އިންޑިއާގެ އިދިކޮޅު ޕާޓީއެއްގެ ބޭންކު އެކައުންޓުތައް 46 މިލިއަން ޑޮލަރާ އެކު ފްރީޒްކުރުމުން އެއީ ފެޑެރަލް ތަހުގީގީ އިދާރާތަކުން ސިޔާސީ މަގުސަދުގައި ދިން ހަމަލާއެއް ކަމަށް ތުހުމަތުކޮށްފި އެވެ.
މަނީ ލޯންޑަރިންގެ ތަހުގީގެއްގެ ތެރެއިން އެޅި މި ފިޔަވަޅާ އެކު، ފާޑުކިޔާ ފަރާތްތަކުންނާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރަށް ގެންދަނީ ފާޑުކިޔަމުންނެވެ. އެ މީހުން ބުނާ ގޮތުގައި ސަރުކާރުން ދަނީ ގާނޫނު ތަންފީޒުކުރާ އިދާރާތައް ބޭނުންކޮށްގެން ސިޔާސީ ވާދަވެރިންނަށް އަމާޒުކޮށް ފިއްތުންތައް ކުރިމަތިކުރަމުންނެވެ.
އިންޑިއާގެ މާލީ ކުށްތައް ތަހުގީގުކުރާ އެންމެ މަތީ އިދާރާ، އެންފޯސްމަންޓް ޑައިރެކްޓަރޭޓް (އީޑީ) އިން ފްރީޒްކުރީ ޓްރިނަމޫލް ކޮންގްރެސް (ޓީއެމްސީ) ގެ ފައިސާ އެވެ.
ބުދަ ދުވަހު ބުނީ އީޑީން ބުނީ ޓީއެމްސީއާ ގުޅުންހުރި ގާނޫނާ ހިލާފު މާލީ މުއާމަލާތްތަކެއް ތަހުގީގުކުރަމުންދާ ކަމަށެވެ. ޓީއެމްސީ އަކީ މޭ މަހު މޯދީގެ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އިން ކާމިޔާބީ ހޯދުމުގެ ކުރިން، 15 އަހަރު ވަންދެން ވެސްޓް ބެންގާލް ސްޓޭޓްގައި ވެރިކަން ކުރި ޕާޓީއެވެ.
އެ އިދާރާއިން ބުނާ ގޮތުގައި، 2023 އެޕްރީލް އިން ފެށިގެން މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް، ޓީއެމްސީއާ ގުޅުންހުރި ބޭންކު އެކައުންޓުތަކުން ވައިގެ ދަތުރުފަތުރުގެ ހިދުމަތްދޭ ކުންފުންޏަކަށާއި އެއާ ގުޅުންހުރި އެހެން ކުންފުނިތަކަކަށް 16.8 މިލިއަން ޑޮލަރު ފޮނުވާފައިވާ ކަމަށެވެ.
ތަހުގީގުކުރާ ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި އެ ފައިސާ ބޭނުންކޮށްފައިވަނީ ޕްރައިވެޓް ޖެޓަކާއި ހެލިކޮޕްޓަރެއް ގަތުމަށެވެ. އަދި އޭގެ ފަހުން އެ ތަކެތި ވަނީ އަނބުރާ އެ ޕާޓީއަށް ކުއްޔަށް ދީފަ އެވެ.
ޓީއެމްސީން ވަނީ އެއްވެސް ނޭދެވޭ ކަމެއް ކޮށްފައިނުވާނެ ކަމަށް ބުނެ އެ ތުހުމަތުތައް ދޮގުކޮށްފަ އެވެ. އަދި ހުރިހާ ފައިސާއެއްގެ ތަފްސީލު "ފުރިހަމައަށް އަދި ހާމަކަން ބޮޑު ގޮތެއްގައި" ކަމާބެހޭ ފަރާތްތަކަށް ހިއްސާކޮށްފައިވާނެ ކަމަށް އެ ޕާޓީން ބުނެ އެވެ.
"ޕާޓީގެ ބޭންކު އެކައުންޓުތައް ފްރީޒްކުރުމަށް އެންފޯސްމަންޓް ޑައިރެކްޓަރޭޓުން ނިންމި ނިންމުމަކީ ސިޔާސީ މަގުސަދެއްގައި ކޮށްފައިވާ ކަމެއް. އަމިއްލަ މަންފާއަށް ބަލައިގެން، ގާނޫނާ ހިލާފަށް ކޮށްފައިވާ މި އަމަލު އަޅުގަނޑުމެން ހަރުކަށި އިބާރާތުން ކުށްވެރިކުރަން،" ބުދަ ދުވަހު ނެރުނު ބަޔާނެއްގައި އެ ޕާޓީން ބުނެފައިވެ އެވެ.
"ސިޔާސީ ވާދަވެރިންނަށް އަމާޒުކޮށް ތަހުގީގީ އިދާރާތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމަކީ ބީޖޭޕީގެ ސިޔާސީ ވައްޓަފާޅީގެ ސިފައަކަށް ވެއްޖެ. މިއީ ޑިމޮކްރެޓިކް މުއައްސަސާތަކަށާއި، ހަމަހަމަ ފުރުސަތުތަކުގެ އުސޫލުތަކަށް ދެވޭނެ އެންމެ ބޮޑު އެއް ހަމަލާ."
ފަހުގެ އަހަރުތަކުގައި އިންޑިއާގެ އިދިކޮޅު ބައެއް ލީޑަރުންނަށް ވަނީ ޖިނާއީ ތަހުގީގުތަކާ ކުރިމަތިލާން ޖެހިފަ އެވެ. އޭގެ ތެރޭގައި ދިއްލީގެ ކުރީގެ ޗީފް މިނިސްޓަރު އަރްވިންދު ކެޖްރިވާލް ހިމެނެ އެވެ.
އޭނާގެ ސަރުކާރުން ރާ ވިއްކުމުގެ ލައިސަންސް ދޫކުރުމުގައި ރިޝްވަތު ހިފި ކަމަށް ބުނާ ތުހުމަތުތަކާ ގުޅިގެން 2024 ވަނަ އަހަރު ހައްޔަރުކުރުމުން، ކެޖްރިވާލް ވަނީ އެތައް މަހެއް ވަންދެން ޖަލުގައި ހޭދަކުރަން ޖެހިފަ އެވެ. އޭނާ ވެސް ވަނީ އެއްވެސް ކުށެއް ނުކުރާ ކަމަށް ވިދާޅުވެފަ އެވެ.
އިދިކޮޅު އެހެން ލީޑަރެއް ކަމަށްވާ ޖާރްކަންޑްގެ ޗީފް މިނިސްޓަރު ހޭމަންތު ސޮރެން ވެސް ވަނީ ކޮރަޕްޝަންގެ ތުހުމަތުތަކެއްގައި 2024 ވަނަ އަހަރު ހައްޔަރުކޮށް ޖަލަށް ލައިފަ އެވެ. އޭނާ ވެސް ވަނީ އެ ތުހުމަތުތަކަށް އިންކާރު ކުރައްވައިފަ އެވެ.
ނަމަވެސް ބީޖޭޕީން ތަކުރާރުކޮށް ބުނަމުންދަނީ ކޮރަޕްޝަންގެ މައްސަލަތައް ބަލަމުންދަނީ އެއްވެސް ނުފޫޒެއް ނެތި، މިނިވަންކަމާ އެކު ގާނޫނާ އެއްގޮތަށް ކަމަށެވެ. -- އޭއެފްޕީ