ކެރީބިއަން ކަނޑުގައި އޮންނަ ފްރެންޗް ވެސްޓް އިންޑީޒްގައި ފަތްކޭލުގެ  ދަނޑުވެރިކަންކުރި މީހުން ބޭނުންކުރި ވިހަ ކެމިކަލެއް ހުއްޓާލިތާ އެތައް އަހަރެއް ވެފައި ވިޔަސް އެ ސަރަހައްދުގެ ބޮޑެތި މީހުންގެ އާބާދީގެ 80 ޕަސެންޓް މީހުންގެ ލޭގައި އެ ވިހަ ޕެސްޓިސައިޑްގެ އަސަރު އަދިވެސް އެބަހުރި ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

މިދިޔަ ބުދަދުވަހު އާންމުކުރި މި ދިރާސާގައި އިންޒާރު ދީފައިވާ ގޮތުގައި، ފަރަންސޭސިވިލާތުގެ ކުރީގެ އިސްތިއުމާރީ އަދި މިހާރުގެ އޯވަސީސް ޓެރިޓަރީތަކެއް ކަމަށްވާ މާޓިނީކް އަދި ގުއަޑެލޫޕްގެ ކޮންމެ 6 މީހަކުން 1 މީހެއްގެ ހަށިގަނޑުގައި، ކެންސަރަށް މަގުފަހިކުރުވާ މި ކެމިކަލް، ރައްކާތެރި މިންގަނޑަށްވުރެ އިތުރަށް އެބަހުއްޓެވެ.

  • ބޭނުންކުރި ކެމިކަލް: 'ކްލޯރްޑެކޯން' ނުވަތަ ބްރޭންޑް ނަމުން ނަމަ 'ކެޕޯން' އަކީ ކެޔޮދަނޑުތަކުން 'ބީޓްލް' އާއިލާގެ ސޫތްޕެއް ނައްތާލުމަށް 1972 އިން 1993 އަށް ފުޅާދާއިރާއެއްގައި ބޭނުންކުރި ބޭހެކެވެ.
  • މަނާކުރުން: ފްރާންސުން 1990 ގައި މި ބޭސް މަނާކުރި ނަމަވެސް ކެރީބިއަންގެ މި ޖަޒީރާ ރަށްތަކުގައި 1993 އާ ހަމައަށް ބޭނުންކުރުމުގެ ހުއްދަ ދިނެވެ. އެއީ މި ކެމިކަލަކީ ކެންސަރަށް މަގުފަހިވާ އެއްޗެއް ކަމަށް 1970 ގެ އަހަރުތަކުގެ ފަހުކޮޅުން ފެށިގެން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން އިންޒާރު ދެމުންދަނިކޮށެވެ.
  • ތަޣައްޔަރުވުން: ތިމާވެށީގެ ހިމާޔަތަށް މަސައްކަތްކުރާ މީހުން ބުނާ ގޮތުގައި މިއީ ފްރާންސްގެ އިސްތިއުމާރީ ތާރީހާ ގުޅިފައިވާ ވަރަށް ބޮޑު ސިއްހީ އަދި ތިމާވެށީގެ ޖަރީމާއެކެވެ. ބޭސް ޖެހުން ހުއްޓާލިތާ 30 އަހަރު ވެފައި ވިޔަސް، ފަސްގަނޑާއި ފެންގަނޑުތަކުގައި މި ވިހަ އަދިވެސް އެބަހުއްޓެވެ.

ދިރާސާގެ ހޯދުންތައް:

ފްރާންސްގެ ސިއްހީ އިދާރާތަކުން ދެ ސަރަހައްދުން، ކޮންމެ ސަރަހައްދަކުން 1,000 އަށްވުރެ ގިނަ މީހުން ބައިވެރިކޮށްގެން ހެދި ދިރާސާއިން އެނގުނު ގޮތުގައި:

  • އެވްރެޖްކޮށް 80 ޕަސެންޓް މީހުންގެ ލޭގައި މި ކެމިކަލްގެ އަސަރު އެބަހުއްޓެވެ. (މިއީ މީގެ 10 އަހަރު ކުރިން ހެދި ދިރާސާގެ 90 ޕަސެންޓާ އަޅާބަލާއިރު ކުޑަ ދަށްވުމެކެވެ. 
  • އެންމެ ބޮޑަށް މި ކެމިކަލްގެ ނުރައްކަލަށް ހުށަހެޅިފައިވަނީ އުމުރުން 50 އަހަރުން މަތީގެ، ތަޣައްޔަރުވެފައިވާ ސަރަހައްދުތަކުގައި އުޅޭ މަސްވެރިންނާއި ދަނޑުވެރިންނެވެ.
  • ކޮންމެ 6 މީހަކުން 1 ގެ ލޭގައި ލިޓަރަކަށް 0.4 މައިކްރޯގްރާމަށްވުރެ ގިނައިން މި މާއްދާ ހުއްޓެވެ. މިއީ ސިއްހީ ނުރައްކާތައް ކުރިމަތިވެދާނެ މިންވަރެކެވެ.

ލިބޭ ސިއްހީ ގެއްލުންތައް:

މި ކެމިކަލާ، ޕްރޮސްޓޭޓް ކެންސަރާ ގުޅުން ހުރެ އެވެ. (މާޓިނީކް އަދި ގުއަޑެލޫޕް އަކީ ދުނިޔޭގައި އެންމެ ގިނައިން ޕްރޮސްޓޭޓް ކެންސަރު ޖެހޭ ސަރަހައްދުތަކުގެ ތެރޭގައި ހިމެނޭ ތަންތަނެވެ).

މީގެ އިތުރުން ބަނޑުގެ ކެންސަރާއި، ޗިސްމޭގެ ކެންސަރަށް ވެސް މަގުފަހިވެ އެވެ. ފްރާންސްގެ އެންސެސް ހެލްތު އެޖެންސީން ބުނާ ގޮތުގައި މީގެ ސަބަބުން ނާރުތަކުގެ ނިޒާމަށާއި، ދަރިމައިވުމުގެ ނިޒާމަށާއި، ހޯމޯންތަކަށް އަދި ހިތް ހިމެނޭގޮތަށް ބައެއް ގުނަވަންތަކުގެ މަސައްކަތަށް ނޭދެވޭ އަސަރު ކުރެ އެވެ.

މި މައްސަލައާ ގުޅިގެން، މިމަހުގެ ކުރީކޮޅު ޕާލަމެންޓުން ވަނީ ސިއްހީ، ތިމާވެށި އަދި އިގްތިސާދީ ގޮތުން ލިބުނު ގެއްލުންތަކުގެ ޒިންމާ ދައުލަތުން އުފުލަންޖެހޭނެ ކަމަށް ގަބޫލުކޮށް ބިލެއް ފާސްކޮށްފަ އެވެ. އަދި ފަސްގަނޑާއި ފެން ސާފުކުރުމަށާއި، މީގެ ޝިކާރައަކަށްވީ މީހުންނަށް ބަދަލުދިނުމަށް ވަނީ ވައުދުވެފަ އެވެ. -- އޭއެފްޕީ