އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ހިންދޫ ވަތަނީ ޕާޓީން، އިދިކޮޅު ފަރާތްތަކުގެ ބާރުގެ ދަށުގައި އެތައް އަހަރެއް ވަންދެން އޮތް ވެސްޓް ބެންގަލް ސްޓޭޓުގެ އިންތިހާބު ބޮޑު ތަފާތަކުން ކާމިޔާބުކޮށްފި އެވެ. 

އާބާދީ 100 މިލިއަނަށްވުރެ ބޮޑު މި ސްޓޭޓުގައި ވޯޓު ގުނުން ކުރިއަށްދިޔައީ ވަރަށް ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކާ އެކުގަ އެވެ. މި އިންތިހާބަކީ އޭޕްރީލް އަދި މޭ މަހުގެ ތެރޭގައި ވޯޓުލީ ފަސް ސްޓޭޓާއި ސަރަހައްދުގެ ތެރެއިން އެއް ސްޓޭޓެވެ. މި ހުރިހާ ތަނެއްގެ ނަތީޖާ ވެސް ހޯމަ ދުވަހު ވަނީ އިއުލާނުކޮށްފަ އެވެ.

އިންޑިއާގެ އިލެކްޝަން ކޮމިޝަނުން ހާމަކުރި އެންމެ ފަހުގެ ނަތީޖާތަކުން ދައްކާގޮތުގައި، މޯދީގެ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އިން ވަނީ ލެޖިސްލޭޓިވް އެސެމްބްލީގެ 294 ގޮނޑީގެ ތެރެއިން 206 ގޮނޑި ކާމިޔާބުކޮށްފަ އެވެ. މިއީ ވެސްޓް ބެންގާލްގައި ބީޖޭޕީން ހޯދި ފުރަތަމަ އިންތިހާބީ ކާމިޔާބީ އެވެ.

އުތުރު-އިރުމަތީގެ އަސާމް ސްޓޭޓުގެ ވެރިކަން ބީޖޭޕީން ވަނީ ޖެހިޖެހިގެން ތިންވަނަ ފަހަރަށް ދަމަހައްޓައިފަ އެވެ. އަދި އައްސޭރިފަށުގެ ކުޑަ ސަރަހައްދެއް ކަމަށްވާ ޕުޑުޗެރީގައި ވެސް ވެރިކަންކުރާ ކޯލިޝަނުގައި އެ ޕާޓީ ހިމެނެ އެވެ.

ބީޖޭޕީގެ ސަޕޯޓަރުން އިއްޔެ ނިއު ދިއްލީގައި އިންތިހާބުގެ ކާމިޔާބީ ފާހަގަކުރަނީ. -- ފޮޓޯ: އޭއެފްޕީ
ބީޖޭޕީގެ ސަޕޯޓަރުން އިއްޔެ ނިއު ދިއްލީގައި އިންތިހާބުގެ ކާމިޔާބީ ފާހަގަކުރަނީ. -- ފޮޓޯ: އޭއެފްޕީ

މި ނަތީޖާތަކުގެ ސަބަބުން، 2029 ވަނަ އަހަރު ބާއްވާ އާންމު އިންތިހާބުގެ ކުރިން، ވަޒީފާ ނެތުމުގެ މައްސަލަތަކާއި އެމެރިކާއާ އެކު ވިޔަފާރީގެ އެއްބަސްވުމެއް ހެދުން ފަދަ އިގުތިސާދީ އަދި ހާރިޖީ ސިޔާސަތުގެ ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައިވާ މޯދީއަށް އިތުރު ބާރެއް ލިބޭނެ އެވެ.

"2026 ވަނަ އަހަރުގެ ވެސްޓް ބެންގަލްގެ އެސެމްބްލީ އިންތިހާބު އަބަދުވެސް ހަނދާން ހުންނާނެ،" އުމުރުން 75 އަހަރުގެ މޯދީ ސޯޝަލް މީޑިއާގައި ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ "ރައްޔިތުންގެ ބާރު ގަދަވެ، ބީޖޭޕީގެ ހެޔޮވެރިކަމުގެ ސިޔާސަތު ކާމިޔާބުވެއްޖެ" ކަމަށެވެ.

އަދި މީގެ އިތުރުން މޯދީ ވިދާޅުވީ، "ބީޖޭޕީން ވެސްޓް ބެންގާލުގައި ހޯދި ރެކޯޑު ކާމިޔާބީއަކީ ޕާޓީގެ މަސައްކަތްތެރިންގެ އެތައް ޖީލެއްގެ މަސައްކަތާއި ހިތްވަރާ ނުލައި ލިބެން އޮތް އެއްޗެއް ނޫން" ކަމަށެވެ.

