަތަށް ނިސްބަތްވާ ނުވަ މީހުންނާ، އެ ދިވެހިންނާ ގުޅުން އޮތް ކަމަށް ވެސް އޭރު މީޑިއާގައި ރިޕޯޓްކޮށްފައިވެ އެވެ.
އެ ލިސްޓުގައި ރާއްޖެ ހިމަނާފައިވާތީ، ދިވެހި ސަރުކާރުގެ ހިތްހަމަނުޖެހުން ލަންކާ ސަރުކާރާ ހަމައަށް ގެންގޮސްފައިވާކަން އެނގިފައިވެ އެވެ.
ދިވެހި ސަރުކާރުގެ އޮފިޝަލަކާ ހަވާލާދީ ލަންކާގެ ގާޑިއަން ނޫހުން ބުނީ، ލަންކާގެ ރައީސް އަނުރަ ކުމާރަ ޑިސަނަޔަކެގެ ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، އެ ލިސްޓުން ރާއްޖެ މިހާރު އުނިކޮށްފައިވާ ކަމަށެވެ.
ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ މިދިޔަ ހޯމަ ދުވަހު ރާއްޖޭގައި: ރައީސް މުއިއްޒުގެ ދައުވަތަކަށް ރާއްޖެ އަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށް ފަހު ޑިސަނާޔަކެ ރޭ ވަނީ ފުރާވަޑައިގެންފައި.---ފޮޓޯ: ނިޝާން އަލީ| މިހާރު
ނަމަވެސް، އެކަން ރަސްމީ ސިފައެއްގައި ދެ ގައުމުގެ ސަރުކާރުން ވެސް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.
އެ ލިސްޓުގައި ރާއްޖެ ހިމަނާފައި އޮތުމުން، ލަންކާއަށް ދާ ދިވެހިންނަށް ވިސާ ލިބުން ފަދަ ކަންކަމުގައި އެކި އުނދަގޫތައް ކުރިމަތިވާ ކަމަށާއި އެކަމުގެ ސަބަބުން ލަންކާގައި ތިބި 10،000 އެއްހާ ދިވެހިންގެ އާބާދީ މިހާރު 1،500 އަށް ވެއްޓިފައިވާ ކަމަށް އެ ނޫހުން ބުންޏެވެ.
ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ މި ހަފުތާގައި ރާއްޖެއަށް ކުރެއްވި ދަތުރުފުޅާ ދިމާކޮށް، ލަންކާގައި ވަޒީފާ އަދާކުރާ ނުވަތަ މަތީ ތައުލީމް ހާސިލްކުރާ ދިވެހިންގެ އަނބިން/ފިރިންނަށް ވެސް އެއް އަހަރުގެ ވިސާ ލިބޭ ގޮތް ވަނީ ހަމަޖައްސައިފަ އެވެ. އަދި މީގެ އިތުރުން އަންނަ މަހުން ފެށިގެން ލަންކާގައި ބޭސްފަރުވާ ކުރާ ދިވެހިންނަށް އެއް އަހަރުގެ ވިސާ ދޭން ލަންކާއިން ފަށާނެ ކަމަށް އެ ގައުމުން ބުނެފައިވެ އެވެ.
އެ ބަދަލުތައް ގެނެސްފައިވަނީ، ލަންކާގައި އުޅޭ ދިވެހިންގެ އާބާދީ މަދުވަމުން ދިޔުމުގެ ކަންބޮޑުވުން ލަންކާ ސަރުކާރުގެ ތެރޭގައި ވެސް ބޮޑުވެގެންކަން އެނގިފައިވެ އެވެ.
ޑިސަނަޔަކެގެ ދަތުރުފުޅު ނިންމަވާލައްވައި، ރޭ ރާއްޖެއިން ފުރާވަޑައިގެންނެވި ވަގުތާ ދިމާކޮށް، އިއްޔެއިން ފެށިގެން ރާއްޖެއަށް އަންނަ ލަންކާ މީހުންނަށް 90 ދުވަހާ ހަމައަށް އޮން އެރައިވަލް ވިސާ ދޭން ނިންމައި، ރާއްޖޭގެ އިމިގްރޭޝަނުން ވަނީ އިއުލާނުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސުމަންް
01 August 2025
ރައީސް މުއިއްޒު މިގައުމަށް ހުރިހާގޮތަކުން އައު ދޮތުތަށް ހުޅުވައިދެއްވާނެކަން ކަށަވަރު.
އަހުމަދު.....
