އިންޑިއާގެ އުއްތަރް ޕްރެދޭޝްގެ އަޔޯދިޔާގައި ހުރި މުސްލިމުންގެ ޒަމާންވީ ބާބްރީ މިސްކިތް ތަޅާލުމަށް ފަހު އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ "ހިންދޫ-ފަސްޓް" ސިޔާސަތުގެ ދަށުން އެޅި ބޮޑު ފައްޅިއަށް މީހުން ހަދިޔާކުރާ ފައިސާއަށް ހިޔާނާތްތެރިވާ މައްސަލައެއް ފެންމަތިވެ ތަހުގީގުކުރަން ފަށައިފި އެވެ.
އުއްތަރަ ޕްރަދޭޝް ސްޓޭޓްގައި ހުންނަ މި 'ރާމް މަންދިރު' ބިނާކުރުމުގެ ކުރިން އެތަނުގައި ހުރީ އެތައް ގަރުނެއްވީ މިސްކިތެކެވެ. ހިންދޫ ހަރުކަށި ބަޔަކު ނިކުމެ އެ މިސްކިތް ތަޅާލުމަށް ފަހު އެޅި ފައްޅި 2024 ވަނަ އަހަރު ހުޅުވީ ބޮޑުވަޒީރު މޯދީ އިސްވެ ހުންނަވައިގެން ބޭއްވި ކުލަގަދަ ރަސްމިއްޔާތެއްގަ އެވެ.
އުއްތަރަ ޕްރަދޭޝްގެ ޗީފް މިނިސްޓަރު ޔޯގީ އަދިތުޔަނާތު ވިދާޅުވި ގޮތުގައި، ފައްޅިއަށް އަޅުކަންކުރަންދާ މީހުން ހަދިޔާކުރާ ފައިސާގެ ތެރެއިން ވައްކަންކޮށްފައިވާ ކަމަށް ބުނާ މައްސަލަ ބެލުމަށްޓަކައި މިހާރު ވަނީ ހާއްސަ ތަހުގީގީ ޓީމެއް އެކުލަވާލައިފަ އެވެ.
"ފައްޅި ހިންގާ ޓްރަސްޓްގެ ލަފާގެ މަތިން އަޅުގަނޑުމެން މިހާރު ވާނީ ތަހުގީގެއް ފަށާފައި،" އާންމު ހަފުލާއެއްގައި ވާހަކަދައްކަވަމުން، ހިންދޫ ހަރުކަށި ފިކުރުގެ ދީނީ އިލްމުވެރިއެއްގެ ގޮތުގައި ބެލެވޭ އަދިތުޔަނާތު ވިދާޅުވި އެވެ. އަދި މިކަމާ ގުޅޭ އެއްވެސް ލިޔެކިޔުމެއް އޮތް މީހަކު ހުރިނަމަ، ތަހުގީގީ ޓީމާ އެ ހިއްސާކުރުމަށް ވެސް އޭނާ އެދިވަޑައިގަތެވެ.
ހިޔާނާތްތެރިވެފައިވާ ފައިސާގެ ސީދާ އަދަދު އަދި ސާފުނުވި ނަމަވެސް، އިދިކޮޅު ޕާޓީތަކާއި އެ ގައުމުގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި މި ހިޔާނާތް 20 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ބޮޑުވާނެ އެވެ.
މި ފައްޅި ބިނާކުރުމަށް ގާތްގަނޑަކަށް 240 މިލިއަން ޑޮލަރު ހޭދަވެފައިވާއިރު، މި ހުރިހާ ފައިސާއަކީ ވެސް އާންމުން ހަދިޔާކުރި ފައިސާ ކަމަށް މި މަޝްރޫއު ހިންގި ފަރާތްތަކުން ބުނެ އެވެ.
'ދަ އިންޑިއަން އެކްސްޕްރެސް' ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އާންމު ދުވަސްދުވަހު ވެސް މި ފައްޅިއަށް ހަދިޔާގެ ގޮތުގައި ދުވާލަކު 10,000 އެމެރިކާ ޑޮލަރު ލިބެ އެވެ. އަދި ދީނީ ގޮތުން ހާއްސަ ދުވަސްތަކުގައި މި އަދަދު 60,000 ޑޮލަރަށް އަރަ އެވެ.
ހިންދޫން ގަބޫލުކުރާ ގޮތުގައި އެމީހުންގެ ކަލާނގެ 'ރާމް' އުފަންވީ މީގެ 7,000 އަހަރު ކުރިން މި ފައްޅި ހުންނަ އަޔޯދިޔާ ކިޔާ އަވަށަށެވެ. ނަމަވެސް، 16 ވަނަ ގަރުނުގައި މުސްލިމް ރަސްކަލަކު އެތަނުގައި 'ބާބުރީ މިސްކިތް' ބިނާކުރީ ކަމަށް އެ މީހުން ބުނެ އެވެ.
އިންޑިޔާގައި މިހާރު ވެރިކަންކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އިދިކޮޅުގައި އޮތްއިރު، އެ މިސްކިތް ތަޅާލުމަށް ބޭއްވި ބޮޑެތި މުޒާހަރާތަކާއި ކެމްޕޭންތަކުގައި އިސް ދައުރެއް އަދާކުރި އެވެ. އެގޮތުން 1992 ވަނަ އަހަރު އެ މިސްކިތް ތަޅާލުމާ ގުޅިގެން، ސިޔާސީ ގޮތުން އެ ޕާޓީއަށާއި ބޮޑުވަޒީރު މޯދީއަށް ބޮޑު މަގުބޫލުކަމެއް ލިބި، އިންޑިއާ މިނިވަންވީއްސުރެ ވެރިކަން ކުރަމުން އައި ސެކިއުލާ ކޮންގްރެސް ޕާޓީ ބަލިކޮށް ވެރިކަމަށް އައުމަށް މަގުފަހިވި އެވެ. -- އޭއެފްޕީ