އެލް ނީނޯގެ ސަބަބުން ދުނިޔޭގެ ވިޔަފާރިތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ކަމަށް، ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް އެހީތެރިކަން ފޯރުކޮށްދޭ އދ.ގެ އެޖެންސީ ޔޫއެންޑީއާރުއާރުގެ ކޯޕަރޭޓް ޗީފް ރެޒިލިއަންސް އޮފިސަރުންގެ ނެޓްވޯކުން ނެރުނު އެލް ނީނޯ އެޑްވައިޒަރީ ރިޕޯޓުގައި ބުނެފި އެވެ.
މިދިޔަ މަހު ނެރެފައިވާ އެ ރިޕޯޓަކީ ބާރުގަދަ އެލް ނީނޯއެއް އުފެދެމުންދާތީ، ދުނިޔޭގެ ވިޔަފާރި ކުންފުނިތަކުގެ ބޯޑުތަކާއި އިސް ވެރިން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަވަހަށް އަޅަން އިލްތިމާސްކޮށް ނެރެފައިވާ ހާއްސަ އިރުޝާދެކެވެ.
މި ލިޔުމުގައި މި ހިމަނާލަނީ އެ ރިޕޯޓުގެ ކުރު ހުލާސާއެކެވެ.
ނޭޝަނަލް އޯޝަނިކް އެންޑް އެޓްމޮސްފެރިކް އެޑްމިނިސްޓްރޭޝަނުން މިދިޔަ ޖުލައި މަހު ވަޒަންކޮށްފައިވާ ގޮތުގައި، ހުޅަނގުގެ ގައުމުތަކުގެ ފިނި މޫސުމާއި އަންނަ އަހަރުގެ ކުރީކޮޅާ ހަމައަށް އެލް ނީނޯގެ އަސަރުތައް ދިގުދެމިގެންދިއުމުގެ 97 ޕަސެންޓު ފުރުސަތު އެބައޮތެވެ.
މި މަހާއި ޑިސެމްބަރާ ދެމެދު ބާރުގަދަ އެލް ނީނޯއެއް އުފެދުމުގެ 81 ޕަސެންޓު ފުރުސަތު އޮތްއިރު، މިއީ 1950 ގެ ފަހުން އަންނާނެ އެންމެ ބޮޑު އަދި އެންމެ ބާރުގަދަ އެލް ނީނޯއަށް ވާނެ ކަމަށް ބެލެވެ އެވެ.
ވިޔަފާރިތަކަށް އަސަރުކުރާނެ ހަތަރު ދާއިރާއެއް
- އިންސާނީ ވަސީލަތްތައް: ހޫނުގަދަވުމާއި ގުދުރަތީ ކާރިސާތަކުގެ ސަބަބުން މުވައްޒަފުންގެ ސިއްހަތާއި ރައްކާތެރިކަމަށް އަސަރުކުރުން
- ހިންގުމުގެ ނިޒާމު: ކަރަންޓާއި ފެނުގެ ހިދުމަތް މެދުކެނޑުމާއި ކާރުހާނާތަކާއި ސައިޓްތަކުގެ މަސައްކަތް ހުއްޓުން
- ސަޕްލައި ޗޭން: މުދާ އުފުލާ މަގުތައް ބަންދުވުމާއި ތަކެތި ލިބުން ދަތިވުން
- މާލީ ފައިދާ: މުދާ އުފުލުމުގެ ހަރަދު ބޮޑުވުމާއި ތަކެތީގެ އަގު އުފުލުމުގެ ސަބަބުން ކުންފުނިތަކުގެ ފައިދާ ދަށްވުން
ސަރަހައްދީ ގޮތުން ނުރައްކާ އޮތް މިންވަރު
- ދެކުނު އެފްރިކާ: ބޮޑު ހަނަފަސްކަމަކާ ކުރިމަތިލާންޖެހި، ގޮވާމުގެ ބާވަތްތަކާއި މައުދަންތައް ނެގުމުގެ ދާއިރާއަށް ނޭދެވޭ އަސަރުކުރުން
- އިރުމަތީ އެފްރިކާ: ފެންބޮޑުވުމުގެ ސަބަބުން އިންފްރާސްޓްރަކްޗާއަށާއި އެއާޕޯޓުތަކަށާއި ޕޯޓުތަކަށް ގެއްލުންވެ، މުދާ އުފުލުމަށް ހުރަސްއެޅިދާނެ
- ދެކުނާއި ދެކުނު އިރުމަތީ އޭޝިއާ: މޫސުމީ ވާރޭ މަދުވުމުގެ ސަބަބުން ހަނޑުލާއި ހަކުރުގެ ޕްރޮޑަކްޝަން ދަށްވުމާއި ކާރުހާނާތަކަށް ބޭނުންވާ ފެނާއި ކަރަންޓު ލިބުމަށް ދަތިވުން
- އޮސްޓްރޭލިއާ: ހޫނުގަދަވުމާއި ވާރޭވެހުން މަދުވުމުގެ ސަބަބުން ދަނޑުގޮވާން އުފެއްދުން ދަށްވެ ދުނިޔޭގެ ބާޒާރަށް ގޮދަން ލިބުން ދަތިވުން
- އެމެރިކާ ސަރަހައްދު: ވާރޭވެހޭ މިންވަރު މަދުވެ، ހޫނުގަދަވުމުގެ ސަބަބުން ކޮފީ، ކޮކޯ، ދޮންކެޔޮ އުފެއްދުން ދަށްވުމުގެ އިތުރުން ފެން ބޭނުންކޮށްގެން އުފައްދާ ހަކަތަ ކަމަށްވާ ހައިޑްރޯޕަވާ މަދުވުން
- ދުނިޔޭގެ މުހިންމު ރޫޓުތައް: ޕެނަމާ ކެނަލްގެ ދިޔަވަރު ވަރަށް ބޮޑަށް ހިކުމުގެ ސަބަބުން، މުދާ އުފުލާ އުޅަނދުތަކުގެ އަދަދު މަދުވެ، ފްރައިޓް އަގުތައް ބޮޑުވުން
ޕެނަމާ ކެނަލްގެ ދިޔަވަރު ހިކުމުގެ ސަބަބުން، ދުވާލަކު ދަތުރުކުރާ އުޅަނދުގެ އަދަދު 38 އިން 22 އަށް 2023 އާއި 2024 އާ ދެމެދުގައި ވެސް ދަށްވި އެވެ. އަދި އެ އަހަރުތަކުގައި ހުޅަނގު އެފްރިކާގެ ސަރަހައްދުތަކަށް ކުރި ވިއްސާރައަށް ފަހު އައި ގަދަ ހޫނުގެ ސަބަބުން ކޮކޯ ޓަނެއްގެ އަގު 3,000 ޑޮލަރުން 10,000 ޑޮލަރަށް އުފުލުނެވެ.
