ކުރީގެ މަޝްހޫރު ޓްރެވަލް އިންފްލުއެންސާ އަދި ވިޔަފާރިވެރިޔާ ޖޭމްސް އެސްކުއިތުގެ ސްޓާޓަޕެއް ކަމަށްވާ "ގްލޯބަލް އެއާލައިންސް" އިން އެ ކުންފުނީގެ އެއާބަސް އޭ380 މަރުކާގެ ބޮޑެތި ބޯޓުތައް ދަތުރުކުރުމަށް އެންމެ އިސްކަންދޭ މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެ ކަނޑައަޅައި، އެއާލައިންގެ ވިޔަފާރީގެ ޕްލޭނަށް ބޮޑު ބަދަލެއް ގެނެސްފި އެވެ.
މިއީ 2021 ވަނަ އަހަރު އުފެއްދި، އިނގިރޭސި ވިލާތުގެ މި އެއާލައިން ފެށިއިރު އެޓްލާންޓިކް ކަނޑު ހުރަސްކޮށް އެމެރިކާއަށް ކުރަން ރޭވި ދަތުރުތަކާ މުޅިން ތަފާތު، 'ޕްރީމިއަމް ލެޒާ' ނުވަތަ މަތީ ފަންތީގެ ޓޫރިޒަމް މާކެޓަށް އަމާޒުކޮށްގެން ގެނައި ބަދަލެކެވެ.
ގްލޯބަލް އެއާލައިންސްގެ ބާނީ އެސްކުއިތު "މެޓްރޯ" ނޫހަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، އެއާލައިންގެ ހަމައެކަނި އޭ380 ބޯޓު ބޮޑު މަރާމާތަކަށްފަހު އަލުން ދަތުރުތަކަށް ނެރޭއިރު، މިއަހަރު ރާއްޖެއަށް ދަތުރުތައް ފެށުމަށް ވިސްނަމުންދާ ކަމަށެވެ. އެކަން ކްރިސްމަސްގެ ކުރިން ވެދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެސްކުއިތު ވިދާޅުވި ގޮތުގައި އިނގިރޭސި ވިލާތުގެ ގިނަ ބައެއްގެ "ހުވަފެނީ ޗުއްޓީ" އަދި ހަނީމޫން މަންޒިލަކީ ދިވެހިރާއްޖެ އެވެ. ނަމަވެސް އިނގިރޭސި ވިލާތުން ރާއްޖެއަށް ސީދާ ދަތުރުތައް ކުރާ އެއާލައިންތައް މަދު ކަމަށާއި އެހެންވެ މި ފުރުސަތުގެ ބޭނުން ހިފަން ނިންމީ ކަމަށް ވިދާޅުވި އެވެ..
އެމެރިކާގެ މަންޒިލްތަކަށް އަދިވެސް އިސްކަންދޭނެ ކަމަށް އޭނާ ވިދާޅުވި ނަމަވެސް، ދުނިޔޭގެ އެކި ކޮޅުތަކުގެ އެއާޕޯޓުތަކުން އޭ380 ބޯޓު އެ ގައުމުތަކަށް ދަތުރުކުރުމަށް އެދި ބޮޑެތި އިނާޔަތްތަކެއް ހުށަހަޅަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން އިނގިރޭސި ވިލާތުގެ ލަންޑަނުން އެކަނި ދަތުރުކުރުމުގެ ބަދަލުގައި، މެންޗެސްޓާ އަދި ބާމިންހަމް ފަދަ ސިޓީތަކުން ވެސް ދަތުރުތައް ފެށުމުގެ ޝައުގުވެރިކަން އެބަހުރި ކަމަށް ވިދާޅުވި އެވެ.
މި އެއާލައިންގެ އެންމެ ފުރަތަމަ ޓެސްޓު ދަތުރު ޗައިނާ ސަދަންގެ ކުރީގެ އޭ380 ބޯޓެއްގައި 'ހައި ފްލައި މޯލްޓާ' މެދުވެރިކޮށް 2025 ވަނަ އަހަރުގެ މޭ މަހު ގްލާސްގޯއިން ނިއު ޔޯކަށް ކޮށްފައިވެ އެވެ. އޭގެ ފަހުން މެންޗެސްޓާއަށް ދަތުރެއް ކުރުމަށްފަހު، ބޯޓުގެ ދަތުރުތައް ވަނީ މެދުކަނޑާލައިފަ އެވެ.
ގްލޯބަލް އެއާލައިންސަކީ ދެމެހެއްޓެނިވި ގޮތަކަށް ކުރިއަށްދެވޭނެ ބައެއް ނޫން ކަމަށް ބުނާ މީހުން ގިނަ އެވެ. އެއާ އެކު ބޯޓު ދަތުރު ނުކޮށް ގިނަ ދުވަސްތަކެއް ވަމުންދާތީ ދެކެވޭ ވާހަކަތަކަށް ރައްދު ދެމުން އެސްކުއިތު ވިދާޅުވީ، ބޯޓު އޮތީ ބޮޑު މަރާމާތެއްގެ ތެރޭގައި ކަމަށެވެ.
"މިއީ ބޯޓަށް 12 އަހަރުވުމުން ކުރަންޖެހޭ މެއިންޓަނަންސެއް. މިއީ ކިތަންމެ ފައިސާއެއް ހުއްޓަސް، ކިތަންމެ އާދޭހެއް ކުރިޔަސް ކިއޫއެއްގައި މަޑުކޮށްގެން ނޫނީ ކުރެވޭނެ ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.
ގްލޯބަލް އެއާލައިންސް އިން ބުނާ ގޮތުގައި އެ ކުންފުނީގެ އަސްލު އަމާޒަކީ ޝެޑިއުލް ދަތުރުކުރާ އެއާލައިނަކަށް ވުމެވެ. އެހެންވެ މިހާރުގެ އޮޕަރޭޝަންތައް ފުޅާކުރުމަށްޓަކައި އިތުރު ބޯޓެއް ހޯދުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.
ނަމަވެސް، ރާއްޖެއަށް ނުވަތަ އެހެން މަންޒިލަކަށް ރަސްމީކޮށް ޓިކެޓް ވިއްކަން ފެށުމުގެ ކުރިން އެއާލައިންއަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުއްޓެވެ. އެގޮތުން އިނގިރޭސި ވިލާތުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީ (ސީއޭއޭ) އިން ދޫކުރާ އެއާ އޮޕަރޭޓާސް ސެޓްފިކެޓް (އޭއޯސީ) އެއާލައިނަށް އަދި ލިބިފައެއް ނުވެ އެވެ. އެސްކުއިތު ވިދާޅުވީ، އޭއޯސީ ހޯދުމުގެ ކަންކަން ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި، ޔޫކޭގެ އިތުރުން ޔޫރަޕްގެ އެހެން ގައުމެއްގެ ހުއްދައިގެ ދަށުން ވެސް ދަތުރުތައް ކުރެވިދާނެ މަގުތައް އެބަހުރި ކަމަށެވެ.