މެޓާ ކުންފުނީގެ  ވަޓްސްއެޕް ބޭނުންކުރާ އެތައް މިލިއަން ބަޔަކަށް، އާއިލާ އާއި ރައްޓެހިން ނުވަތަ ވިޔަފާރިތަކާ މުއާމަލާތްކުރުމުގައި ދެން ފޯނު ނަންބަރު ހިއްސާކުރަން ނުޖެހޭނެ ކަމަށާއި ދެން އަންނަ އަޕްޑޭޓާ އެކު ޔޫޒާ ނޭމެއް ލިބޭނެ ކަމަށް އެ ކުންފުނިން ހޯމަ ދުވަހު ބުނެފި އެވެ.

ވަޓްސްއެޕުން ނެރުނު ބަޔާނެއްގައި ބުނީ މިއީ "އަމިއްލަ ފޯނު ނަންބަރުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް" ގެންނަ ބަދަލެއް ކަމަށެވެ.

ފޯނު ނަންބަރު ހާމަވުމުގެ ފުރުސަތު ހަނިކުރުމުން، ބޮޑެތި ގްރޫޕް ޗެޓްތަކަށް މީހުން އިތުރުކުރާއިރު ނުވަތަ ފުރަތަމަ ފަހަރަށް މީހަކަށް ނުވަތަ ވިޔަފާރިއަކަށް މެސެޖުކުރާއިރު، އަމިއްލައަށް ފޯނު ނަންބަރު ނުފެންނާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މީގެ އިތުރުން، މެޓާއިން ބުނި ގޮތުގައި މީހުންގެ ޔޫޒާ ނޭމްގެ  ޑައިރެކްޓަރީއެއް ނުވަތަ ލިސްޓެއް ނޯންނާނެ އެވެ. އަދި ޔޫޒާ ނޭމުން މީހުން ހޯދާއިރު "ސަޖެޝަން" ނުވަތަ ގުޅޭ ނަމެއް ވެސް ނުފެންނާނެ ކަމަށާއި އެ މީހަކާ މުއާމަލާތުކުރަން ބޭނުން ނަމަ ޖެހޭނީ ސީދާ އެ މީހެއްގެ ޔޫޒާ ނޭމް އެނގެން ކަމަށް ބުންޏެވެ.  

އެހެން ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކެކޭ ވެސް އެއްގޮތަށް، ވަޓްސްއެޕް ބޭނުންކުރާ މީހުންގެ އަދަދު ގިނަކަމުން (ތިން ބިލިއަނަށްވުރެ ގިނަ މީހުން ބޭނުންކުރާ ކަމަށް މެޓާއިން ބުނެއެވެ)، ގިނަ ބަޔަކަށް އެމީހުން އެންމެ ފުރަތަމަ ބޭނުންވާ ޔޫސޒާ ނޭމް ނުލިބުމަކީ އެކަށީގެންވާ ކަމެކެވެ.

އެ ކުންފުނިން ބުނީ ކުރިއަށް އޮތް މަސްތަކުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޔޫޒާ ނޭމް ރިޒާވްކުރުމުގެ ފުރުސަތު މަޑުމަޑުން ހުޅުވާލާނެ ކަމަށާއި، ކޮންމެ ގައުމަކަށް މި ހިދުމަތް ލިބެން ފެށުމުން އެ ގައުމެއްގެ މީހުންނަށް އެކަން އަންގާނެ ކަމަށެވެ.

ހަމައެއާ އެކު، "ކްރިއޭޓަރުންނާއި، ކުދި ވިޔަފާރިތަކާއި އަދި ޖަމިއްޔާތަކަށް" މެޓާގެ ދަށުން ހިންގާ ފޭސްބުކް ނުވަތަ އިންސްޓަގްރާމްގައި މިހާރުވެސް ބޭނުންކުރަމުންދާ ޔޫޒާނޭމް ވަޓްސްއެޕްގައި ވެސް ހޯދުމުގެ ފުރުސަތު ލިބޭނެ އެވެ. -- އޭއެފްޕީ