ވެނެޒުއޭލާއަށް މިދިޔަ ހަފްތާގައި އައި ބާރުގަދަ ދެ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 589 އަށް އަރައިފި އެވެ.

ބިމާހަމަވެފައިވާ އިމާރާތްތަކުގެ ދަށުން މީހުން ސަލާމަތް ކުރުމަށް ބައިނަލްއަގުވާމީ އެހީތެރިކަމާ އެކު ރެސްކިއު ޓީމުތަކުން ހުއްޓުމެއް ނެތް މަސައްކަތްކުރަމުން ދާއިރު އެކަށް ވެފައިވަނީ ވަގުތާ ދެކޮޅު ހަނގުރާމައަކަށެވެ. 

ވެނެޒުއޭލާގެ ވަގުތީ ރައީސް ޑެލްސީ ރޮޑްރިގޭޒް ހުކުރު ދުވަހު ތަފާސްހިސާބުތައް ހާމަކުރެއްވި އިރު، ވެރިރަށް ކަރާކަސްގެ ހުޅަނގުން ބިންހެލުން އައި ސަރަހައްދުގައި، އިމާރާތްތަކުގެ ދަށުގައި ތާށިވެފައި ތިބި މީހުން ހޯދުމަށް ރެސްކިއު ޓީމުތަކުން ދަނީ ބޮޑެތި މެޝިނަރީތަކުގެ އިތުރުން ހުސްއަތާ ވެސް ކޮންނަމުންނެވެ.

ވެނެޒެއޭލާއަށް އައި ބިންހެލުމުގައި މަގެއްގެ ތާރުގަނޑު ކަނޑައިގެންގޮސްފައިވާ ދިމާލަކުން މީހަކު މަގު ހުރަސްކުރަނީ. -- ފޮޓޯ: އޭއެފްޕީ
ވެނެޒެއޭލާއަށް އައި ބިންހެލުމުގައި މަގެއްގެ ތާރުގަނޑު ކަނޑައިގެންގޮސްފައިވާ ދިމާލަކުން މީހަކު މަގު ހުރަސްކުރަނީ. -- ފޮޓޯ: އޭއެފްޕީ

ވެއްޓިފައިވާ ބޮޑު އިމާރާތެއްގެ ކައިރީގައި ތިބި އޭއެފްޕީގެ ރިޕޯޓަރުން ބުނި ގޮތުގައި، ރެސްކިއު މަސައްކަތްތެރިން ދަނީ ބޮޑެތި މަރުތެޔޮ ބޭނުންކޮށްގެން ކޮންކްރީޓްތައް މުގުރަމުންނެވެ. އަދި އިމާރާތްތަކުގެ ވެއްޓިފައިވާ ބައިތަކުގެ ތެރެއިން އިވޭ ހަޅޭކުގެ އަޑުތަކާއި އެހީއަށް އެދި ގޮވާ ގޮވުންތައް ދެނެގަންނަން އެންމެން ހިމޭންވެ ތިބެން ވެސް ޖެހެ އެވެ.

މިހާރު ކަންބޮޑުވުން އޮތީ މަރުވި ކަމަށް ރިޕޯޓްކުރި އަދަދަށްވުރެ މާ ގިނަ މީހުން މަރުވެފައި ވާނެ ކަމަށް ބެލެވޭތީ އެވެ.

"ލިބޭ އެންމެ ބޮޑު ހިތާމައަކީ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު މިހާރު 589 އަށް އަރާފައިވުން،" އަސްކަރީ އަދި މަދަނީ އޮފިޝަލުންނާ އެކު ބޭއްވި ބައްދަލުވުމެއްގައި ރޮޑްރިގޭޒް ވިދާޅުވި އެވެ.

