އިންޑިއާގެ އުއްތަރް ޕްރެދޭޝްގެ އަޔޯދިޔާގައި ހުރި މުސްލިމުންގެ ޒަމާންވީ ބާބްރީ މިސްކިތް ތަޅާލުމަށް ފަހު އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހިންދޫންނަށް އިސްކަން ދިނުމުގެ ސިޔާސަތުގެ ރަމްޒެއްގެ ގޮތުގައި ހެދި ބޮޑު ފައްޅީގައި ހިންގި ވައްކަމުގެ ތުހުމަތަށް އަށް މީހަކު ހައްޔަރުކޮށްފި އެވެ.
"ރާމް މަންދިރް" އަށް ދާ މީހުން ހަދިޔާކުރާ ފައިސާއިން އެތައް މިލިއަނެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައި ފުލުހުން އަށް މީހަކު ހައްޔަރުކުރުމާ އެކު، އެ ފައްޅި ބަލަހައްޓާ ޓްރަސްޓުގެ އިސް މެންބަރުންތަކެއް މިއަދު ވަނީ އިސްތިއުފާ ވެސް ދީފި އެވެ.
އުތުރު އުއްތަރު ޕްރަދޭޝްގެ އަޔޯދިއާގައި ހުންނަ ރާމް މަންދިރު ފައްޅިއަކީ، ހިންދޫ ހަރުކަށި ފިކުރުގެ މީހުން ނުކުމެ، އެތައް ސަތޭކަ އަހަރެއްވީ މިސްކިތެއް ތަޅާލުމަށް ފަހު، 2024 ވަނަ އަހަރު މޯދީ އިސްވެ ހުރެ ވަރަށް ކުލަގަދަ ރަސްމިއްޔާތަކާ އެކު ހުޅުއްވައިދެއްވި ފައްޅިއެކެވެ.
ފައްޅި ބަލަހައްޓާ ޓްރަސްޓުން ބުނާ ގޮތުގައި، މުޅިން ވެސް އާންމުންގެ އެހީއާއެކު 240 މިލިއަން ޑޮލަރު ހޭދަކޮށްގެން ބިނާކުރި މި ފައްޅިއަށް ހަދިޔާކުރި ފައިސާއަށް ހިޔާނާތްތެރިވި މައްސަލައާ ގުޅިގެން، އެތަނަށް އެހީތެރިކަން ފޯރުކޮށްދިން ހިންދޫ އަޅުވެރިންގެ މެދުގައި ވަނީ ބޮޑު ނުރުހުމެއް އުފެދިފަ އެވެ.
ޓްރަސްޓުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ފައްޅި ހުޅުވި ފުރަތަމަ އަހަރުގެ ތެރޭގައި އެކަނިވެސް 50 މިލިއަނަށް ވުރެ ގިނަ މީހުން އެތަނަށް ޒިޔާރަތްކޮށްފައިވެ އެވެ.
އެހީގެ ފައިސާ ބެލެހެއްޓުމުގައި ހިންގާފައިވާ ކަމަށް ބުނާ އޮޅުވާލުންތަކާ ގުޅިގެން ފުލުހުން ބުރާސްފަތި ދުވަހު ޖިނާއީ މައްސަލައެއް ރަސްމީކޮށް ރަޖިސްޓްރީކޮށް، ފައްޅީގެ މުވައްޒަފުން ހިމެނޭ ގޮތަށް އަށް މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ހައްޔަރުކުރި ގިނަ މީހުންނަކީ އަޅުވެރިން ހަދިޔާކުރާ ފައިސާ އާއި ރަނާއި ރިހި ފަދަ އަގުބޮޑު ތަކެތި ގުނައި ބެލެހެއްޓުމުގައި ހަރަކާތްތެރިވި މުވައްޒަފުންނެވެ. އެ މީހުންގެ މައްޗަށް ކުރަނީ ހިޔާނާތްތެރިވުމާއި، ވައްކަމާއި، ޖިނާއީ ކުށް ރޭވުމާއި ކޮރަޕްޝަންގެ ދައުވާ އެވެ.
މި ހިޔާނާތުގެ ސަބަބުން ގެއްލުނު ފައިސާގެ ސީދާ އަދަދު ސަރުކާރުން އަދި ހާމައެއް ނުކުރެ އެވެ. ނަމަވެސް އިދިކޮޅު ޕާޓީތަކާއި މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ހިޔާނާތުގެ އަދަދު 20 މިލިއަން ޑޮލަރަށް ވުރެ މައްޗަށް އަރާނެ އެވެ.
މި މައްސަލައިގެ ތަހުގީގު ހިންގުމަށް އަމުރުކުރެއްވި އުއްތަރު ޕްރަދޭޝްގެ ޗީފް މިނިސްޓަރު އަދި ހަރުކަށި ހިންދޫ ފިކުރުގެ ފާދިރީއެއް ކަމަށްވާ ޔޯގީ އަދިތިޔަނާތު ވަނީ ކުށް ކުރި އެއްވެސް މީހަކު ސަލާމަތް ނުވާނެ ކަމަށް ބުނެފަ އެވެ.
ހުކުރު ދުވަހު، ރާމް މަންދިރު ޓްރަސްޓުގެ އެންމެ އިސްވެރިޔާ ޗަމްޕަތު ރާއީގެ އިތުރުން އިސް އެހެން މެންބަރަކު ވެސް ވަނީ މަގާމުން އިސްތިއުފާ ދީފަ އެވެ. ނަން ހާމަނުކުރުމަށް އެދި ފައްޅީގެ އޮފިޝަލަކު ބުނި ގޮތުގައި، ފައްޅި ހިންގާ "ޝްރީ ރާމް ޖަންމަބޫމީ ތީރްތު ޓްރަސްޓް" ސަރުކާރުން ވަރަށް އަވަހަށް އުވާލައި، އާ ބޯޑެއް އެކުލަވާލާނެ އެވެ.
ހިންދޫން ގަބޫލުކުރާ ގޮތުގައި އެމީހުންގެ ކަލާނގެ "ރާމް" އުފަންވީ މީގެ 7,000 އަހަރު ކުރިން މި ފައްޅި ހުރި ބިމުގަ އެވެ. ނަމަވެސް 16 ވަނަ ގަރުނުގައި މުސްލިމް ރަސްކަލަކު ވަނީ އެތަން ތަޅާލައި، އެތަނުގައި ބާބްރީ މިސްކިތް ބިނާކުރީ ކަމަށް އެ މީހުން ދެކެ އެވެ.
އިންޑިއާގައި މިހާރު ވެރިކަންކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އަކީ 1992 ވަނަ އަހަރު ބާބްރީ މިސްކިތް ތަޅާލުމަށް މަގުފަހިކޮށްދިން ބޮޑު ކެމްޕޭނުގެ އެންމެ ކުރީގައި އޮތް ޕާޓީ އެވެ. އެ ހަރަކާތަކީ ބީޖޭޕީއަށް ސިޔާސީ ގޮތުން ބޮޑު ކުރިއެރުމެއް ލިބި، 2014 ވަނަ އަހަރު އިންޑިއާގެ މިނިވަންކަމަށް ފަހު އެގައުމުގައި ވެރިކަންކުރި ސެކިއުލާ ކޮންގްރެސް ޕާޓީ ބަލިކޮށް ވެރިކަމަށް އައުމަށް ލިބުނު އެންމެ ބޮޑު ބާރެވެ. -- އޭއެފްޕީ