ޖުލައި މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ސިންގަޕޫރުގެ ގޭބިސީތަކުން ކަރަންޓަށް ކުރާ ހޭދަ (އިލެކްޓްރިސިޓީ ޓެރިފް) 17 ޕަސެންޓް ބޮޑުވާނެ އެވެ. މީގެ އިތުރުން، ޓައުން ގޭސް ނުވަތަ ކެއްކުމުގެ ބޭނުމަށް ހޮޅިން ގެތަކަށް ފޯރުކޮށްދޭ ގޭހުގެ އަގު ވެސް 7.1 ޕަސެންޓް މައްޗަށް ދާނެ އެވެ.

ސިންގަޕޫރުގެ އެނާޖީ މާކެޓް އޮތޯރިޓީ (އީއެމްއޭ) ގެ ތަރުޖަމާނަކާ ހަވާލާދީ 'ސްޓްރެއިޓްސް ޓައިމްސް' އިން ބުނީ މިއީ ކަރަންޓާއި ގޭހުގެ އަގުތައް މިހާތަނަށް އެންމެ ބޮޑުވާ ފަހަރު ކަމަށެވެ.

އީއެމްއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އަގުތައް މިގޮތަށް މަތިވީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ގުދުރަތީ ގޭހުގެ އަގުތައް ބޮޑުވުމުގެ ސަބަބުން ކަމަށެވެ.

ގުދުރަތީ ގޭހުގެ އަގުތައް ފެބްރުއަރީ މަހުގެ ފަހުކޮޅުން ފެށިގެން ވަރަށް ބޮޑަށް މައްޗަށް ގޮސް، އޭޕްރީލް މަހުން ޖޫން މަހުގެ ނިޔަލަށް އެ އަގުތައް ހުރީ އެއްވަރެއްގައި ހިފެހެއްޓިފަ އެވެ. މިކަމުގެ ސަބަބުން ސިންގަޕޫރުގައި ކަރަންޓާއި ޓައުން ގޭސް އުފެއްދުމަށް ހިނގާ ހަރަދު ވަނީ ބޮޑުވެފަ އެވެ.

މި ބަދަލުތަކާ އެކު ވެސް، އެޗްޑީބީ ފްލެޓްތަކުގެ، އެއް މިލިއަނަށްވުރެ ގިނަ ގޭބިސީއަށް، ޔުޓިލިޓީ ބިލްތައް ކުޑަކުރުމަށް އެހީތެރިވުމުގެ ގޮތުން ޖުލައި މަހު 190 ސިންގަޕޫރު ޑޮލަރާ ހަމައަށް 'ޔޫ-ސޭވް' ރިބޭޓް ނުވަތަ އިނާޔަތް ލިބޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ. 

ފިނޭންސުން ބުނި ގޮތުގައި މިއީ އާންމުކޮށް ދޭ ޔޫ-ސޭވް އިނާޔަތްތަކާ އަޅާބަލާއިރު ދެގުނަ އިތުރު މިންވަރެކެވެ. އަދި މި އިނާޔަތް ލިބޭ މިންވަރު ބިނާވެގެންވަނީ އެ ގޭބިސީއެއް ދިރިއުޅޭ ފްލެޓްގެ ބާވަތަށެވެ. މީގެ އިތުރުން، ސާވިސް އަދި ކޮންސަވަންސީ ޗާޖުތަކުން (ހިދުމަތުގެ އަގުތަކުން) އެއް މަސްދުވަހުގެ ހިލޭ އިނާޔަތް ވެސް މި ގޭބިސީތަކަށް ލިބޭނެ އެވެ.

މި އިނާޔަތްތަކަކީ ދިރިއުޅުމުގެ ހަރަދުތައް ބޮޑުވަމުންދިއުމާއި، މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީއެސްޓީ) މަތިވުމުގެ ސަބަބުން ލިބޭ ދަތިތަކަށް ލުޔެއް ހޯދައިދިނުމަށް، އާމްދަނީ ދަށް އަދި މެދުފަންތީގެ ގޭބިސީތަކަށް އެހީތެރިވުމުގެ ގޮތުން ދާއިމީކޮށް ހިންގާ 'ޖީއެސްޓީ ވައުޗާ' ސްކީމްގެ ދަށުން ދޭ އެހީއެކެވެ.