01 August 2025
ލަންކާ ވިޔަފާރިތައް ބޭނުންގޮތަކަށް މިތާ އެބަ ހިންގާ. ޓްއަރިޒަމް އިންޑަސްޓްރީގަ މަސައްކަތް ކުރާ ލަންކާމީހުންގެ އުނދަގޫ އެހާބޮޑު. ލަންކާ އެއީ ރާއްޖޭގެ އިކޮނޮމީއަށް އޮތް ނުރައްކަލެއް.
މާންބެ
31 July 2025
ގައުމު ޑިފޮލްޓް ވީމަ މިހާރު ދިވެހި ރައްޔިތުން ހޭދަކުރާ 10 ޑޮލަރޔވެސް ބޮޑުއެއްޗަކަށްވީނު. އުމުރުދުވަހަށްވެސް އަދި މިދާގޮތުން ދިވެހިންނަށް ވިސާދީފާނެ. ހަބަރުގަ އެބައޮތް ދިވެހިން ލަންކާޔަށް ނުދާތީ ދިވެހިން އަތުން ކުރިން ކުރާވަރަށް ލަންކާގެ އިކޮނޮމީއަށް ހަރަދު ނުކުރާތީ ކަންބޮޑުވެގެން ކުރިކަމެއްކަން.
ޔުސްރީ
31 July 2025
މިކަމަކީ ރައީސް މުއިއްޒުގެ ޚާރިޖީ ސިޔާސަތުގެ ހަޝިހެޔޮކަން އަންގައިދޭ ކަމެއް، ދިވެހި ރައްޔިތުންނަށް ފައިދާ ވާނެ ކަމެއް
raajje
01 August 2025
ޔުސްރީ: ވާނުވާނޭންގުނަސް އަނގަތަޅަންވާނެ، ތިކަމަކީ ލަންކާއިން އިސްނަގައިގެން އެމީހުންގެ ފައިދާއަށް ނުވަތަ އެމީހުންގެ ރިކަވަރީސަޕޯޓަކަށް ކުރިކަމެއް، ބަނގުރޫޓުވެފައޮތްގައުމަކަށް ދިވެހިންދާޖެހޭސަބަބެއްނެތްދޯ، ޗުއްޓީއަށްދިވެހިންދަނީ އަރާމުކޮށްއުޅެޅަން، ދެންދަނީ ބޭސްފަރުވާއަށް ނުވަތަ ތައުލީމުހޯދަން، މީންއެއްވެސްކަމެއް މިހާރު ލަންކާއިން ހާސިލެއްނުވާނެ، ރާއްޖޭގެ ހާރިޖީ ސިޔާސަތު ގޯހެކޭ ނުވަތަ ރަނގަޅެކޭނޫންމިބުނީ!
ހަނިމާދޫ
01 August 2025
ބަލަ ރާއްޖޭގަ އުޅެނީ ހުސް މުއްސަދި މަހުޖަނުންތަ މުޅި ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި ދަތުރުކުރަން. ލަންކާއަށް ދާން ބޭނުންވާ މީހުން ކިތަންމެހާވެސް ގިނަ. ކޮންމެ އަހަރަކު އެތަށް ބަޔަކު ހަނީމޫން ހޭދަކުރަންވިޔަސް ވިޔަފާރިޔަށް ވިޔަސް ލަންކާއަށް ގޮސްހަދާ. އެއީ ކައިރިވެފަ އަގުހެޔޮވީމަ. ކޮންމެހެން ބޭނުންތެރިކަމެއް. މިކަން ގޯސްކުރަން ނޫޅޭ.
ގަބުޅި ކަތީބު
31 July 2025
ދިވެހިންގެ ބަޔަކު ފަރުދީގޮތުން ކުރާކަމަކީ ދިވެހި ދައުލަތް އޭގެ ޒިންމާ ނަގަންޖެހޭ ސަބަބެއް ނޫން. ލަންކާވެސް ތަންކޮޅެއް ޒިންމާދާރުވާން ޖެހޭ. އެލްޓީޓީއީ 1988 ވަނައަހަރު ދިވެހިންނާ ގުޅިގެން މާލެއަރާ އުދުވާނީ ހަމަލާ ދިނުމުން ރާއްޖެއިން ލަންކާ ބްލެކް ލިސްޓެއް ނުކުރޭ.
ނުރަބޯ
02 August 2025
ރާއްޖެއަށް ޢުދުވާނީ ގޮތުން އެރީ، އެލްޓީޓީއީ އަކުން ނޫން. ޕްލޯޓް (ޕީޕަލްސް ލިބަރޭޝަން އޮރގަނައިޒޭޝަން އޮފް ޓެމިލް އީލާމް) ޖަމާޢަތުން. މިޖަމާޢަތުގެ ވެރިއަކީ އުމާ މަހޭޝްވަރަމް.