ޣައްޒާގައި އިޒްރޭލުން ދިން ހަމަލާއެއްގައި އަލްޖަޒީރާގެ ކެމެރާމަނަކު ޝަހީދުވެފައިވާ ކަމަށް ގަތަރުގެ އަލްޖަޒީރާ މީޑިއާ ނެޓްވޯކުން ހޮނިހިރު ދުވަހު ބުނެފި އެވެ.
މިއީ އޮކްޓޫބަރު 7، 2023 އިން ފެށިގެން ފަލަސްތީނުގެ ބިމުގައި އިޒްރޭލުން ޝަހީދުކުރި އަލްޖަޒީރާގެ މުވައްޒަފުންގެ އެތައް ބައެއްގެ ލިސްޓަށް އެންމެ ފަހުން އިތުރުވި ނަމެވެ.
އިޒްރޭލު ސިފައިންގެ ތަރުޖަމާނަކު އޭއެފްޕީއަށް ބުނީ، "ހަމާސްގެ ޓެރަރިސްޓެއް ކަމަށްވާ އަހުމަދު ވިޝާހަށް އަމާޒުކޮށް ހަމަލާއެއް ދިން ކަމަށް" އަސްކަރިއްޔާއިން ކަށަވަރުކޮށްދޭ ކަމަށެވެ. ނަމަވެސް އެ ތުހުމަތަށް ބާރުދޭ އެއްވެސް ހެއްކެއް އޭނާ ނުދައްކަ އެވެ.
"އަލްޖަޒީރާގެ ކެމެރާމަނެއް ކަމަށްވާ އަހުމަދު ވިޝާހު ޝަހީދުވީ ޣައްޒާގެ މެދުތެރޭގައި ހުންނަ ބުރައިޖް ރެފިއުޖީ ކޭމްޕްގެ ގެއަކަށް އިޒްރޭލުން ދިން ވައިގެ ހަމަލާއެއްގައެވެ،" އަލްޖަޒީރާގެ ވެބްސައިޓުގައި ބުނެފައިވެ އެވެ.
އެ ޗެނަލްގެ ރިޕޯޓަރަކު ބުނި ގޮތުގައި، މި ހަމަލާ ދީފައިވަނީ ޑްރޯންއެއް ބޭނުންކޮށްގެންނެވެ. އަދި މި ހަމަލާގައި އިތުރު ބަޔަކު ޒަހަމްވި ކަމަށް ވެސް ބުނެފައިވެ އެވެ.
އަލްޖަޒީރާއިން ބުނި ގޮތުގައި، އަހުމަދު ވިޝާހްގެ ބޭބެ އަދި އަލްޖަޒީރާގެ ނޫސްވެރިއެއް ކަމަށްވާ މުހައްމަދު ވިޝާހް ވެސް ވަނީ މިދިޔަ އެޕްރީލް މަހު ވެހިކަލެއްގައި ދަތުރުކުރަނިކޮށް އިޒްރޭލުން ބޮން އެޅުމުގެ ސަބަބުން ޝަހީދުވެފަ އެވެ.
އިޒްރޭލު ސިފައިން ހޮނިހިރު ދުވަހުގެ ރޭ ނެރުނު ބަޔާނެއްގައި ބުނީ، އަހުމަދު ވިޝާހް މަރާލާފައިވަނީ ހަމާސްގެ އިތުރު ދެ ހަނގުރާމަވެރިންނަށާ އެކު ދިން "ސީދާ ހަމަލާއެއްގައި" ކަމަށާއި، އޭނާއަކީ ހަމާސްގެ "ސްނައިޕަރެއް" ގެ ގޮތުގައި މަސައްކަތް ކުރި މީހެއް ކަމަށެވެ.
"ފަހަކަށް އައިސް އަލްޖަޒީރާގެ ފޮޓޯޖާނަލިސްޓެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ އިތުރުން، ވިޝާހަކީ ހަމާސްގެ އަސްކަރީ ގޮފީގެ އޮޕަރޭޓިވެއް،" އިޒްރޭލު ސިފައިންގެ ތުހުމަތުގައިވެ އެވެ.
"ފާއިތުވި މަސްތަކުގައި އޭނާ ވަނީ ޣައްޒާގައި ހަރަކާތްތެރިވާ އައިޑީއެފް (އިޒްރޭލު ސިފައިން) ގެ ސިފައިންނާ ދެކޮޅަށް ސްނައިޕާ ހަމަލާތަކާއި އިތުރު ޓެރަރިސްޓް ހަރަކާތްތައް ރާވާފައި،" އިޒްރޭލު އަސްކަރިއްޔާއިން ބުންޏެވެ. އަދި އޭނާ މަސައްކަތްކުރީ މިހާރު މަރުވެފައިވާ އޭނާގެ ބޭބެ މުހައްމަދާ އެކުގައި ކަމަށްވެސް ބުނެފައިވެ އެވެ.
"އޭނާގެ ފަހުގެ އަސްކަރީ ހަރަކާތްތަކުގެ ސަބަބުންނާއި، އެ ސަރަހައްދުގައި ހަރަކާތްތެރިވާ އައިޑީއެފްގެ ސިފައިންނަށް އޮތް ނުރައްކަލެއްގެ ސަބަބުން، ވައިގެ މަގުން ދިން ސީދާ ހަމަލާއެއްގައި އޭނާ ވަނީ ނައްތާލެވިފައި،" އިޒްރޭލުގެ ބަޔާނުގައިވެ އެވެ. ނަމަވެސް، އަހުމަދު ވިޝާހަކީ ހަމާސްގެ ހަނގުރާމަވެރިއެއް ކަމަށް ބުނާ ބުނުމަށް ބާރުދޭ އެއްވެސް ހެއްކެއް އެ ބަޔާނުގައި ވެސް ހިމަނާފައެއް ނުވެ އެވެ.
މިދިޔަ އެޕްރީލް މަހު މުހައްމަދު ވިޝާހް ޝަހީދުވުމާ ގުޅިގެން، މީޑިއާގެ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ ރިޕޯޓާސް ވިތައުޓް ބޯޑާސް (އާރްއެސްއެފް) އިން ބުނެފައިވަނީ، ޣައްޒާ ހަނގުރާމަ ފެށުނު ފަހުން އިޒްރޭލު ސިފައިން 220 އަށްވުރެ ގިނަ ނޫސްވެރިން މަރާލާފައިވާ ކަމަށެވެ. މީގެ ތެރެއިން މަދުވެގެން 70 ނޫސްވެރިން މަރާލާފައިވަނީ އެމީހުންގެ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރަމުން ދަނިކޮށެވެ.
ދުވަހަކު ވެސް ގަސްތުގައި ނޫސްވެރިންނަށް އަމާޒުކޮށް ހަމަލާ ނުދޭ ކަމަށް ބުނާ އިޒްރޭލުން ބުނަނީ ހަމަލާ ދެނީ "މީޑިއާގެ މާސްކު އަޅައިގެން މަސައްކަތްކުރާ ފަލަސްތީނުގެ ހަނގުރާމަވެރި ޓެރަރިސްޓުން" ނަށް ކަމަށެވެ. އެކަމަކު މިއީ އެއްވެސް ހެއްކެއް ނެތި ބުނާ ބުނުމެކެވެ.