ގްރިޑް އޮޕަރޭޓަރު، އެސްޕީ ގްރޫޕުން މިއަދު ނެރުނު ބަޔާނުގައި ބުނީ، ޖީއެސްޓީ ނުހިމަނައި، ކުރީގެ ކުއާޓަރާ އަޅާބަލާއިރު ގޭބިސީތަކުގެ ކަރަންޓުގެ އަގު ކިލޯވޮޓް-އަވަ އަކަށް 4.64 ސެންޓު ބޮޑުވެ، 31.91 ސެންޓަށް އުފުލޭނެ ކަމަށެވެ. މިއީ 2008 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގައި ކަރަންޓުގެ އަގު ކިލޯވޮޓް-އަވަ އަކަށް 30.45 ސެންޓަށް އެރި އެންމެ މަތީ ރެކޯޑަށްވުރެ ވެސް ބޮޑު މިންވަރެކެވެ.

މީގެ މާނައަކީ، ޖީއެސްޓީ ނުހިމަނައި، ހަތަރު ކޮޓަރީގެ އެޗްޑީބީ ފްލެޓެއްގެ އެވްރެޖް މަހު ކަރަންޓު ބިލަށް ގާތްގަނޑަކަށް 17.14 ސިންގަޕޫރު ޑޮލަރުގެ އިތުރުވުމެއް އައުމެވެ.

ގޭބިސީތައް ނޫން ފަރާތްތައް ވެސް ހިމެނޭހެން، ޖުމްލަ ކަރަންޓު ޓެރިފް ކުރީގެ ކުއާޓައާ އަޅާބަލާއިރު އެވްރެޖްކޮށް 17.5 ޕަސެންޓް ނުވަތަ ކިލޯވޮޓް-އަވައަކަށް 4.66 ސެންޓު ބޮޑުވާނެ އެވެ.

ގޭސް ފޯރުކޮށްދޭ ސިޓީ އެނަޖީން ވަކި ބަޔާނެއްގައި ބުނެފައިވަނީ، ޖީއެސްޓީ ނުހިމަނައި، ކުރީގެ ކުއާޓަރާ އަޅާބަލާއިރު ގޭބިސީތަކުގެ ގޭސް ޓެރިފް ކިލޯވޮޓް-އަވައަކަށް 1.56 ސެންޓު ބޮޑުވެ، 23.48 ސެންޓަށް އުފުލޭނެ ކަމަށެވެ. މީގެ ކުރިން ގޭހުގެ އަގު އެންމެ މަތިން ރެކޯޑު ކުރެވިފައިވަނީ 2024 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގަ އެވެ. އެއީ ކިލޯވޮޓް-އަވައަކަށް 23.42 ސެންޓެވެ.

އެސްޕީ ގްރޫޕާއި ސިޓީ އެނަޖީން ކަރަންޓާއި ގޭހުގެ ޓެރިފް ކޮންމެ ކުއާޓަރަކު އެއްފަހަރު މުރާޖައާ ކުރަނީ އީއެމްއޭ އިން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

ދުނިޔޭގެ މަސްރަހަށް އަންނަ ބަދަލުތަކާ އެކު ދުނިޔޭގެ ބާޒާރުގައި ތެލާއި ގޭހުގެ އަގުތަކަށް އަންނަ ލޮޅުންތަކާ ގުޅިގެން، ކޮންމެ ކުއާޓަރަކުން އަނެއް ކުއާޓަރަށް ކަރަންޓާއި ގޭހުގެ ޓެރިފަށް ބަދަލުތައް އައުމަކީ އެކަށީގެންވާ ކަމެކެވެ.

މި ޓެރިފްތައް ކަނޑައަޅަނީ އޭގެ ކުރީ ކުއާޓަރުގެ ފުރަތަމަ ދެ މަހާއި ބައިގެ ތެރޭގައި ހުރި ގޭހުގެ އަގުތަކަށް ބަލައިގެންނެވެ. އެހެންކަމުން، ކުއާޓަރެއްގެ ތެރޭގައި ތެލުގެ އަގަށް އަންނަ ބަދަލުތައް ކަރަންޓު ބިލުން ފެންނަން ފަށާނީ އެއާ ޖެހިގެން އަންނަ ކުއާޓަރުގަ އެވެ.