ލަންކާގެ ޖަލެއްގައި ހިނގި ހަމަނުޖެހުންތަކެއްގައި މަދުވެގެން 19 މީހުން މަރުވެ، 100 އަށްވުރެ ގިނަ މީހުން ޒަހަމްވެއްޖެ އެވެ.
މަރުވި މީހުންގެ ތެރޭގައި ޖަލުގެ ހަތަރު ގާޑަކު ވެސް ހިމެނޭ ކަމަށާއި މިއީ ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި ޖަލެއްގައި ހިނގި އެންމެ ނުރައްކާތެރި ހަމަނުޖެހުން ކަމަށް އޮފިޝަލުން މިއަދު ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި، ވެރިރަށް ކޮލަމްބޯގެ އުތުރުން އޮންނަ ނިގަމްބޯގެ ޖަލުގައ، މަސްތުވާތަކެތީގެ ދެ ގޭންގެއްގެ މެދުގައި ރޭގަނޑު ހިނގި މި ކުރިމަތިލުންތަކުގައި ޒަހަމްވި މީހުން ވަނީ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.
ހޮސްޕިޓަލުގެ ޑިރެކްޓަރު ޕުޝްޕާ ގަމްލަތު ވިދާޅުވި ގޮތުގައި ސަރުކާރުގެ އެ ހޮސްޕިޓަލަށް، މަރުވެފައިވާ 19 މީހެއްގެ ހަށިގަނޑު ގެންގޮސްފައި ވާއިރު، ޒަަހަމްވި 100 އަށްވުރެ ގިނަ ގައިދީންނާއި ގާޑުން ވެސް ވަނީ އެޑްމިޓްކޮށްފަ އެވެ.
"ބައެއް މީހުންނަށް ބަޑީގެ ހަމަލާތަކުގެ ސަބަބުން އަނިޔާވެފައި އެބަހުރި،" އޭއެފްޕީއަށް ފޯނުން ދެއްވި އިންޓަވިއުގައި ގަމްލަތު ވިދާޅުވި އެވެ.
އޮފިޝަލުން ބުނާ ގޮތުގައި މި ހަމަނުޖެހުން ހިނގަން ފެށީ އާދީއްތަ ދުވަހުގެ ހަވީރު، ގާތްގަނޑަކަށް 10،000 އެއްހާ ގައިދީން ތިބޭ ނިގަމްބޯ ޖަލުގަ އެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުންގެ ކޮމާންޑޯއިންގެ އެހީތެރިކަމަށް ވެސް އެދުނެވެ. ނަމަވެސް އެ މީހުން ޖަލުގެ އެތެރެއަކަށް ނުވައްދަ އެވެ.
މިއަދު ވަނީ ޖަލުގެ ބޭރަށް ގައިދީންގެ އާއިލާތަކުގެ ގިނަ އަދަދެއްގެ ބަޔަކު އެއްވެފަ އެވެ. އެ ސަރަހައްދުގެ މީހުން ބުނި ގޮތުގައި ބަޑީގެ އަޑު އިވިފައިވާ އިރު، ކަމާބެހޭ ފަރާތްތަކުން ދަނީ ޑްރޯން ބޭނުންކޮށްގެން ހާލަތު މޮނިޓަރު ކުރަމުންނެވެ.
"ހަމަނުޖެހުންތައް ހުއްޓުވަން އުޅުމުގެ ތެރޭގައި ހަތަރު ގާޑަކު މަރުވި،" ފުލުހުންގެ އޮފިޝަލަކު އޭއެފްޕީއަށް ވިދާޅުވި އެވެ. "ހާލަތު ކޮންޓްރޯލުން ނެއްޓިގެން ދިޔައީ މިއަދު ހެނދުނު."
ޑިސެމްބަރު 2020 ގައި، ކޮވިޑް-19 ގެ ބަލިމަޑުކަން އެންމެ ބޮޑުވި ދުވަސްވަރު ލަންކާގެ އެހެން ޖަލެއްގައި ހިނގި ހަމަނުޖެހުމެއްގައި 11 ގައިދީން މަރުވެ، 117 މީހުން ޒަހަމްވި އެވެ. އެ ހާދިސާއާ ގުޅިގެން ސަރުކާރުން ވަނީ ތޮއްޖެހިފައިވާ ޖަލުތަކުން އެތައް ސަތޭކަ ގައިދީންނެއް ދޫކޮށްލައިފަ އެވެ.
ރަސްމީ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އާދީއްތަ ދުވަހާ ހަމައަށް ސްރީ ލަންކާގެ ޖަލުތަކުގައި 41،250 ގައިދީން ތިއްބެވެ. މިއީ އެ ޖަލުތަކަށް ކަނޑައެޅިފައިވާ ޖާގައަށްވުރެ ގާތްގަނޑަކަށް ހަތަރު ގުނަ އިތުރު އަދަދެކެވެ. -- އޭއެފްޕީ