އިންޑިއާގެ އެންޖީއޯތަކަށް ބޭރު ފައިސާ ހޯދުމާއި އެހީގެ ގޮތުގައި ލިބޭ ފައިސާ ބޭނުންކުރާނެ ގޮތުގެ ގަވާއިދު އިތުރަށް ހަރުކަށިކޮށްފި އެވެ.
ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުން 2014 ވަނަ އަހަރުން ފެށިގެން ވަނީ، ބައެއް ޖަމިއްޔާތަކުން ބޭރުގެ ފައިސާ ބޭނުންކޮށްގެން "ގައުމާ ދެކޮޅު ހަރަކާތްތައް" ހިންގާ ކަމަށް ތުހުމަތުކޮށް، ބޭރުގެ އެހީ ހޯދުން މަނާކޮށް އަދި އެތައް ހާސް މަދަނީ ޖަމްއިއްޔާތަކެއްގެ ހުއްދަ ހިފަހައްޓައިފަ އެވެ.
ސަރުކާރުން މި ހަފުތާގައި ވަނީ ފޮރިން ކޮންޓްރިބިއުޝަން (ރެގިއުލޭޝަން) އެކްޓް (އެފްސީއާރްއޭ) އަށް އިސްލާހުތަކެއް ގެނެސް، އާ ގަވާއިދުތަކެއް ނެރެފަ އެވެ.
މިހާރު އެފްސީއާރްއޭ ރެޖިސްޓްރޭޝަނަށް އެދި ހުށަހަޅާ ޖަމިއްޔާތަކުން، އެ ފަރާތްތަކުން ހިންގާ ހަރަކާތްތައް ސަރުކާރުން ފާސްކޮށްފައިވާ ލިސްޓެއްގައި ހިމެނޭ ކަންކަމުގެ ތެރެއަށް ފެތެން ޖެހެ އެވެ. އޭގެ ތެރޭގައި ތައުލީމު، ސިއްހަތު، ސަގާފަތް، ދީން، އިގްތިސާދީ ތަރައްގީ އަދި އިޖުތިމާއީ ދިރިއުޅުމުގެ ލާބަ ހިމެނޭއިރު، އެ މަސައްކަތްތައް ކުރިއަށްގެންދާނެ ސަރަހައްދުތައް ވެސް ހާމަކުރަންޖެހެ އެވެ.
މީގެ އިތުރުން، އެ ޖަމިއްޔާތަކުގެ ވެބްސައިޓްތަކާއި ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ވެސް މައުލޫމާތުތައް އިތުރަށް ތަފްސީލުކޮށް ހާމަކުރަން ޖެހޭނެ އެވެ.
އާ ގަވާއިދުގައިވާ ގޮތުން، އަހަރީ ރިޕޯޓުތަކުގައި، ހިންގާފައިވާ ހަރަކާތްތަކުގެ ތަފްސީލީ ރިޕޯޓުތަކާއި، ބޭރުގެ ފައިސާ ހަރަދުކުރި ގޮތުގެ ޕްރޮޖެކްޓް ތަފްސީލުތައް ފުޅާދާއިރާއެއްގައި ހިމަނަންޖެހެ އެވެ.
އަދި މުހިންމު މަގާމުތަކުގައި ބޭރު ގައުމުތަކުގެ ރައްޔިތުން ތިބޭ ޖަމިއްޔާތަކަށް، އާންމު އުސޫލުން ބޭރުގެ ފައިސާ ހޯދުމުގެ ހުއްދައެއް ނުލިބޭނެ އެވެ.
ސަރުކާރުން ދަނީ އެފްސީއާރްއޭގެ އުސޫލުތައް ތަކުރާރުކޮށް ހަރުކަށިކުރަމުންނެވެ. އެގޮތުން 2020 ވަނަ އަހަރު ގެނައި ބޮޑު އިސްލާހެއްގެ ދަށުން، އެއް ޖަމިއްޔާއަކުން އަނެއް ޖަމިއްޔާއަކަށް ބޭރުގެ ފައިސާ ބަދަލުކުރުން މަނާކޮށް، އިދާރީ ހިންގުމުގެ ހަރަދުތަކަށް ބޭނުންކުރެވޭނެ މިންވަރު 50 ޕަސެންޓުން 20 ޕަސެންޓަށް ވަނީ ދަށްކޮށްފަ އެވެ.
މީގެ އިތުރުން، ބޭރުގެ އެހީ ލިބޭ ޖަމިއްޔާތަށް ބެލެހެއްޓުން ހަރުދަނާކުރުމަށާއި މައުލޫމާތު ހާމަކުރުމުގެ ގަވާއިދުތައް ފުޅާކުރުމަށްޓަކައި، އާ ބިލެއް ވެސް މިހާރު ވަނީ މަޖިލީހަށް ހުށަހަޅައިފަ އެވެ.
ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި، ސަރުކާރުން ދަނީ ބޭރުގެ އެހީ ލިބޭ ޖަމިއްޔާތައް ބަލައި ފާސްކުރުން އިތުރުކޮށް، ގަވާއިދުތަކަށް ބޯލެނބުމުގެ އުސޫލުތައް ހަރުކަށިކުރަމުންނެވެ. މީގެ ސަބަބުން އެފަދަ ޖަމިއްޔާތަކަށް ވަނީ މަސައްކަތްކުރުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައި ކަމަށް އެފަރާތްތަކުން ފާހަގަކުރެ އެވެ. -- އޭއެފްޕީ