ޗައިނާގެ އަސްކަރިއްޔާއާ ގުޅުން އޮންނަ ކުންފުންޏެއްގެ ގޮތުގައި އެމެރިކާގެ ޑިފެންސް ޑިޕާޓްމަންޓް (ޕެންޓަގަން) އިން އަލީބާބާ ބްލެކްލިސްޓުކުރުމުން އެ ކުންފުނިން އެމެރިކާގެ ފެޑެރަލް ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.
އަލީބާބާ އިން ބުދަ ދުވަހު އޭއެފްޕީއަށް ބުނި ގޮތުގައި ޕެންޓަގަންގެ ނިންމުމަކީ އެއްވެސް އަސާސެއް ނެތި، ނިންމާފައިވާ، އިންސާފެއް ނެތް ނިންމުމެކެވެ.
އަންގާރަ ދުވަހު ސެން ހޯޒޭގެ ފެޑެރަލް ކޯޓަށް ހުށަހެޅި މި ދައުވާގައި ޗެލެންޖުކޮށްފައިވަނީ، މި މަހު ޕެންޓަގަން އިން ނެރުނު، ޗައިނާގެ އަސްކަރިއްޔާއާ ގުޅުންހުރި ކުންފުނިތަކުގެ ބްލެކްލިސްޓުގައި އަލީބާބާ ހިމެނުމަށް ނިންމި ނިންމުމަށެވެ.
ކޯޓަށް ހުށަހެޅި ޝަކުވާގައި ބުނެފައިވަނީ، "މި ނިންމުންތަކަކީ ހަގީގަތެއްގެ މައްޗަށް ނުވަތަ ގާނޫނެއްގެ މައްޗަށް ބިނާވެފައިވާ ނިންމުންތަކެއް ނޫން" ކަމަށެވެ.
"އަލީބާބާ އަކީ ޗައިނާގެ އަސްކަރީ ކުންފުންޏެއް ނޫން، އަދި އަސްކަރީ-މަދަނީ ގުޅުންތަކުގެ އެއްވެސް ސްޓްރެޓެޖީއެއްގެ ބައެއް ވެސް ނޫން،" އަލީބާބާގެ ތަރުޖަމާނަކު ބުދަ ދުވަހު އޭއެފްޕީއަށް ވިދާޅުވި އެވެ.
އަލީބާބާ އެ ލިސްޓުގައި ހިމެނުމަށް ނިންމި ނިންމުމަކީ އެއްވެސް އުސޫލަކަށް ނުފެތޭ ނިންމުމެއް ކަމަށާއި، އެ ލިސްޓުން އުނިކުރުމަށް ޑިޕާޓްމަންޓް އޮފް ވޯ (ޕެންޓަގަން) ގެ މައްޗަށް އަމުރުކޮށްދިނުމަށް އެދިފައިވާނެ ކަމަށް ކުންފުނިން ބުންޏެވެ.
ޗައިނާގެ އަސްކަރިއްޔާއަށް އެހީތެރިވާ ކަމަށް ބުނެ ޕެންޓަގަން އިން މިމަހު އަލަށް ނެރުނު ބްލެކްލިސްޓުގައި 80 ކުންފުންޏަކާއި އެ ކުންފުނިތަކުގެ ސަބްސިޑިއަރީތައް ހިމެނެ އެވެ. މީގެ ތެރޭގައި ޓެކްނޮލޮޖީގެ ބޮޑު ކުންފުންޏެއް ކަމަށްވާ "ބައިދޫ" އާއި އިލެކްޓްރިކް ވެހިކަލް އުފައްދާ "ބައިޑް" ވެސް ހިމެނެ އެވެ.
މި ނިންމުމުގެ ދަށުން، ޕެންޓަގަން އަށް މި ކުންފުނިތަކާ އެކު ނުވަތަ އެ ކުންފުނިތަކުގެ ދަށުން ހިންގާ ސަބްސިޑިއަރީތަކާ އެކު އާ އެއްބަސްވުންތަކެއް، ޖޫން 30 އިން ފެށިގެން ނުހެދޭނެ އެވެ. އަދި މީގެ އިތުރުން، އެމެރިކާގައި ލޮބީކުރާ ފާމްތަކުގެ އެހީތެރިކަން ހޯދުމަށް ކުންފުންޏަށް އޮތް ފުރުސަތު ހަނިވެގެންދާއިރު، މިއީ އެމެރިކާގެ ގާނޫނުއަސާސީގެ ފަސްޓް އެމެންޑްމަންޓުން ލިބިދޭ ހައްގުތަކާ ހިލާފު ކަމެއް ކަމަށް ދައުވާގައި ބުނެފައިވެ އެވެ.
"މީގެ ނޭދެވޭ އަސަރު މިހާރުވެސް ދަނީ ފެންނަމުން: އަހަރުތަކެއް ވަންދެން އަލީބާބާގެ ދިފާއުގައި މަސައްކަތް ކުރި ލޯޔަރުންނާއި އެޑްވޮކޭޓުން މިހާރު ވަނީ އެ މީހުންނަށް ދެން އެ މަސައްކަތް ކުރެވެން ނެތްކަން ކުންފުންޏަށް އަންގާފައި،" ދައުވާގައި ބުނެފައިވެ އެވެ.
އަލީބާބާގެ ދައުވާގައި ބުނެފައިވަނީ އެއީ އާންމުކޮށް ހިއްސާ ވިއްކާ އީ-ކޮމާސް އަދި ކްލައުޑް ސާވިސް ފޯރުކޮށްދޭ ކުންފުންޏެއް ކަމަށާއި، އޭގެ ހިއްސާދާރުންގެ ތެރޭގައި އެމެރިކާގެ ބޮޑެތި މާލީ އިދާރާތައް ކަމަށްވާ ޖޭޕީމޯގަން، ސިޓީގުރޫޕް އަދި ބްލެކްރޮކް ވެސް ހިމެނޭ ކަމަށެވެ.
ޕެންޓަގަންގެ މި ނިންމުމާ ގުޅިގެން ޗައިނާއިން ވަނީ ހޯމަ ދުވަހު ރައްދުދީ، އެމެރިކާގެ ދިފާއީ ދާއިރާ އަދި ރެއާ-އާތު މައިނިންއާ ގުޅުންހުރި 10 ކުންފުންޏަކަށް އެކްސްޕޯޓް ކޮންޓްރޯލްތަކެއް ކުރިމަތިކޮށްފަ އެވެ.
މިއީ ދެ ގައުމުގެ ގުޅުން ރަނގަޅުކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި ޗައިނާގެ ރައީސް ޝީ ޖިންޕިންގް މިދިޔަ މަހު ބެއިޖިންގައި ބޭއްވެވި ބައްދަލުވުމަށް ފަހު، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިމްތިހާނުކުރެވޭނެ މައްސަލައެއް ކަމަށް ވަނީ ބެލެވިފަ އެވެ. -- އޭއެފްޕީ