ހިޒްބުﷲ އިން ލުބްނާނުގައި ހަމަލާދީ އެންމެ ފަހުން މަރާލި އިޒްރޭލު ސިފައިންގެ ތެރޭގައި، އުމުރުން ހަ އަހަރުގެ ހިންދު ރަޖަބް ޣައްޒާގައި ޝަހީދުކޮށްލި އިޒްރޭލުގެ ބެޓޭލިއަންގެ ކޮމާންޑަރު ޑެނިއެލް އެލާ އާއި އިތުރު ބަޔަކު ހިމެނޭކަން ހާމަވެއްޖެ އެވެ.
އިޒްރޭލު ސިފައިންގެ 401 ވަނަ އާމަޑް ބްރިގޭޑްގެ 52 ވަނަ ބެޓޭލިއަންގެ ކޮމާންޑަރު ޑެނިއެލް އެލާ ދެކުނު ލުބުނާނުގައި މަރުވެފައިވާކަން އިޒްރޭލުން އިއްޔެ ވަނީ ކަށަވަރުކޮށްދީފަ އެވެ. ކުޑަކުޑަ ހިންދު ރަޖަބް ޝަހީދުކޮށްލުމުގައި ބައިވެރިވި މި ބެޓޭލިއަނަށް އެއާ އެކު އަނެއްކާވެސް ވަނީ ސަމާލުކަން ލިބި ފާޑުކިޔުން އަމާޒުވެފަ އެވެ.
ޖެނުއަރީ 2024 ގައި ޣައްޒާ ސިޓީގައި އިޒްރޭލު ސިފައިން ހިންދު އާއި އޭނާގެ އާއިލާގެ ބައެއް މެންބަރުން ދަތުރުކުރި ކާރަށް ދިން ހަމަލާގައި، އުމުރުން އެންމެ ހަ އަހަރުގެ ހިންދު ޝަހީދުކޮށްލީ ރަހުމުކުޑަ ގޮތަކަށެވެ.
އިޒްރޭލު ސިފައިން އިއްޔެ ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުން، ބޭތު ހާޝިތާ އަށް ނިސްބަތްވާ، 52 ވަނަ ބެޓޭލިއަންގެ ކޮމާންޑަރު ލެފްޓިނަންޓް ކާނަލް ޑޯރް ގެޑަލިއާ ބެން ސިމްހޮން، 32، ވަނީ ދެކުނު ލުބުނާނުގައި ހަރަކާތްތެރިވަމުން ދަނިކޮށް، އެ މީހުން ދަތުރުކުރި ޓޭންކަށް އަމާޒުކޮށް ހިޒްބުﷲ އިން ދިން ހަމަލާއެއްގައި މަރުވެފަ އެވެ. މި ހަމަލާގައި އޭނާގެ އިތުރުން ސިފައިންގެ ތިން މީހަކު މަރުވި ކަމަށް ވަނީ ބުނެފަ އެވެ.
"ދަ ޓައިމްސް އޮފް އިޒްރޭލު" ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ބެން ސިމްހޮން އަކީ ޣައްޒާ އާއި ލުބުނާނުގައި އިޒްރޭލުން ކުރަމުންދާ ހަނގުރާމަތައް ފެށުނު ފަހުން މަރުވި ނުވަތަ ޒަހަމްވި، 52 ވަނަ ބެޓޭލިއަންގެ ހަތަރުވަނަ ކޮމާންޑަރެވެ.
ރިޕޯޓްތަކުން އެނގޭ ގޮތުގައި، ފުރަތަމަ ދިން ހަމަލާއިން ހިންދު ސަލާމަތްވި އެވެ. އަދި ކާރުގެ ތެރޭގައި ތާށިވެފައި އިނދެ، އެހީއަށް އެދި ކޯލް ސެންޓަރާ އޭނާ ފޯނުން ވާހަކަދެއްކި އެވެ. ނަމަވެސް، އޭނާ ސަލާމަތްކުރަން ފޮނުވި އެމްބިއުލާންސަށް ވެސް ފަހުން ހަމަލާދީ، އޭގައި ތިބި ޕެރަމެޑިކުން ވެސް ޝަހީދުކޮށްލީ އެވެ. ހިންދުގެ ހަށިގަނޑު ފެނުނީ އެ ހާދިސާ ހިނގިތާ 12 ދުވަސް ފަހުންނެވެ.
ބެލްޖިއަމްގައި ހުންނަ "ހިންދު ރަޖަބް ފައުންޑޭޝަން" އިން 2025 މޭ މަހު ވަނީ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އަށް މި މައްސަލަ ހުށަހަޅައިފަ އެވެ. އެ މައްސަލައާ ގުޅިގެން ވަނީ، 52 ވަނަ ބެޓޭލިއަންގެ ކުރީގެ ކޮމާންޑަރު ޑެނިއަލް އެލާ އާއި 401 ވަނަ އާމަޑް ބްރިގޭޑްގެ ކޮމާންޑަރު ކާނަލް ބެނީ އަހަރޮންގެ މައްޗަށް، ހިންދު އާއި އޭނާގެ އާއިލާގެ މެންބަރުން އަދި އެމްބިއުލާންސްގެ މުވައްޒަފުން މެރުމުގެ ފަހަތުގައިވާ ހަނގުރާމައިގެ ޖަރީމާތަކުގެ ތުހުމަތު ކޮށްފަ އެވެ.