އިންޓަނޭޝަނަލް ލޭބާ އޯގަނައިޒޭޝަން (އައިއެލްއޯ) އިން ލަފާކުރާ ގޮތުގައި 2030 ވަނަ އަހަރު އަންނައިރު، މަސައްކަތްކުރެވޭ ވަގުތު 2.2 ޕަސެންޓަށް، ދުނިޔެ ހޫނުވުމުގެ ސަބަބުން ދަށްވެ، ދުނިޔޭގެ އިގްތިސާދަށް 2.4 ޓްރިލިއަން ޑޮލަރުގެ ގެއްލުމެއް ލިބޭނެ އެވެ.
ބޮޑެތި ވިޔަފާރިތަކުން އަޅަންޖެހޭ ފިޔަވަޅުތައް
- އިސްވެރިއަކު ހަމަޖެއްސުން: 2028 އާ ހަމައަށް މިކަމުގެ މުޅި މަސްއޫލިއްޔަތު ނަގާނެ ވަކި އިސްވެރިއަކު އައްޔަންކުރުން
- ސަޕްލައި ޗެއިން މެޕްކުރުން: އެންމެ އަސާސީ ބާވަތްތަކުގެ ބަފަ ސްޓޮކް ކުރިއާލައި އެއްކުރުން
- ކުދި ސަޕްލަޔަރުންނަށް އެހީވުން: ކުދި ސަޕްލަޔަރުންނަށް ލިބޭ ގެއްލުން ކުޑަކުރުމަށް އަވަހަށް ފައިސާ ދެއްކުމާއި ދުރާލައި އޯޑަރު ދިނުން
- ޕެރަމެޓްރިކް އިންޝުރަންސް: ވަކި މޫސުމީ މިންގަނޑަކަށް (މިސާލަކަށް، ވާރޭވެހޭ މިންވަރަށް) ބަލައި ފައިސާ ލިބޭ އިންޝުއަރެންސް ނެގުން
- ޓޭބަލްޓޮޕް އެކްސަސައިޒް: އެންމެ މުހިންމު ސަޕްލަޔަރު 90 ދުވަހަށް ހުއްޓިއްޖެ ނަމަ އަމަލުކުރާނެ ގޮތުގެ ޓެސްޓެއް ކުންފުނީގެ އިސްވެރިންގެ މެދުގައި ހިންގުން
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން އަޅަންޖެހޭ ފިޔަވަޅުތައް
- ކުންފުންޏަށް އެންމެ ބޮޑަށް ގެއްލުންވާނެ ދިމާލެއް ދުރާލައި ދެނެގަތުން
- ބޮޑެތި ކަސްޓަމަރުންނާ ވާހަކަދައްކައި ކުރިއާލައި އޯޑަރުތައް ހޯދުމާއި ސަޕްލައި ދަށްވެއްޖެ ނަމަ ކަންކުރާނެ ގޮތްތައް ނިންމުން
- މައްސަލަތައް ކުރިމަތިވުމުގެ ކުރިން ބޭންކުތަކާ ވާހަކަދައްކައިގެން ކްރެޑިޓް ލައިންތައް ހަމަޖެއްސުން
- އެންމެ މަގެއް ނުވަތަ އެންމެ ސަޕްލަޔަރަކަށް ބަރޯސާވާ ނަމަ، އެކަން ހުއްޓިއްޖެ ހާލަތެއްގައި ކަންކުރާނެ ގޮތުގެ "ޕްލޭން ބީ"އެއް އެކުލަވާލުން
އެލްނީނޯގެ ސަބަބުން ޕެސިފިކް ސަރަހައްދުގެ ކަނޑުގެ ސަތަހައިގެ ހޫނުމިން މިހާރު ވަނީ އާންމުކޮށް ހުންނަވަރަށް ވުރެ 2.0 ޑިގްރީ ސެލްސިއަސް މަތިވެފަ އެވެ. އެލްނީނޯގެ ހާލަތު ބަލާ މިންގަނޑު، ނީނޯ 3.4 އިންޑެކްސްއަށް ބަލާއިރު ކަނޑުގެ ސަތަހައިގެ ފިނިހޫނުމިން މިދިޔަ މަހު އެކަނި ވެސް 1.8 ޑިގްރީ ސެލްސިއަސް މަތިވި އެވެ.
އެލްނީނޯ އުފެދުނީ ޕެސިފިކް ކަނޑުގައި ކަމަށް ވިޔަސް އޭގެ އަސަރު އެހެން ސަރަހައްދުތަކަށް ވެސް ދަނީ ކުރަމުންނެވެ.