ޕާޓީގެ އިސްވެރިންނާއި އެތައް ހާސް ސަޕޯޓަރުން ވަނީ ސްޓޭޓުގެ ވެރިރަށް ކޮލްކަތާގެ މަގުތަކަށް ނުކުމެ، އުފާފާޅުކޮށްފަ އެވެ.

ގައުމީ ޕާލަމެންޓުގައި ވެސް ވެރިކަންކުރާ ޕާޓީ ކަމަށްވާ ބީޖޭޕީން ވަނީ 2011 ވަނަ އަހަރުން ފެށިގެން ހުޅަނގު ވެސްޓް ބެންގާލްގައި ވެރިކަން ކުރަމުން އައި، މަޝްހޫރު ލީޑަރު މަމަތާ ބެނަރްޖީގެ ބާރުގަދަ ރީޖަނަލް ޕާޓީ ބަލިކުރުމަށް ވަރުގަދަ ކެމްޕޭނެއް ކޮށްފަ އެވެ.

މި ކެމްޕޭނުގައި، ވޯޓާސް ލިސްޓުން މިލިއަނުން މީހުން އުނިކުރުމުގެ މައްސަލަ ހިމެނުނެވެ. މިއީ ވޯޓުލުމުގެ ޝަރުތު ހަމަނުވާ މީހުން އުނިކުރުން ކަމަށް ބުނި ނަމަވެސް، ފާޑުކިޔާ ފަރާތްތަކުން ބުނެފައިވަނީ މިއީ ނިކަމެތި އަދި ބައިމަދު މުޖުތަމައުތަކާ ދެކޮޅަށް ރާވައިގެން ހިންގި އަމަލެއް ކަމަށެވެ.

އުމުރުން 71 އަހަރުގެ ބެނަރްޖީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިވަޑައިގެން ހުންނަވައި ތުހުމަތުކުރައްވާފައިވާ ގޮތުގައި ބީޖޭޕީން އިލެކްޝަން ކޮމިޝަނާ ގުޅިގެން ވަނީ މަކަރު ހަދައިފަ އެވެ.

"ބީޖޭޕީން ވަނީ 100 އަށްވުރެ ގިނަ ގޮނޑި ވަގަށް ނަގާފައި. އިލެކްޝަން ކޮމިޝަނަކީ ބީޖޭޕީގެ ކޮމިޝަނެއް،" އޭނާ ކޮލްކަތާގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވި އެވެ.

އޭނާ ވަނީ އަދި "އެނބުރި އަންނާނެ" ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.

އިންޑިއާގެ ހޯމް މިނިސްޓަރު އަދި ބީޖޭޕީގެ ލީޑަރު އަމިތު ޝާހް އިއްޔެ ބީޖޭޕީގެ އުފާ ފާޅުކުރުމުގެ އިވެންޓެއްގައި ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ: އޭއެފްޕީ
އިންޑިއާގެ ހޯމް މިނިސްޓަރު އަދި ބީޖޭޕީގެ ލީޑަރު އަމިތު ޝާހް އިއްޔެ ބީޖޭޕީގެ އުފާ ފާޅުކުރުމުގެ އިވެންޓެއްގައި ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ: އޭއެފްޕީ

ބެނަރްޖީ ވަނީ އަމިއްލަ ދާއިރާ ކަމަށްވާ ބަބާނީޕޫރުން ވެސް، ބީޖޭޕީގެ ސުވެންދު އަދިކާރީގެ އަތުން 15،000 އަށްވުރެ ގިނަ ވޯޓުގެ ތަފާތަކުން ބަލިވެފަ އެވެ.

ޕޮލިޓިކަލް އެނަލިސްޓެއް  ކަމަށްވާ ސުޝިލާ ރާމާސްވާމީ ވިދާޅުވީ ވެސްޓް ބެންގާލުގައި ބީޖޭޕީން ހޯދި ކާމިޔާބީގެ ސަބަބުން، އިރުމަތީ އިންޑިއާގައި އެ ޕާޓީގެ ބާރު ވަރަށް ބޮޑަށް އިތުރުވެގެންދާނެ ކަމަށެވެ.

"މިއީ ވަރަށް ބޮޑު ކާމިޔާބީއެއް. އަދި މިކަމުން ދައްކުވައިދެނީ ބީޖޭޕީގެ އިންތިހާބީ މަސައްކަތްތައް ކިހާ ވަރުގަދަ ކަމާއި، ކެމްޕޭނަށް ކިހާ ބޮޑު ސަމާލުކަމެއް ދޭކަން. އަދި ގައުމުގައި ބީޖޭޕީއަކީ އެންމެ ބާރުގަދަ ޕާޓީކަން ކަށަވަރުކޮށްދޭ،" އޭނާ އެފްޕީއަށް ވިދާޅުވި އެވެ.