މީގެ ކުރިން ރަސްމީކޮށް ބުނެފައިވަނީ މަރުވީ 235 މީހުން ކަމަށެވެ. ހެލްތު މިނިސްޓަރު ކާލޮސް އަލްވަރާޑޯ ބުރާސްފަތި ދުވަހުގެ ރޭ ވިދާޅުވި ގޮތުގައި ބިންހެލުމުގައި ޒަހަމްވި މީހުންގެ އަދަދު ވަނީ 4،300 އަށް އަރައިފަ އެވެ.

ވެނެޒުއޭލާއަށް އައި ބިންހެލުމުގައި ވެއްޓިފައިވާ އިމާރާތެއްގެ ކައިރީގައި އަންހެނަކު އޭނާގެ އާއިލާގެ މީހުންގެ ހިލަމެއް ވޭތޯ ހޯދަނީ. -- ފޮޓޯ: އޭއެފްޕީ
ވެނެޒުއޭލާއަށް އައި ބިންހެލުމުގައި ވެއްޓިފައިވާ އިމާރާތެއްގެ ކައިރީގައި އަންހެނަކު އޭނާގެ އާއިލާގެ މީހުންގެ ހިލަމެއް ވޭތޯ ހޯދަނީ. -- ފޮޓޯ: އޭއެފްޕީ

ބައިނަލްއަގުވާމީ އެހީތެރިކަން މިހާރު ވަނީ ވެނެޒުއޭލާއަށް ފޯރަން ފަށައިފަ އެވެ. އެލްސެލްވަޑޯރާއި، ސްވިޒަލޭންޑް އަދި މެކްސިކޯގެ ރެސްކިއު ޓީމުތައް މިހާރު ވެސް އެ ގައުމުގައި ހަރަކާތްތެރިވަމުންދާއިރު، އެމެރިކާގެ އެހީގެ ކަންކަން ބެލެހެއްޓުމަށްޓަކައި އެމެރިކާގެ އަސްކަރިއްޔާގެ އިސް އޮފިޝަލަކު ވެސް ވަނީ ކަރާކަސްއަށް ވަޑައިގެންފަ އެވެ.

ސްވިޒަލޭންޑް، ސްޕެއިން، ފްރާންސް، ޕޯޗުގަލް އަދި މެކްސިކޯ ފަދަ ގައުމުތަކުން ހާއްސަ ޓީމުތައް ފޮނުވަމުންދާއިރު، ޗައިނާ، އިންޑިއާ، ބްރެޒިލް އަދި އީރާނުން ވެސް ވަނީ އެހީވާން ހުށަހަޅައިފަ އެވެ. 

ދުނިޔޭގެ އެކި ގައުމުތަކުން ދަނީ ވެނެޒުއޭލާއަށް ރެސްކިއު ޓީމުތަކާއި، ފައިސާ އަދި އެހީގެ ސާމާނު ފޮނުވަމުންނެވެ. އެމެރިކާ އިން ވަނީ ހަނގުރާމަމަތީ ދެ މަނަވަރާއި، މުދާ އުފުލާ ބޯޓުތަކާއި، ހެލިކޮޕްޓަރުތައް ފޮނުވުމުގެ އިތުރުން 150 މިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖެއް ވެސް އިއުލާންކޮށްފަ އެވެ.

ނަމަވެސް އެހީގެ މަސައްކަތްތަކަށް އެންމެ ބޮޑު ހުރަހަކަށް ވެފައިވަނީ، ލާ ގުއާރާގައި އޮންނަ ވެރިރަށުގެ މައި ބައިނަލްއަގުވާމީ އެއާޕޯޓަށް ބޮޑެތި ގެއްލުންތަކެއްވެ، އެއާޕޯޓް ބަންދުކުރަން ޖެހުމެވެ.

