އިންޑިއާގެ ދެ ސަރަހައްދެއްގައި ހިންގާ، ކުޑަކުދިން ބަލަހައްޓާ މަރުކަޒުތަކެއްގައި ޑޭކެއާ ދެ ސެންޓަރެއްގައި ތުއްތު ކުދިންނަށް ބޮޑެތި އަނިޔާކޮށް އިހުމާލުވި ދެ ހާދިސާއެއް ފަޅާއަރައިފި އެވެ.

ބެންގަލޫރާއި މަހާރާޝްތުރާގައި ހިނގި މި ދެ ހާދިސާގައި ވެސް ހިމެނެނީ އުމުރުން ދެ އަހަރާއި ތިން އަހަރާ ދެމެދުގެ ތުއްތު ކުދިންނަށް އަނިޔާކުރި މައްސަލަތަކެވެ.

ފުރަތަމަ ހާދިސާ ފަޅާއަރާފައިވަނީ ބެންގަލޫރުގައި ހުންނަ މަޝްހޫރު އައިޓީ ކުންފުންޏެއް ކަމަށްވާ "ކެޕްޖެމިނީ"ގެ ކެމްޕަހެއްގެ ތެރޭގައި ހިންގާ ކޯޕަރޭޓް ޑޭކެއާ ސެންޓަރެއްގަ އެވެ. ސޯޝަލް މީޑިއާގައި ވައިރަލްވި ވީޑިއޯތަކަކުން ފެންނަ ގޮތުގައި، އެ ތަނުގައި މަސައްކަތްކުރާ ފަސް އަންހެން މުވައްޒަފަކު ވަނީ ކުދިން ރޯތީ އެކުދިން ހުއްޓުވުމުގެ ނަމުގައި ލާއިންސާނީ އަނިޔާތަކެއް ދީފަ އެވެ. އެ ކުދިން ފާހާނާއަށް ލައި ބަންދުކުރުމާއި، ފާހާނާގެ ހޭންޑް ޝަވަރުން ކުދިންގެ އަނގައަށް ބާރަށް ފެން ޖެހުމުގެ އިތުރުން، ދޮންނަމެޝިނުގެ ދޮންނަ ބައިގެ ތެރެއަށް ކުދިން ލާފައި ތިބޭތީ ވެސް ވީޑިއޯތަކުން ފެނެ އެވެ. 

މި ވީޑިއޯތައް އާންމުވުމާ އެކު ބެންގަލޫރު ފުލުހުން ވަނީ ޖުވެނައިލް ޖަސްޓިސް އެކްޓްގެ ދަށުން އެ ފަސް މުވައްޒަފުންގެ މައްޗަށް މައްސަލަ ރަޖިސްޓްރީކޮށްފަ އެވެ. އަދި ކެޕްޖެމިނީ ކުންފުނިން ވަނީ އެ ސެންޓަރު ވަގުތީގޮތުން ބަންދުކޮށް، ތަހުގީގަށް ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމަށް ބުނެފަ އެވެ.

މި ހާދިސާއާ އެކު ސިހުން ލިބިފައިވަނިކޮށް މަހާރާޝްތުރާގެ ޗަތުރަޕަތީ ސަމްބާޖީނަގަރުގެ ސީއައިޑީސީއޯ ގައި ހުންނަ "ޝުބަމް މަހޭޝްވަރީ ޑޭކެއާ" ގައި ވެސް ވަނީ މިއަށްވުރެ ބޮޑު އިހުމާލެއްގެ މައްސަލައެއް ފެންމަތިވެފަ އެވެ. އެ ތަނުގެ ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި، އެއްވެސް މުވައްޒަފަކު ނެތް ކޮޓަރިއެއްގައި ތިން ކުދިން ބަންދުކޮށްފައި ތިއްބާ، އުމުރުން ދެ އަހަރާއި ބައިގެ ކުއްޖަކު ވަނީ 23 މަހުގެ ތުއްތު ކުއްޖެއްގެ ގައިގައި 15 މިނެޓު ވަންދެން ތަޅައި ބާރަށް ދަތްއެޅުމުގެ ސަބަބުން ބޮޑެތި ޒަހަމްތަކެއް ލިބިފަ އެވެ. އެ ތުއްތު ކުއްޖާގެ މޫނާއި، މޭމައްޗާއި، ބުރަކަށީގެ އިތުރުން ފައިގެ 25 ތަނެއްގައި ދަތްއަޅާފައި ހުއްޓެވެ.

މި ހާދިސާގައި އެންމެ ބޮޑު ކަންބޮޑުވުމެއް އުފެދުނީ، އަނިޔާލިބުނު ކުއްޖާ ވޭނުގައި 45 މިނެޓު ވަންދެން ރޮއިރޮއި އޮތްއިރު ވެސް އެއްވެސް މުވައްޒަފަކު އެ ކުއްޖާއަށް އަޅާލުމެއް ނުދިނީތީ އެވެ. އެ ކުއްޖާއަށް ލިބުނު އަނިޔާތަކުގެ ސަބަބުން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހުނެވެ.

ބެލެނިވެރިން ތުހުމަތުކުރާ ގޮތުގައި، ޑޭކެއާގެ މެނޭޖްމަންޓުން ފުރަތަމަ އުޅުނީ މި މައްސަލަ އޮއްބާލާށެވެ. ސީސީޓީވީ ފުޓޭޖް އެޑިޓްކުރަން އުޅުނު ކަމަށާއި، ފުލުހަށް މައްސަލަ ހުށަނޭޅުމަށް އެދި އާއިލާއަށް 10 ލައްކަ ރުޕީސް (ގާތްގަނޑަކަށް 12,000 އެމެރިކާ ޑޮލަރު) އާއި ތިން އަހަރުގެ ހިލޭ ކިޔެވުން ރިޝްވަތުގެ ގޮތުގައި ހުށަހެޅި ކަމަށް ބެލެނިވެރިން ބުނެ އެވެ.

މި މައްސަލައިގައި މިހާރު ވަނީ އެ ސެންޓަރުގެ ސީއީއޯ، ޕްރިންސިޕަލް އަދި މެނޭޖަރުން ހިމެނޭހެން ހަ މުވައްޒަފަކާ ދެކޮޅަށް ފުލުހުން މައްސަލަ ރަޖިސްޓްރީކޮށްފަ އެވެ. އަދި މަހާރާޝްތުރާގެ އެޑިއުކޭޝަން ޑިޕާޓްމަންޓުން ވަނީ އެ ތަން ވަގުތުން ބަންދުކުރަން އަމުރުކޮށްފަ އެވެ.

ކުޑަކުދިން ބަލަހައްޓާ މަރުކަޒުތައް ހިންގުމުގައި މިއަށްވުރެ ހަރުކަށި ގަވާއިދުތަކެއް ހަދައި، ފިޔަވަޅުތައް ވަރުގަދަކުރުމަށް މި ހާދިސާތަކާ އެކު މީހުން އަންނަނީ ގޮވާލަމުންނެވެ.