ޣައްޒާގައި އިއްޔެ ޝަހީދުކޮށްލި އަލް ޖަޒީރާގެ ކެމެރާމަނަކީ ހަމާސްގެ ހަނގުރާމަވެރިއެއް ކަމަށް ބުނެ އިޒްރޭލުން ކުރި ތުހުމަތުތައް އެ ޗެނަލުން ދޮގުކޮށްފި އެވެ.

ގަތަރުގެ އަލް ޖަޒީރާއިން ނެރުނު ބަޔާނުގައި ބުނީ، ޣައްޒާގައި މަސައްކަތްކުރާ އަލްޖަޒީރާގެ ނޫސްވެރިންނާއި ކެމެރާމަނުންނާ ދެކޮޅަށް ހިންގާ ޖަރީމާތައް ދިފާއުކުރުމުގެ ގޮތުން، އިޒްރޭލުގެ އިސްތިއުމާރީ ސިފައިން ކުރަމުންދާ އަސާސެއް ނެތް ތުހުމަތުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

އިޒްރޭލުގެ މި ދޮގު ތުހުމަތުތަކުގެ މީގެ އެންމެ ފަހުގެ މިސާލަކީ ކެމެރާމަން އަހުމަދު ވިޝާހް ޝަހީދުކޮށްލުން ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

އިޒްރޭލު ސިފައިން ހޮނިހިރު ދުވަހުގެ ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ވިޝާހް ޝަހީދުކޮށްލާފައި ވަނީ ހަމާސްގެ އިތުރު ދެ ހަނގުރާމަވެރިއަކު ވެސް ހިމެނޭ ގޮތަށް ދިން "ސީދާ ހަމަލާއެއްގައި" ކަމަށެވެ. އަދި އޭނާއަކީ ހަމާސްގެ "ސްނައިޕަރެއްގެ" ގޮތުގައި މަސައްކަތްކުރި މީހެއް ކަމަށް ވެސް އިޒްރޭލުން ތުހުމަތުކުރެއެ ވެ.

"ފާއިތުވި އަހަރުތަކުގައި އަލްޖަޒީރާގެ ފޮޓޯޖާނަލިސްޓެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ އިތުރުން، ވިޝާހް އަކީ ހަމާސްގެ އަސްކަރީ ގޮފީގެ ހަރަކާތްތެރިއެއް،" އިޒްރޭލު ސިފައިން ބުންޏެވެ.

އާދީއްތަ ދުވަހުގެ ބަޔާނުގައި އަލްޖަޒީރާއިން ބުނީ، އިޒްރޭލުން ދަނީ އެ ނެޓްވޯކުގެ މުވައްޒަފުންނާ ދެކޮޅަށް ދޮގު ވާހަކަތަކާއި އަސާސެއް ނެތް ތުހުމަތުތައް ފެތުރުމުގެ ވަރުގަދަ ކެމްޕޭނެއް ހިންގަމުން ކަމަށެވެ. އަދި މިއީ ނޫސްވެރިންނާއި ކެމެރާމަނުންނަށް ގަސްތުގައި އަމާޒުކޮށްދޭ ހަމަލާތައް ދިފާއުކުރުމަށްޓަކައި ހިންގާ ހަގީގަތެއް ނެތް، ބޭކާރު "އަގުވައްޓާލުމުގެ ކެމްޕޭނެއް" ކަމަށް ވެސް އަލްޖަޒީރާއިން ސިފަކުރި އެވެ.

ހޮނިހިރު ދުވަހު އަލްޖަޒީރާއިން ރިޕޯޓްކުރި ގޮތުގައި، ވިޝާހް ޝަހީދުވީ ބުރައިޖް ރެފިއުޖީ ކޭމްޕްގައި ހުރި ގެއަކަށް އިޒްރޭލުން ދިން ވައިގެ ހަމަލާއެއްގަ އެވެ.

އަހުމަދު ވިޝާހްގެ ބޭބެ، މުހައްމަދު ވިޝާހް އަކީ ވެސް އަލްޖަޒީރާގެ ނޫސްވެރިއެކެވެ. އޭނާ ވެސް ވަނީ މިއަހަރުގެ އޭޕްރީލް މަހު އިޒްރޭލުން ދިން ހަމަލާތަކެއްގައި ޝަހީދުވެފަ އެވެ.

މީޑިއާގެ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތެއް ކަމަށްވާ "ރިޕޯޓާސް ވިތައުޓް ބޯޑާސް" އިން ހާމަކުރި ގޮތުގައި، ޣައްޒާ ހަނގުރާމަ ފެށުނު ފަހުން އިސްރާއީލް ސިފައިން ވަނީ 220 އަށްވުރެ ގިނަ ނޫސްވެރިން މަރާލައިފަ އެވެ. މީގެ ތެރެއިން މަދުވެގެން 70 ނޫސްވެރިން މަރާލާފައިވަނީ އެމީހުންގެ މަގާމުގެ ވާޖިބު އަދާކުރުމުގެ ތެރޭގަ އެވެ.

ނަމަވެސް އިޒްރޭލު އަސްކަރިއްޔާއިން އަދިވެސް ބުނަމުންދަނީ އެމީހުން ގަސްތުގައި ނޫސްވެރިންނަށް އަމާޒުކޮށް ހަމަލާނުދޭ ކަމަށެވެ. -- އޭއެފްޕީ