ވެނެޒުއޭލާއަށް އައި ބިންހެލުމުގައި ގެއްލުންވެފައިވާ އިމާރާތެއް. -- ފޮޓޯ: އޭއެފްޕީ
ވެނެޒުއޭލާއަށް އައި ބިންހެލުމުގައި ގެއްލުންވެފައިވާ އިމާރާތެއް. -- ފޮޓޯ: އޭއެފްޕީ

މަރުވި މީހުންގެ ތެރޭގައި ބޭރު ގައުމުތަކުގެ ގިނަ އަދަދެއްގެ މީހުން ވެސް ހިމެނެ އެވެ. އޭގެ ތެރޭގައި ޕޯޗުގަލްގެ ނުވަ މީހުން، ސްޕެއިންގެ ތިން މީހުން، ބްރެޒިލްގެ ދެ މީހުން، ޗައިނާގެ ދެ މީހުން އަދި އިޓަލީ-ވެނެޒުއޭލާއަށް ނިސްބަތްވާ އެކަކު ހިމެނެ އެވެ. މީގެ އިތުރުން ޕޯޗުގަލްގެ 56 މީހަކާއި ސްޕެއިންގެ 99 މީހަކު ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް އެ ގައުމުތަކުގެ ސަރުކާރުތަކުން ބުނެ އެވެ.

ވެނެޒުއޭލާގެ އުތުރު އައްސޭރިފަށަކީ ކެރީބިއަން އަދި ސައުތު އެމެރިކަން ޓެކްޓޯނިކް ޕްލޭޓްތައް ބައްދަލުވާ ބޯޑަރަށް ވީނަމަވެސް، 1997 ވަނަ އަހަރުގެ ފަހުން އެގައުމަށް މިފަދަ ބޮޑު ބިންހެލުމެއް އައިސްފައެއް ނުވެ އެވެ. އެ ގައުމަށް 1997 ގެ ބިންހެލުމުގައި މަރުވީ 73 މީހުންނެވެ. އަދި 1967 ގައި އައި ބިންހެލުމެއްގައި 236 މީހުން މަރުވި އެވެ.

ވެނެޒުއޭލާއަށް އައި ބިންހެލުމުގައި ހަލާކުވެފައިވާ އިމާރާތެއްގެ ކައިރިން ދެ މީހަކު ސައިކަލެއްގައި ދަނީ. -- ފޮޓޯ: އޭއެފްޕީ
ވެނެޒުއޭލާއަށް އައި ބިންހެލުމުގައި ހަލާކުވެފައިވާ އިމާރާތެއްގެ ކައިރިން ދެ މީހަކު ސައިކަލެއްގައި ދަނީ. -- ފޮޓޯ: އޭއެފްޕީ

ބުދަ ދުވަހު އައި 7.5 ގެ މި ބިންހެލުމަކީ، 1900 ވަނަ އަހަރުގެ އޮކްޓޯބަރު 29 ގައި އައި 7.7 ގެ ބިންހެލުމަށް ފަހު އެގައުމަށް އައި އެންމެ ބާރުގަދަ ބިންހެލުމެވެ.

މި ބިންހެލުމުގެ ލޮޅުންތައް އަވަށްޓެރި ކޮލަމްބިއާއަށް ވެސް ކުރިމަތިވެ، ބޮގޯޓާގެ ރައްޔިތުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އިމާރާތްތަކުން ފޭބިއެވެ. މީގެ އިތުރުން ބްރެޒިލްގެ އުތުރުގެ ބައެއް ސިޓީތަކަށް ވެސް މި ބިންހެލުމުގެ ލޮޅުންތައް އިހުސާސް ކުރެވުނު ކަމަށް އެގައުމުގެ ސީޒްމިކް ނެޓްވޯކުން ރިޕޯޓްކޮށްފައިވެ އެވެ.

ބާރުގަދަ ބިންހެލުންތަކުގެ ތާރީަށް ބަލާއިރު، 2010 ވަނަ އަހަރުގެ ޖެނުއަރީ މަހު ހައިޓީއަށް އައި ބިންހެލުމުގައި 200,000 އަށް ވުރެ ގިނަ މީހުން މަރުވިއިރު، 2005 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ކަޝްމީރަށް އައި ބިންހެލުމުގައި 73,000 އަށް ވުރެ ގިނަ މީހުންގެ ފުރާނަ ގެއްލިފައިވެ އެވެ.