ޕެސިފިކް ކަނޑުގައި މިހާރު އުފެދެމުންދާ އެލް ނީނޯގެ ހާލަތު އިތުރަށް ވަރުގަދަވެ، ބާރުގަދަ އެއް ނީނޯއަކަށް ބަދަލުވުމުގެ 90 ޕަސެންޓު ފުރުސަތު އެބައޮތް ކަމަށް ސްރީ ލަންކާގެ މޫސުމާ ބެހޭ އިދާރާއިން ވެސް އިއްޔެ އިންޒާރު ދީފި އެވެ.
މި އަހަރުގެ އޮގަސްޓުން އޮކްޓޯބަރު މަހާ ދެމެދު މި އެލް ނީނޯ ވަރަށް ބާރުގަދަ ހާލަތަކަށް ބަދަލުވުމުގެ ފުރުސަތު 90 ޕަސެންޓަށް ވުރެ މަތި ކަމަށް ދުނިޔޭގެ މޫސުމާ ބެހޭ އިދާރާ ވޯލްޑް މީޓިއޮރޮލޮޖިކަލް އޯގަނައިޒޭޝަން (ޑަބްލިއުއެމްއޯ) އިން ވެސް ވަނީ ލަފާކޮށްފަ އެވެ.
ލަންކާގެ މީޓިއޮރޮލޮޖީ ޑިޕާޓްމަންޓުގެ ޑިރެކްޓަ ޖެނެރަލް އަޖިތު ވިޖޭމަންނަގެ ވިދާޅުވީ މޫސުމީ ލަފާކުރުންތަކުގެ ރިޕޯޓްތައް ދައްކާ ގޮތުގައި މި އަހަރުގެ އެލް ނީނޯއަކީ މިދިޔަ 75 އަހަރުގެ ތެރޭގައި ވެސް އައި އެންމެ ބާރުގަދަ އެލް ނީނޯއަށް ވުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ.
ލަންކާގެ މީޑިއާތަކަށް އޭނާ ވިދާޅުވި ގޮތުގައި، ދުނިޔޭގެ މޫސުމީ މޮޑެލްތައް ދައްކާ ގޮތުގައި މި އަހަރުގެ ނިޔަލަށް ވަރަށް ބާރުގަދަ އެލް ނީނޯއެއް އައުމުގެ ފުރުސަތު 90 ޕަސެންޓަށް ވުރެ ބޮޑެވެ. އަދި 1950 އިން ފެށިގެން މިހާތަނަށް އައިސްފައިވާ އެލް ނީނޯތަކާ އަޅާބަލާއިރު، މި އަހަރުގެ އެލް ނީނޯ، ކުރީގެ ހުރިހާ އެލް ނީނޯއަކަށް ވުރެ ބާރުގަދަވުމުގެ ފުރުސަތު 70 ޕަސެންޓާއާ ގާތްކުރެ އެވެ.
އަޖިތު ވިދާޅުވީ ލަންކާގެ އުތުރާއި އުތުރު-ސެންޓްރަލް އަދި އުތުރު-ހުޅަނގު ޕްރޮވިންސްތަކުގެ އިތުރުން މޮނަރާގަލާ އަދި ހަންބަންތޮޓާ ޑިސްޓްރިކްޓްތަކުގައި ހޫނުމިން ވަރަށް ބޮޑަށް އިތުރުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. ނަމަވެސް، ލަންކާގެ ހުޅަނގު އަދި ސަބަރަގަމުވާ ޕްރޮވިންސްތަކަށް ވިއްސާރަކުރާތީ، އެ ސަރަހައްދުތަކުން ހޫނުމިން މައްޗަށް ދިއުމުގެ އަސަރު އެހާ ބޮޑަށް ފާހަގަކުރެވިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ލަންކާގެ އިރިގޭޝަން ޑިޕާޓްމަންޓުން ހާމަކުރި ގޮތުގައި، އެ ޑިޕާޓްމަންޓުގެ ބެލުމުގެ ދަށުގައި ހުރި ކޯރުތަކުގައި ފެން ހުރި މިންވަރު ވަނީ 37 ޕަސެންޓަށް ދަށްވެފަ އެވެ. އެހެންވެ، ފެން އިގްތިސާދުކޮށްގެން ބޭނުންކުރުމަށް އާންމުންނަށް ވަނީ އިލްތިމާސްކޮށްފަ އެވެ. ކޯރުތަކުގައި މިހާރު ހުރި ފެން އިގުތިސާދުކޮށްގެން ބޭނުންކޮށްފި ނަމަ ލަންކާގެ ދަނޑު ގޮވާންކުރާ މޫސުމަށާއި މި އަންނަ ނޮވެމްބަރާއި ޑިސެމްބަރު މަހުގެ ވިއްސާރައާ ހަމައަށް ފުދޭނެ ކަމަށް އެ ޑިޕާޓްމަންޓުން ލަފާކުރެ އެވެ.
