ސްރީ ލަންކާގެ ނިގަމްބޯ ޖަލުގައި ހިނގަމުންދާ ނުރައްކާތެރި ހަމަނުޖެހުންތަކުގައި މަރުވި މީހުންގެ އަދަދު މިހާރު 26 އަށް އަރާފައިވާ ކަމަށް އެ ގައުމުގެ އޮފިޝަލުން ކަށަވަރުކޮށްދީފި އެވެ.

ފާއިތުވި ފަސް އަހަރު ތެރޭގައި ލަންކާގެ ޖަލެއްގައި ހިނގި އެންމެ ލޭއޮހޮރުވުން ބޮޑު މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ޖަލުގެ ހަތް ގާޑުންނާއި 19 ގައިދީން ހިމެނެ އެވެ. މި ހަމަނުޖެހުންތަކުގައި އިތުރު 100 އަށްވުރެ ގިނަ މީހުން ޒަހަމްވެގެން ނިގަމްބޯ ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ.

ހޮސްޕިޓަލުގެ ޑިރެކްޓަރު ޑރ. ޕުޝްޕާ ގަމްލަތު ވިދާޅުވި ގޮތުގައި ޒަހަމްވި މީހުންގެ ތެރޭގައި ބަޑީގެ ހަމަލާތަކުގެ ސަބަބުންނާއި، ތޫނު އެއްޗެހިން ދީފައިވާ ހަމަލާތަކުގެ ސަބަބުން ބޮޑެތި އަނިޔާތައް ލިބިފައިވާ މީހުން ހިމެނެ އެވެ.

ސްރީ ލަންކާގައި ހަމަނުޖެހުން ހިނގައި މީހުން މަރުވި ޖަލުގެ ބޭރަށް، ގައިދީންގެ އާއިލާތަކުގެ މީހުން އިއްޔެ ޖަމާވެފައި. -- ފޮޓޯ: އޭއެފްޕީ
ސްރީ ލަންކާގައި ހަމަނުޖެހުން ހިނގައި މީހުން މަރުވި ޖަލުގެ ބޭރަށް، ގައިދީންގެ އާއިލާތަކުގެ މީހުން އިއްޔެ ޖަމާވެފައި. -- ފޮޓޯ: އޭއެފްޕީ

ލަންކާގެ ޖަސްޓިސް މިނިސްޓަރު ހަރުޝަނާ ނާނަޔައްކާރާ ވިދާޅުވީ، މި ކުރިމަތިލުންތައް ފެށުނީ ޖަލުގެ އެތެރޭގައި ހިންގާ މަސްތުވާތަކެތީގެ ވަގުފާރިއެއްގެ މައުލޫމާތު ގައިދީއަކު ކަމާބެހޭ ފަރާތްތަކަށް ދިނުމާ ގުޅިގެން، މަސްތުވާތަކެތީގެ ދެ ގޭންގެއްގެ މެދުގައި އުފެދުނު ދެބަސްވުމެއްގެ ތެރެއިން ކަމަށެވެ. އާދީއްތަ ދުވަހުގެ ހަވީރު ފެށުނު މި ހަމަނުޖެހުންތައް ކޮންޓްރޯލުން ނެއްޓިގެން ދިޔައީ ހޯމަ ދުވަހުގެ ހެނދުނު އެވެ.

ގައިދީން ވަނީ ޖަލުގެ ގާޑުންނަށް ހަމަލާދީ، ބައެއް ހަތިޔާރުތައް އަތުލައި، ޖަލުގެ ފުރާޅުމައްޗަށް އަރައި މުޒާހަރާކޮށްފަ އެވެ.

ޖަލުގެ ހަމަނުޖެހުންތަކުގައި މަރުވި މީހެއްގެ އާއިލާ މީހަކު ޖަލު ބޭރުގައި ހުރެ ރޮނީ. -- ފޮޓޯ: އޭއެފްޕީ
ޖަލުގެ ހަމަނުޖެހުންތަކުގައި މަރުވި މީހެއްގެ އާއިލާ މީހަކު ޖަލު ބޭރުގައި ހުރެ ރޮނީ. -- ފޮޓޯ: އޭއެފްޕީ

ހާލަތު ކޮންޓްރޯލް ކުރުމަށްޓަކައި ލަންކާގެ އަސްކަރިއްޔާ އާއި ޕޮލިސް ސްޕެޝަލް ޓާސްކް ފޯސް (އެސްޓީއެފް) ގެ އިތުރުން އެއާފޯސްގެ ހެލިކޮޕްޓަރުތަކާއި ޑްރޯންތައް ބޭނުންކޮށްގެން ދަނީ ޖަލުގެ އެތެރެ މޮނިޓަ ކުރަމުންނެވެ. ސަރުކާރުން މިހާރު ވަނީ މި ހަމަނުޖެހުން ހިންގުމުގައި އިސްކޮށް އުޅުނު ގައިދީން އެހެން ހައި-ސެކިއުރިޓީ ޖަލުތަކަށް ބަދަލުކުރަން ފަށައިފަ އެވެ.

މި ހާދިސާ ތަހުގީގު ކުރުމަށްޓަކައި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރެއްގެ ބެލުމުގެ ދަށުން ހާއްސަ ކޮމިޓީއެއް މިހާރު ވަނީ ކަނޑައަޅައިފަ އެވެ.

ރަސްމީ ހިސާބުތައް ދައްކާ ގޮތުން 10،000 މީހުންގެ ޖާގައެއް އޮންނަ ލަންކާގެ ޖަލުތަކުގައި މިހާރުވެސް 41،250 އަށްވުރެ ގިނަ ގައިދީން އެބަތިއްބެވެ.