ލުބްނާނުގައި މަރުވި އެލާ އެ ގައުމަށް ފޮނުވީ އެހެން ބެޓޭލިއަން ކޮމާންޑަރަކަށް އަނިޔާވުމާ ގުޅިގެން، މި ބެޓޭލިއަންގެ އިސްވެރިންނަށް ބަދަލުކޮށް، މިދިޔަ އޭޕްރީލް މަހު އެވެ.
"ދަ ޓައިމްސް އޮފް އިޒްރޭލު" އިން ބުނި ގޮތުގައި، ޖުލައި 2024 ގައި ބެޓޭލިއަންގެ ކޮމާންޑަރަކަށް ހުރެ ޣައްޒާގައި ހަރަކާތްތެރިވަނިކޮށް އެލާ އަށް ވެސް ވަނީ އަނިޔާވެފަ އެވެ. އޭގެ ފަހުން އެ މަގާމާ ހަވާލުވި ލެފްޓިނަންޓް ކާނަލް ޔަހޫދާ ޝަލޭވް އަށް އެ އަހަރުގެ އޮކްޓޯބަރު މަހު ބޮޑެތި އަނިޔާތަކެއް ލިބުނެވެ. އަދި އޭނާގެ ފަހުން ލުބުނާނުގައި މަގާމާ ހަވާލުވި ކޮމާންޑަރު ވެސް ޒަހަމްވުމާ ގުޅިގެން، އެންމެ ފަހުން އެ މަގާމާ ހަވާލުވީ މިފަހަރު މަރުވި ބެން ސިމްހޮން އެވެ.
އިޒްރޭލުގެ ޗެނަލް 14 އިން މީގެ ކުރިން ރިޕޯޓްކޮށްފައިވާ ގޮތުގައި، 2023 އޮކްޓޯބަރުގެ ފަހުން ތިން ފަހަރެއްގެ މަތިން އެލާ ވަނީ މި ބެޓޭލިއަންގެ ކޮމާންޑަރުކަން ކޮށްފަ އެވެ.
މީގެ އިތުރުން، މިދިޔަ އޮކްޓޯބަރު މަހު އަލްޖަޒީރާއިން އާންމުކުރި ތަހުގީގީ ރިޕޯޓެއްގައި، ހިންދު ރަޖަބް އާއި އޭނާގެ އާއިލާގެ މެންބަރުން އަދި އެ މީހުން ސަލާމަތްކުރަން ދިޔަ ސިއްހީ އެހީތެރިން ޝަހީދުކޮށްލުމުގައި ބައިވެރިވި އިޒްރޭލު އޮފިސަރުންގެ ތެރޭގައި އެލާ އާއި އަހަރޮން ހިމެނޭކަން ވަނީ ހާމަކޮށްފަ އެވެ.
ހިންދުގެ މަރުގެ ހާދިސާއަކީ ޣައްޒާގައި ހިންގަމުންދާ ނަސްލު ނައްތާލުމުގެ ލޭއޮހޮރުވުންތަކުގެ ތެރެއިން އެންމެ ބޮޑަށް ހެކިތަކާ އެކު ދުނިޔެއަށް ފާޅުވި އެއް ޖަރީމާ އެވެ.
އިޒްރޭލުން ޣައްޒާގައި މި ލޭއޮހޮރުވުންތައް ފެށީ 2023 އޮކްޓޯބަރު މަހުގަ އެވެ. ފަލަސްތީނުގެ ރަސްމީ ހިސާބުތަކުން ދައްކާގޮތުގައި، އިޒްރޭލުގެ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 73,000 އަށްވުރެ ގިނަ މީހުން ޝަހީދުވެ، 173,000 އަށްވުރެ ގިނަ މީހުން ވަނީ ޒަހަމްވެފަ އެވެ. މީގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. އަދި މި ހަމަލާތަކުގައި ޣައްޒާގެ އާންމު އުމްރާނީ ވަސީލަތްތަކުގެ ބޮޑު ބައެއް ވަނީ ސުންނާފަތިކޮށްފަ އެވެ.
އޮކްޓޯބަރު 10، 2025 އިން ފެށިގެން ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމެއް ގާއިމުވެފައި އޮތް ނަމަވެސް، އިޒްރޭލުގެ ހަމަލާތަކާއި ހުރަސްއެޅުންތައް ހުއްޓުމެއްނެތި ކުރިއަށްދެ އެވެ. މި އެއްބަސްވުމަށް އަމަލުކުރަން ފެށި ފަހުން ވެސް، އިޒްރޭލުގެ ހަމަލާތަކުގެ ސަބަބުން ފަލަސްތީނުގެ އިތުރު 1,000 އަށްވުރެ ގިނަ މީހުން ޝަހީދުވެ، 3,100 އަށްވުރެ ގިނަ މީހުން ވަނީ ޒަހަމްވެފަ އެވެ.