ޕެސިފިކް ކަނޑުގައި އެލްނީނޯގެ ބާރު ގަދަވަމުންދާއިރު އޭގެ ސަބަބުން ރާއްޖެ އަށް ކުރާ އަސަރުތައް ކުޑަކުރުމަށާއި ކުރިމަތިވެދާނެ ކާރިސާއަކަށް ދުރާލައި ތައްޔާރުވެ ތިބުމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު އަންގައިފި އެވެ.
ޑިޒާސްޓާ އިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ ޕެސިފިކް ކަނޑުގައި އުފެދިފައިވާ "އެލް ނީނޯ"ގެ ބާރު އިތުރަށް ގަދަވަމުންދާއިރު، މީގެ ނޭދެވޭ އަސަރު ރާއްޖެއަށް ވެސް ވަރަށް ބޮޑަށް ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އެހެންވެ، ހުރިހާ ދާއިރާތަކަކުން ވެސް މިކަމުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް ދުރާލައި ރާވައި، ތައްޔާރުވެ ތިބުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަންކަން
- ކުރިމަތިވެދާނެ ނުރައްކާތަކާއި އަސަރުތައް ދެނެގަތުން
- ޒަރޫރީ ހިދުމަތްތައް މެދުކެނޑުމެއް ނެތި ފޯރުކޮށްދިނުމަށް ވިޔަފާރިތަކާއި މުއައްސަސާތަކުން "ބިޒްނަސް ކޮންޓިނިއުޓީ ޕްލޭން: އެކުލަވައިލުމާއި މުރާޖައާކުރުން
- މުދަލާއި ހިދުމަތް ފޯރުކޮށްދިނުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުން
- މޫސުމީ ލަފާކުރުންތަކުގެ މައްޗަށް ބިނާކޮށް، ދުރާލައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން
ޑިޒާސްޓާއިން ބުނީ ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް އެހީތެރިކަން ފޯރުކޮށްދޭ އދ. ގެ އެޖެންސީ ޔޫއެންޑީއާރުއާރު އިން މިހާރު ވަނީ ބޮޑެތި ކުންފުނިތަކާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަމަލީ ގޮތުން ތަންފީޒުކުރެވިދާނެ މުހިންމު ކަންތައްތަކެއް ހިމެނޭ އުސޫލުތަކެއް އެކުލަވާލައި އާންމުކޮށްފައި ކަމަށެވެ.
ޕެސިފިކް ކަނޑުގައި އެލްނީނޯގެ ބާރު ގަދަވަމުންދާ ކަމަށާއި އޭގެ ސަބަބުން ކުރިއަށް ތިން މަސްދުވަހު ރާއްޖޭގެ ފިނިހޫނުމިން، އާއްމުކޮށް ހުންނަ ވަރަށް ވުރެ މަތިވާނެ ކަމަށް ލަފާކުރެވޭ ކަމަށް ރާއްޖޭގެ މޫސުމާ ބެހޭ އިދާރާ އިން ވެސް މިދިޔަ ހަފުތާގައި ވަނީ ބުނެފައިވެ އެވެ.
މި މަހުން ފެށިގެން އަންނަ ނޮވެމްބަރު މަހުގެ ނިޔަލަށް ރާއްޖޭގެ މޫސުން ލަފާކުރާ ގޮތުގެ ޗާޓަކާ އެކު މެޓުން އާންމުކުރި މައުލޫމާތުތަކުގައިވާ ގޮތުން މެދު ރާއްޖެތެރެއަށް [މާލެ އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް] އާންމުކޮށް ވެހޭ ވަރަށް ވުރެ ގިނައިން މި ތިން މަހު ވާރޭ ވެހޭނެ ކަމަށް ލަފާކުރެވެ އެވެ. އެކަމަކު، ދެކުނުގެ އަތޮޅުތަކަށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވެނީ އާންމުކޮށް ވެހޭވަރަށް ވުރެ މަދުން ކަމަށް އެ ލަފާކުރުމުގައިވެ އެވެ.
ނަމަވެސް، މުޅި ރާއްޖޭގެ ހޫނުމިން ވެސް ހުންނާނީ އާންމުކޮށް ހުންނަވަރަށް ވުރެ މަތީގައި ކަަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުންޏެވެ.
އެލްނީނޯގެ ސަބަބުން ރާއްޖެއަަށް ކުރާ މައިގަނޑު އެެއް އަސަރަކީ އެ އިދާރާއިން ބުނެފައިވާ ގޮތުގައި، ކަނޑުގެ ލޮނުގަނޑު އާދަޔާ ހިލާފަށް ހޫނުވުމެވެ. އޭގެ ސަބަބުން ފަރުތަކުގެ ދިރުމަށް ނުރައްކާވާނެ އެވެ. ކަނޑުގެ އޮއިވަރާއި ހާލާތަށް އަންނަ ބަދަލުގެ ސަބަބުން މަސްވެރިކަމުގެ ސިނާއަތަށް ގޮންޖެހުން ކުރިމަތިވާނެ ކަމަށް ވެސް މެޓް އޮފީހުން ބުންޏެވެ.
އެލްނީނޯގެ ސަބަބުން ރާއްޖެ އަށް ކުރިމަތިވެދާނެ ދެވަނަ ކަމަކީ ބައެއް ސަރަހްދުތަކަށް ވާރޭ ވެހުން މަދުވުމެވެ. އެއީ ދަނޑުވެރިކަމަށް ނޭދެވޭ އަަސަރުކުރާނެ ކަމެކެވެ.
އެލްނީނޯގެ ސަބަބުން ޕެސިފިކް ސަރަހައްދުގެ ކަނޑުގެ ސަތަހައިގެ ހޫނުމިން މިހާރު ވަނީ އާންމުކޮށް ހުންނަވަރަށް ވުރެ 2.0 ޑިގްރީ ސެލްސިއަސް މަތިވެފަ އެވެ. އެލްނީނޯގެ ހާލަތު ބަލާ މިންގަނޑު، ނީނޯ 3.4 އިންޑެކްސްއަށް ބަލާއިރު ކަނޑުގެ ސަތަހައިގެ ފިނިހޫނުމިން މިދިޔަ މަހު އެކަނި ވެސް 1.8 ޑިގްރީ ސެލްސިއަސް މަތިވި އެވެ.
އެލްނީނޯ އުފެދުނީ ޕެސިފިކް ކަނޑުގައި ކަމަށް ވިޔަސް އޭގެ އަސަރު އެހެން ސަރަހައްދުތަކަށް ވެސް ދަނީ ކުރަމުންނެވެ. ރާއްޖޭގެ މޫސުމާ ބެހޭ އިދާރާ އިން ބުނި ގޮތުގައި ކަނޑާއި ޖައްވުން މިހާރު ފެންނަނީ އެލްނީނޯގެ އަސަރުތަކެވެ.