މޯދީ، ދިއްލީގައި ބީޖޭޕީގެ މެމްބަރުންނާއި ސަޕޯޓަރުންނާ މުހާތަބުކުރައްވައި ވަނީ އިންތިހާބު ބޭއްވި ސަރަހައްދުތަކުގައި ސުލުހަވެރިކަމާއި ހަމަޖެހުން ގާއިމުކުރުމަށް ގޮވާލައްވައިފަ އެވެ.

އޭނާ ވިދާޅުވީ، ބީޖޭޕީ މޮޅުވުމުން ދައްކަންވީ ބަދަލު ހިފުމުގެ ވާހަކައެއް ނޫން ކަމަށާއި ބަދަލު ގެނައުމުގެ ވާހަކަ ކަމަށެވެ. އަދި ބިރުވެރިކަމުގެ ވާހަކައެއް ނުދައްކައި ކުރިމަގުގެ ވާހަކަ ދައްކަން ގޮވައިލެއްވި އެވެ.

އިންތިހާބުގެ ނަތީޖާއިން ލިބުނު އަނެއް ބޮޑު ސިހުމަކީ، ދެކުނުގެ ސްޓޭޓެއް ކަމަށްވާ ޓެމިލް ނާޑޫގެ ޗީފް މިނިސްޓަރު އެމް.ކޭ. ސްޓަލިން އަށް އޭނާގެ ގޮނޑި، ކާމިޔާބުވާނެ ކަމަށް މީގެ ކުރިން ލަފާ ވެސް ކޮށްލެވިފައި ނުވާ ކެންޑިޑޭޓަކާ ވާދަކޮށް ގެއްލުމެވެ.

ސްޓަލިން ވެރިކަން ކުރާ ދްރަވިޑާ މުނެތުރަ ކަޒަގަމް (ޑީއެމްކޭ) އަށް ލިބުނީ، ދެކުނުގެ މަޝްހޫރު ފިލްމީ ތަރި ސީ. ޖޯސެފް ވިޖޭ އުފެއްދި އާ ޕާޓީއެއްގެ ފަހަތުން ދެ ވަނަ މަގާމެވެ.

އުމުރުން 51 އަހަރުގެ ވިޖޭއަކީ އިންޑިއާގެ އެންމެ މަގުބޫލު އެއް އެކްޓަރެވެ. އޭނާ ވަނީ 2024 ވަނަ އަހަރު ޒުވާނުންނަށް ވަޒީފާ ހޯދައިދިނުމާއި ހެޔޮވެރިކަމުގެ ޝިއާރުގެ ދަށުން ޓީވީކޭ ޕާޓީ އުފައްދައިފަ އެވެ.

ޓެމިލް ނާޑޫއަކީ އާބާދީ 80 މިލިއަނަށްވުރެ ގިނަ، ސިނާއީ މުހިންމު މަރުކަޒެކެވެ.

ނަތީޖާތަކުން ދައްކާގޮތުގައި، އުމުރުން 73 އަހަރުގެ ސްޓަލިން ވަނީ އޭނާގެ ސަރަހައްދު ކަމަށްވާ ކޮލަތޫރުން ޓީވީކޭގެ ވީ.އެސް. ބާބު އަތުން ބަލިވެފަ އެވެ.

ޕޮލިޓިކަލް ސައިންޓިސްޓް ރާމޫ މަނިވަނަން އެފްޕީއަށް ވިދާޅުވީ،  ޒުވާނުންނަށް އާ މޫނެއް ބޭނުންވާކަން މި ނަތީޖާއިން ދައްކައިދޭ ކަމަށެވެ.  މިއީ ހަމައެކަނި މިހާރު ވެރިކަމުގައި ތިބި މީހުންނާ ދެކޮޅަށް ވޯޓު ދިނުން ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"ވިޖޭއަކީ ފިލްމީ ތަރިއަކަށްވާތީ އޭނާއަށް ތާއީދުކުރާ އަންހެން ސަޕޯޓަރުން ވަރަށް ގިނަ. މިކަންކަމުގެ އަސަރު މި ނަތީޖާއަށް ކޮށްފައިވާނެ،" މަނިވަނަން ވިދާޅުވި އެވެ.

އަވަށްޓެރި ކެރެލާގައި، ކޮންގްރެސް ޕާޓީ އިސްވެ އޮތް އިއްތިހާދަކުން ވަނީ ލެފްޓް ޑިމޮކްރެޓިކް ފްރަންޓް ބަލިކޮށްފަ އެވެ. މިއާ އެކު ކެރެލާގައި އޮތް ކޮމިއުނިސްޓް ވެރިކަން ވަނީ ނިމުމަކަށް އައިސްފަ އެވެ.

ކޮންގްރެސްގެ ލީޑަރު ރާހުލް ގާންދީ ވަނީ ކެރެލާގެ ރައްޔިތުންނަށް، ނިންމުން ވަރަށް ސާފު ކަމަށް ވިދާޅުވެ ޝުކުރު އަދާކުރައްވައިފަ އެވެ. -- އޭއެފްޕީ