ލަންކާގައި ސްޕްލައި ފެނުގެ ހިދުމަތް ދޭ ސަރުކާރުގެ ކުންފުނިން ބުނި ގޮތުގައި، މި ދުވަސްވަރު ލަންކާގެ ގިނަ ސަރަހައްދުތަކަށް ހޫނުގަދަވި ނަމަވެސް ސާފު ފެން އުފައްދާ ޕްލާންޓްތައް 100 ޕަސެންޓު ކެޕޭސިޓީގައި އަންނަނީ ހިންގަމުންނެވެ. އަދި 56 ޕަސެންޓަށް ވުރެ ގިނަ ކޯރުން ފެން މަދުވެފައިވީ ނަމަވެސް، އާންމުންނަށް ފެން ފޯރުކޮށްދިނުން ލިމިޓްކޮށްފައި ނުވެ އެވެ.
އެލް ނީނޯއަކީ ކޮބާ؟
އެލް ނީނޯއަކީ ކަނޑުގެ ސަތަހައިގެ ހޫނުމިން އާދަޔާ ހިލާފަށް މަތިވުމުގެ ސަބަބުން ކުރިމަތިވާ ގުދުރަތީ މޫސުމީ ހާލަތެކެވެ. މީގެ ސަބަބުން:
- ޕެސިފިކް ކަނޑުގެ އިރުމައްޗާއި މެދުތެރޭގެ ސަތަހައިގެ ހޫނުމިން މަތިވޭ
- ދުނިޔޭގެ ވައިގެ ދައުރުވުމާއި ޕްރެޝަރާއި ވާރޭ ވެހޭ ގޮތަށް ބޮޑެތި ބަދަލުތަކެއް އާދޭ
- މި ހާލަތު އާންމުކޮށް 9 މަހާއި 12 މަހާ ދެމެދުގެ މުއްދަތަކަށް ދެމިގެންދޭ
ވޯލްޑް މީޓިއޮރޮލޮޖިކަލް އޯގަނައިޒޭޝަން (ޑަބްލިއުއެމްއޯ) އިން އެންމެ ފަހުން ނެރުނު ގްލޯބަލް ސީޒަނަލް ކްލައިމެޓް އަޕްޑޭޓްގައި ބުނެފައި ވަނީ އެލް ނީނޯ އިތުރަށް ވަރުގަދަވަމުންދާ ކަމަށާއި މި އަހަރުގެ ނިޔަލަށް ދުނިޔޭގެ މޫސުމީ ނިޒާމަށް މީގެ އަސަރު ވަރަށް ބޮޑަށް ކުރާނެ ކަމަށެވެ.
