ލަންކާގެ ހަމަލާއާ ގުޅުން ހުރި ހަތަރު ދިވެއްސަކު އުޅޭ: ލަންކާ ފުލުހުން

މިދިޔަ އަހަރު ސްރީ ލަންކާގައި ދިން ބޮމުގެ ހަމަލާތަކާ ގުޅުން ހުރި ހަތަރު ދިވެއްސަކު އެބަ އުޅޭ ކަމަށާއި އެ މީހުން އަދި ހައްޔަރުކުރެވިފައި ނުވާ ކަމަށް ލަންކާ ފުލުހުން ބުނެފި އެވެ.


މިދިޔަ އަހަރުގެ އޭޕްރީލް 21 ވަނަ ދުވަހު ލަންކާގެ ލަގްޒަރީ ބައެއް ހޮޓާތަކާއި ކްރިސްޓިއަން ފައްޅިތަކެއްގައި އަމިއްލަ އަށް މަރުވެގެން ބޮން ގޮވައި 259 މީހަކު މަރާލި މައްސަލައިގެ ތަހުގީގާ ގުޅޭ ގޮތުން ބުދަ ދުވަހު ލަންކާ ފުލުހުން ބޭއްވި ނިއުސް ކޮންފަރެންސެއްގައި ޑެޕިއުޓީ އިންސްޕެކްޓާ ޖެނެރަލް އަޖިތު ރޮހާނާ ވިދާޅުވީ ހޯދަން ބޭނުންވާ ހަތަރު ދިވެހިންގެ ތެރެއިން ދެ މީހަކު މިހާރު ފާހަގަކުރެވިފައިވާ ކަމަށެވެ.

ލަންކާގެ "ދި އައިލެންޑް" ނޫހުން ކުރި ސުވާލަކާ ގުޅިގެން ރޮހާނާ ވިދާޅުވީ މި ދިވެހިންނަކީ ނެޝަނަލް ތައުހީދު ޖަމާއަތުން ދިން ހަމަލާތަކާ ގުޅިގެން ފެށި ތަހުގީގައި، ހަމަލާއާ ސީދާ ގޮތުންނާއި ނުސީދާ ގޮތުން ގުޅުން ހުރި ގާނޫނާ ހިލާފް ކަންކަމުގައި ބައިވެރިވެފައިވާ ބައެއްކަން އެނގިފައިވާ ކަމަށެވެ.

ލަންކާގެ ފުލުހުންގެ މި ނިއުސް ކޮންފަރެންސަށް ފަހު ބައެއް ނޫސްތަކުން ވަނީ ހަމަލާގެ ތުހުމަތަށް ހައްޔަރުކޮށްފައި ތިބި 153 މީހުންގެ ތެރޭގައި ހަތަރު ދިވެއްސަކު ވެސް ހިމެނޭ ކަމަށް ރިޕޯޓްކޮށްފަ އެވެ. ނަމަވެސް ލަންކާ ފުލުހުން ބުނީ ހަމަލާއާ ގުޅުން ހުރެގެން ހޯދާ އެއްވެސް ދިވެއްސަކު އަދި ހައްޔަރުކުރެވިފައި ނުވާ ކަމަށެވެ.

ރާއްޖޭގެ ފުލުހުން އިއްޔެ ނެރުނު ބަޔާނެއްގައި ވެސް ބުނީ ހަމަލާގެ ތުހުމަތަށް އެއްވެސް ދިވެއްސަކު ލަންކާގައި ހައްޔަރުކޮށްފައި ނެތް ކަމަށް އެ ގައުމުން ބުނެފައިވާ ކަމަށެވެ. އަދި ހަމަލާއާ އެއްވެސް ދިވެއްސަކާ ގުޅުން އޮތްކަން ލަންކާގެ ކަމާބެހޭ އެއްވެސް އިދާރާއަކުން މިހާތަނަށް ދިވެހި ފުލުހުންނަށް ކަށަވަރުކޮށްދީފައި ނެތް ކަމަށް ވެސް ފުލުހުންގެ ބަޔާނުގައި ބުންޏެވެ.

ލަންކާ ފުލުހުންގެ ޕްރެސް ކޮންފަރެންސްގައި ނޫސްވެރިން ވަނީ، ޝައްކުކުރެވޭ ދިވެހިންނަކީ އައިސިސްއާ ގުޅުން ހުރި ބައެއްތޯ ސުވާލުކޮށްފަ އެވެ. ރޮހާނާ ވިދާޅުވީ އެއީ "އައިސިސްގެ ފިކުރަށް އުޅޭ ބައެއް" ކަމަށެވެ. އަދި ހަމަލާގެ ތުހުމަތަށް ހައްޔަރުކޮށްފައި ތިބި ލަންކާ މީހުންގެ ތެރޭގައި ހަތިޔާރު ގެންގުޅުމުގެ ތަމްރީން ސީރިއާގައި ހޯދާފައިވާ މީހުން ހިމެނޭ ކަމަށް ވެސް ވިދާޅުވި އެވެ.

ލަންކާގެ މަނަވެއްލާގައި ހުރި ބުދުތަކަކަށް ގެއްލުން ދިން މައްސަލާގައި ވެސް ދިވެއްސަކު ހޯދަން ލަންކާ ފުލުހުން މިދިޔަ އަހަރު އިއުލާނުކޮށްފައިވެ އެވެ.

ލަންކާގައި ބޮމުގެ ހަމަލާތައް ދިނުމާ އެކު އެ ގައުމުގައި ސަލާމަތީ ފިޔަވަޅުތައް ވަރަށް ބޮޑަށް ވަރުގަަދަކޮށް ކުރިއަށް ގެންދިޔަ ބަލައި ފާސްކުރުމުގެ އޮޕަރޭޝަންތަކުގައި ދިވެހިން ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. ނަމަވެސް އޭގެ ތެރޭގައި ގިނައީ ވިސާގެ މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުންނެވެ. ލަންކާ ފުލުހުން ބުދަ ދުވަހު ބުނީ ތަހުގީގު އަދިވެސް ދަނީ ކުރިއަށް ކަމަށާއި މިކަމުގައި އިންޓަޕޮލް، އޮސްޓްރޭލިއަން ފެޑެރަލް ޕޮލިސް އަދި އެމެރިކާގެ އެފްބީއައިގެ އެހީތެރިކަން ލިބެމުން އަންނަ ކަމަށެވެ.