މިހާރު އުފެދިފައިވާ "އެލް ނީނޯ"  މޫސުމީ ބަދަލަކީ މީގެ ކުރިން ރެކޯޑްތަކަށް ވުރެ މައްޗަށް ހިނގައިދާނެ ވަރުގަދަ ބަދަލަކަށް ވާނެ ކަމަށް މޫސުމީ ކަންކަމާބެހޭ ތަޖުރިބާކާރަކު އަންގާރަ ދުވަހު ބުނެފި އެވެ. މިކަމުގެ ސަބަބުން ދުނިޔޭގެ އެކި ސަރަހައްދުތަކަށް ހަނަފަސްކަމާއި، ފެންބޮޑުވުމުގެ ބިރުވެރިކަން ވަނީ ކުރިމަތިވެފަ އެވެ.

އެލް ނީނޯ އަކީ ޕެސިފިކް ކަނޑުގެ މެދުތެރެ އާއި އިރުމަތީ ސަރަހައްދުގެ މަތީ ފަށަލައިގެ ފިނިހޫނުމިން އާދަޔާ ހިލާފަށް މަތިވުމުގެ ސަބަބުން ދުނިޔޭގެ ވައިގެ ދައުރުވުމަށާއި ވާރޭވެހޭ މިންވަރަށް ބޮޑެތި ބަދަލުތަކެއް އަންނަ މޫސުމީ ހާލަތެކެވެ. މިއީ އާންމުކޮށް ކޮންމެ ދެ އަހަރާއި ހަތް އަހަރާ ދެމެދުގެ މުއްދަތެއްގައި އުފެދި، 9 މަހާއި 12 މަހާ ދެމެދުގެ މުއްދަތަކަށް ދެމިގެންދާ ކަމެކެވެ.

ޔޫރަޕިއަން ސެންޓަރ ފޯ މީޑިއަމް-ރޭންޖް ވެދަ ފޯކާސްޓްސް (އީސީއެމްޑަބްލިޔުއެފް) ގެ އެލް ނީނޯ މާހިރު، ޓިމް ސްޓޮކްޑޭލް ވިދާޅުވި ގޮތުގައި ފާއިތުވި 30 އަހަރުގެ ތެރޭގައި ވެސް މިފަދަ ވަރުގަދަ އެލް ނީނޯއެއް ފާހަގަކުރެވިފައެއް ނުވެ އެވެ. އޭނާ ވިދާޅުވި ގޮތުގައި މޫސުން ލަފާކުރާ ހުރިހާ މޮޑެލްތަކަކުން ވެސް ދައްކަނީ މިއީ ވަރަށް ނުރައްކާތެރި "އެކްސްޓްރީމް" އިވެންޓަކަށް ވާނެ ކަމަށެވެ.

"މިފަހަރުގެ އެލް ނީނޯ ރެކޯޑްތައް މުގުރާނުލައިފި ނަމަ އެއީ ވަރަށް އާދަޔާހިލާފް ކަމެއް،" އޭނާ ވިދާޅުވި އެވެ.

އާންމުކޮށް އެލް ނީނޯ އޭގެ އެންމެ ބާރުގަދަ މިންވަރަށް ދަނީ ނޮވެމްބަރާއި ފެބްރުއަރީއާ ދެމެދުގަ އެވެ. ނަމަވެސް މީގެ ސަބަބުން ދުނިޔޭގެ ފިނިހޫނުމިން އެންމެ މަތިވަނީ އޭގެ ފަހުންނެވެ. އިންސާނުންގެ އަމަލުތަކުގެ ސަބަބުން އަންނަ މޫސުމީ ބަދަލުތަކާ މިކަން އެއްވެ، އެންމެ ފަހުން 2023 ގައި ކުރިމަތިވި އެލް ނީނޯގައި ވަނީ ދުނިޔޭގެ ތާރީހުގައި ދެ ވަނައަށް އެންމެ ހޫނު އަހަރަށް ވެފަ އެވެ. އަދި 2024 ވަނަ އަހަރު ވެގެންދިޔައީ ރެކޯޑް ކުރެވުނު އެންމެ ހޫނު އަހަރަށެވެ.

ފެންބޮޑުވުން، ހަނަފަސްކަން އަދި އަލިފާނުގެ ހާދިސާތައް

އެލް ނީނޯގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ކުރާނެ އަސަރުތައް:

  • އޭޝިއާ ސަރަހައްދު: އޭޝިއާގެ ގިނަ ހިސާބުތަކަށް އާންމުކޮށް ވެހޭ ވަރަށް ވުރެ ވާރޭ މަދުވެ، ހަނަފަސްކަން ކުރިމަތިވެ އެވެ. މިކަމުގެ ސަބަބުން އިންޑިއާ ފަދަ ގައުމުތަކުގެ ވިއްސާރަ (ހުޅަނގު މޫސުން) ކުރުވެ، ދަނޑުވެރިކަމަށް ބޮޑެތި ގެއްލުންތަކެއް ލިބެ އެވެ. އިންޑިއާގެ ދަނޑުވެރިކަމާ ބެހޭ އިދާރާތަކުން މިހާރު އަންނަނީ މިކަމަށް ތައްޔާރުވަމުންނެވެ.
  • އޮސްޓްރޭލިއާ: މި ބަދަލާ އެކު އޮސްޓްރޭލިއާ ބައްރަށް އާދަޔާ ހިލާފަށް ހޫނުވެ، ހީޓްވޭވްތަކާއި ޖަންގަލިތަކުގައި އަލިފާން ރޯވުމުގެ ހާދިސާތައް އިތުރުވެ އެވެ.
  • އެފްރިކާ: ހޯން އޮފް އެފްރިކާ ސަރަހައްދަށް ވާރޭވެހުން އިތުރުވާއިރު، އެފްރިކާގެ ދެކުނު، ހުޅަނގު އަދި މެދުތެރޭގެ ބައެއް ހިސާބުތަކަށް ކުރިމަތިވަނީ ހަނަފަސްކަމެވެ.
  • ދެކުނު އެމެރިކާ: ޕެރޫ އަދި އިކުއެޑޯ ފަދަ ހުޅަނގު ދެކުނު އެމެރިކާގެ އައްސޭރިފަށުގެ ގައުމުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް ހިނގަ އެވެ. ނަމަވެސް ބްރެޒިލްގެ އުތުރު ހިސާބުތަކަށް ވާރޭ މަދުވެ، އެމެޒޯން ޖަންގަލީގައި އަލިފާން ރޯވުމުގެ ބިރު ބޮޑުވެ އެވެ.

މި ނުރައްކާތަކާ ގުޅިގެން، އދ. ގެ ކާބޯތަކެއްޗާ ބެހޭ އެހީގެ އިދާރާތަކުން ވަނީ، އެލް ނީނޯގެ ސަބަބުން ކުރިމަތިވެދާނެ ކާރިސާތަކުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށް ބޭނުންވާ ފަންޑު ހޯދުމަށް ދުނިޔެއަށް އިލްތިމާސްކޮށްފަ އެވެ.