- ވަރުގަދަވަމުންދާ އެލް ނީނޯ: މި އަހަރުގެ އޮގަސްޓުން އޮކްޓޯބަރު މަހާ ދެމެދު މި އެލް ނީނޯ ވަރަށް ބާރުގަދަ ހާލަތަކަށް ބަދަލުވުމުގެ ފުރުސަތު ބޮޑު ކަމަށް (90 ޕަސެންޓަށް ވުރެ މަތީގައި) ޑަބްލިއުއެމްއޯ އިން ވެސް ލަފާކުރޭ. ޕެސިފިކް ކަނޑުގެ މުހިންމު ސަރަހައްދުތަކުގެ ފިނިހޫނުމިން އާންމު މިންގަނޑަށް ވުރެ 2.9 ޑިގްރީ ސެލްސިއަސްއަށް ވުރެ މައްޗަށް ދާނެ ކަމަށް ބެލެވޭ.
- ދުނިޔޭގެ ފިނިހޫނުމިނަށް ކުރާނެ އަސަރު: ދުނިޔޭގެ ކަނޑުތަކުގެ ފިނިހޫނުމިން ރެކޯޑް މިންވަރަކަށް މައްޗަށް ގޮސްފައިވުމާ އެކު، މި އެލް ނީނޯގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އެއްގަމު ސަރަހައްދުތަކުގެ ހޫނުމިން އާންމުކޮށް ހުންނަވަރަށް ވުރެ މައްޗަށް ދާނެ. އޭގެ ތެރޭގައި އިންޑިއާ ބައްރާއި އެފްރިކާ އާއި ޔޫރަޕު އަދި ދެކުނު އެމެރިކާ ހިމެނޭ.
- އިންޑިއަން އޯޝަން ޑައިޕޯލް (އައިއޯޑީ): އެލް ނީނޯއާ އެކު ޕޮޒިޓިވް އިންޑިއަން އޯޝަން ޑައިޕޯލް އެއްވެސް އުފެދެމުންދާކަން ޑަބްލިއުއެމްއޯ އިން ފާހަގަކުރޭ. މި ދެ މޫސުމީ ހާދިސާ އެކުވުމުން އިންޑިއާ ކަނޑުގެ ސަރަހައްދުތަކަށް މޫސުން ގޯސްވުމުގެ ނުރައްކާ، އަދި ހޫނުގަދަވުމާއި ވާރޭ ވެހުން މަދުވުމުގެ އިތުރުން ކުއްލިއަކަށް ފެންބޮޑުވާ ކަހަލަ ހާދިސާތައް ހިނގުން) އިތުރުވެގެންދާނެއެވެ.
- ވާރޭވެހޭ މިންވަރަށް އަންނާނެ ބަދަލު: އެލް ނީނޯގެ ސަބަބުން އިންޑިއާ ބައްރު، ދެކުނު އެމެރިކާގެ އުތުރުގެ ސަރަހައްދުތައް އަދި އޮސްޓްރޭލިއާގެ ބައެއް ސަރަހައްދުތަކަށް ވާރޭވެހޭ މިންވަރު މަދުވާނެ. ނަމަވެސް، އެފްރިކާގެ އިރުމަތީ ސަރަހައްދުތަކާއި ސެންޓްރަލް އޭޝިއާ އަދި އެމެރިކާގެ ބައެއް ސަރަހައްދުތަކަށް އާންމުކޮށް ވާރޭވެހޭ މިންވަރަށް ވުރެ އިތުރަށް ވާރޭވެހުން އެކަށީގެންވޭ.
ޑަބްލިއުއެމްއޯގެ ސެކްރެޓަރީ ޖެނެރަލް ސެލެސްޓޭ ސައުލޯ ވިދާޅުވީ ކަނޑުގެ ފިނިހޫނުމިން މިހާ މައްޗަށް ގޮސްފައިވާ ދަނޑިވަޅެއްގައި މިފަދަ ބާރުގަދަ އެލް ނީނޯއެއް އައުމުން ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށް މޫސުމީ އިންޒާރުތަކާ އެކު، ގައުމުތަކުގެ ސަރުކާރުތަކަށާއި އާންމުންނަށް ކުރިއާލާ ތައްޔާރުވުމަށް މުހިންމު ފުރުސަތެއް ލިބޭނެ ކަމަށެވެ.