އިންޑިއާގެ ވެރިކަންކުރާ ހިންދޫ ވަތަނީ ޕާޓީން ހިންގާ ސްޓޭޓްތަކުގައި، ހިޔާލުތަފާތުވުން ބޮޑު "ޔުނިފޯމް ސިވިލް ކޯޑު" (ޔޫސީސީ) އިތުރަށް ތަންފީޒުކުރުމަށް އެ ގައުމުގެ އިންޓީރިއާ މިނިސްޓަރު ވައުދުވެވަޑައިގެންފި އެވެ. މިއީ މުސްލިމް އާބާދީގެ ކަންބޮޑުވުން ވަރަށް ބޮޑަށް އޮތް މައްސަލައެކެވެ.

އިންޑިއާގެ 1.4 ބިލިއަން މީހުންގެ މައްޗަށް ހިންގަނީ އެއް ޖިނާއީ ގާނޫނެކެވެ. ނަމަވެސް ކާވެންޏާއި ވަރި އަދި އަދި ތަރިކަ މުދާ ލިބުން ފަދަ އަމިއްލަ ކަންކަމުގައި އަމަލުކުރާ ގަވާއިދުތައް ތަފާތުވަނީ އެކި ޖަމާއަތްތަކާއި ދީންތަކުގެ އާދަކާދަތަކުގެ މައްޗަށް ބިނާކޮށެވެ.

އެ ތަފާތު ގަވާއިދުތަކުގެ ބަދަލުގައި އެއްގޮތް ސިވިލް ކޯޑެއް (ޔޫސީސީ) ތައާރަފުކުރުމަކީ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ވެރިކަންކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) ގެ އިސް އެއް އަމާޒެވެ.

އެންމެ މަދުވެގެން ހަތަރު ސްޓޭޓެއްގައި މިހާތަނަށް ޔޫސީސީ ތަންފީޒުކުރަން ވަނީ ފަށައިފަ އެވެ.

"އަޅުގަނޑުމެން ވަނީ އެތައް ސްޓޭޓެއްގައި ޔޫސީސީ ތައާރަފުކޮށްފައި... 2029 ގެ ކުރިން ބީޖޭޕީ އިސްވެ އޮންނަ ނޭޝަނަލް ޑިމޮކްރެޓިކް އެލަޔަންސުން ވެރިކަންކުރާ 21 ސްޓޭޓުގައި ވެސް  އެ ގާނޫނު ތަންފީޒުކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް،" އާދީއްތަ ދުވަހު ހޯމް މިނިސްޓަރު އަނިލް ޝާހް (އަމިތު ޝާހް) ވިދާޅުވި އެވެ.

އެއްގޮތް ސިވިލް ކޯޑެއް ގާއިމުކުރުމަށް ހިންގާ ހަރަކާތްތަކާ ގުޅިގެން، ހާއްސަކޮށް މުސްލިމް ރައްޔިތުންގެ މެދުގައި ކަންބޮޑުވުންތައް އުފެދިފައިވެ އެވެ. އެ މީހުން ބުނާގޮތުގައި މިފަދަ ފިޔަވަޅެއްގެ ސަބަބުން އެމީ ހުންގެ ދީނީ މިނިވަންކަމަށް ހުރަސްއެޅޭނެ އެވެ.

ޔޫސީސީއަށް ތާއީދުކުރާ މީހުން އެގޮތަށް ވިސްނުން ހުރީ އިސްލާމް ދީނުގައި އަންހެނުންގެ ހައްގުތައް ހަނިކޮށްފައިވާ ކަމަށް ބުނެ އެވެ. އެ މީހުން ބުނަނީ ޔޫސީސީ ގިނަ އަނބިން ގެންގުޅުން ނިމުމަކަށް ގެނައުމާއި، ފިރިހެން ދަރިންނާއި އަންހެން ދަރިންނަށް ތަރިކަ މުދާ ހަމަހަމައަށް ލިބޭނެ ގޮތް ހެދުން އަދި ވަރީގެ މަރުހަލާތައް ސިވިލް ކޯޓުތަކުން ކުރިއަށްގެންދަން މަޖުބޫރުވާނެ އުސޫލެއް ކަމަށެވެ.  މުސްލިމް އަންހެނުންނަށްވެސް އެހެން މީހުންނެކޭ އެއްފަދައިން ހަމަހަމަ ހައްގުތައް ލިބޭނީ މި ސިވިލް ކޯޑަށް އަމަލުކޮށްގެން ކަމަށް އެ މީހުން ބުނެ އެވެ.

ދުނިޔޭގެ އެންމެ ބޮޑު އާބާދީ ކަމަށްވާ އިންޑިއާއަކީ ހިންދޫންގެ އަޣުލަބިއްޔަތު އޮންނަ ގައުމެކެވެ. ނަމަވެސް އެ ގައުމުގައި އަންދާޒާކުރެވޭ ގޮތުގައި 220 މިލިއަން މުސްލިމުން އުޅެ އެވެ. މިއީ ދުނިޔޭގެ ތިންވަނައަށް އެންމެ މުސްލިމް އާބާދީ އެވެ.

އިންޑިއާގެ ދެން އެންމެ އަވަހަށް އޮންނަ ގައުމީ އިންތިޚާބު އޮންނާނީ 2029 ވަނަ އަހަރު އެވެ. ބޮޑުވަޒީރު މޯދީ, ޖެހިޖެހިގެން ތިން ވަނަ ދައުރަކަށް, 2024 ވަނަ އަހަރު ކާމިޔާބު ހޯއްދެވި  ނަމަވެސް އެ އިންތިޚާބުގައި މޯދީއަށް ވެރިކަން ލިބިވަޑައިގަތީ ކޯލިޝަން ސަރުކާރެއްގެ ތެރެއިންނެވެ. -- އޭއެފްޕީ