ސްރީ ލަންކާގެ މަތީ ކޯޓުތަކުގެ ފަނޑިޔާރުން ރިޓަޔާވާންޖެހޭ އުމުރު އިތުރުކުރަން ގާނޫނުއަސާސީއަށް ގެންނަން ހުށަހަޅާފައިވާ ބަދަލުތައް އަލުން މުރާޖައާކުރުމަށް އިންޓަނޭޝަނަލް އެސޯސިއޭޝަން އޮފް ޖަޖަސް (އައިއޭޖޭ) އިން ގޮވާލައިފި އެވެ.

ފަނޑިޔާރުންގެ އެންމެ ބޮޑު ބައިނަލްއަގުވާމީ ޖަމިއްޔާ ކަމަށްވާ އައިއޭޖޭ އިން ބުނީ މި އިސްލާހާ މެދު ޖުޑީޝަލް ސާވިސް އެސޯސިއޭޝަން އޮފް ސްރީ ލަންކާ އާއި ކޮމަންވެލްތު ލޯޔާސް އެސޯސިއޭޝަނުން ފާޅުކޮށްފައިވާ ސީރިއަސް ކަންބޮޑުވުންތަކަށް އެ ޖަމްއިއްޔާއިން ފުރިހަމައަށް ތާއީދުކުރާ ކަމަށެވެ.

އޮސްޓްރިއާގެ ސާލްޒްބާގްގައި 1953 ވަނަ އަހަރު އުފެއްދި އަދި ފަސް ބައްރުގެ 93 ގައުމެއްގެ ފަނޑިޔާރުންގެ ޖަމިއްޔާތައް ތަމްސީލުކުރާ އައިއޭޖޭ އިން ނެރުނު ބަޔާނެއްގައި ބުނީ، އެ ޖަމިއްޔާގެ ކަންބޮޑުވުމަކީ ފަނޑިޔާރުންގެ މުސްކުޅިވާ އުމުރު ބަދަލުކުރުމުގެ މައިގަނޑު ސިޔާސަތެއް ނޫނެވެ. ނަމަވެސް، މި ގާނޫނު ހުށަހެޅި ވަގުތާއި، ހުށަހެޅި ގޮތާއި، އަދި މި ބަދަލު ގެންނަން އުޅޭ ސަބަބާ މެދު އާންމުންގެ މެދުގައި އުފެދިފައިވާ ބޮޑެތި ޝައްކުތަކެވެ.

ޝަރުއީ ދާއިރާއަށް އަސަރުކުރާ ފަދަ ގާނޫނުއަސާސީގެ އިސްލާހުތައް ގެންނަންވާނީ ކުއްލިއަކަށް، ވަކި މަގްސަދެއްގައި ނިންމާ ނިންމުމެއްގެ ގޮތުގައި ނޫން ކަމަށާއި، އެއީ ހާމަކަން ބޮޑު، މަޝްވަރާ ކުރެވިފައިވާ އަދި ހަމަހަމަ އުސޫލުތަކެއްގެ މަތިން ކުރެވޭ ކަމަކަށް ވާންޖެހޭނެ ކަމަށް އައިއޭޖޭ އިން ބުންޏެވެ.

އެހެން ނޫން ނަމަ، ޝަރުއީ ދާއިރާގެ މިނިވަންކަމަށް ބޮޑެތި ހުރަސްތަކެއް އެޅޭނެ ކަމުގެ އިންޒާރު އެ ޖަމިއްޔާއިން ވަނީ ދީފަ އެވެ. މީގެ އިތުރުން، މި ގާނޫނަކީ މިހާރު މަގާމުގައި ތިއްބެވި ވަކި ފަނޑިޔާރުންތަކަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމަށް ގެންނަ ބަދަލެއް ކަމަށް އާންމުން ދެކޭ ދެކުމާ މެދު ވެސް އައިއޭޖޭ އިން ކަންބޮޑުވުން ފާޅުކުރި އެވެ. ސަރުކާރުގެ ނިޔަތަކީ އެއީ ނޫން ކަމުގައި ވިޔަސް، މިފަދަ ތުހުމަތުތަކުގެ ސަބަބުން ކޯޓުތަކުގެ މިނިވަންކަމަށް އޮންނަ އާންމުންގެ އިތުބާރު ގެއްލިގެންދާނެ ކަމަށް ބަޔާނުގައިވެ އެވެ. އެހެންވެ، ގާނޫނުގެ ވެރިކަން ދެމެހެއްޓުމަށްޓަކައި، މިހާރު އޮތް ގޮތަށް މި އިސްލާހު ކުރިއަށް ނުގެންދިއުމަށް އައިއޭޖޭ އިން ވަނީ ސަރުކާރަށް ގޮވާލައިފަ އެވެ.

ސަރުކާރުން ބަދަލު ގެންނަން ބޭނުންވާ ކަމަށް ބުނާ ސަބަބުތައް ރައީސް އަނޫރާ ކުމާރާ ޑިސެނަޔަކަގެ ސަރުކާރުން އަންނަނީ ދިފާއުކުރަމުންނެވެ. މި ބަދަލުތައް ދިފާއުކުރަނީ އިދާރީ އަދި ހިންގުމުގެ ޒަރޫރީ ބޭނުމަކަށްޓަކައި ކަމަށް ސަރުކާރުން ބުނެ އެވެ. ސަރުކާރުން ފާހަގަކުރާ މައިގަނޑު ސަބަބުތަކަކީ:

  • މައްސަލަތައް ފުނިޖެހުން: ސްރީ ލަންކާގެ ކޯޓުތަކުގައި ނުނިމި 1.1 މިލިއަނަށްވުރެ ގިނަ މައްސަލަ އެބަހުއްޓެވެ. ތަޖުރިބާކާރު ފަނޑިޔާރުން އިތުރު ދެ އަހަރު ބޭތިއްބުމުން މި މައްސަލަތައް އަވަހަށް ނިންމުމަށް މަގުފަހިވާނެ ކަމަށް ސަރުކާރުން ބުނެ އެވެ.
  • ފަނޑިޔާރުން މަދުވުން: ދަށު ކޯޓުތަކާއި މެޖިސްޓްރޭޓް ކޯޓުތަކަށް ބޭނުންވާ ގާބިލު ބޭފުޅުން ހޯދުމުގައި ބޮޑެތި ދަތިތަކެއް ހުރުމުން، ތިއްބެވި ބޭފުޅުން މުސްކުޅިކުރުން ފަސްކުރުމަކީ ކޯޓުތަކުގެ ހިންގުން ހުއްޓުމަކަށް އައުން ސަލާމަތްކުރެވޭނެ ކަމެކެވެ.
  • ބައިނަލްއަގުވާމީ މިންގަނޑުތައް: ދުނިޔޭގެ ކުރިއަރާފައިވާ ގިނަ ގައުމުތަކުގައި ފަނޑިޔާރުންގެ މުސްކުޅިކުރާ އުމުރަކީ 67 ނުވަތަ 70 އަހަރު ކަމަށްވުމުން، މިއީ އެ މިންގަނޑަށް ވާސިލުވުމަށް އެޅޭ ފިޔަވަޅެއް ކަމަށް ސަރުކާރުން ބުނެ އެވެ.

ސަރުކާރުން މިހާރު ހުށަހަޅާފައި ވަނީ؛

  • ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ރިޓަޔާކުރާ އުމުރު 65 އިން 67 އަަހަރަށް ބަދަލުކުރަން ގާނޫނުއަސާސީ އިސްލާހުކުރަން.
  • ކޯޓް އޮފް އެޕީލްގެ ފަނޑިޔާރުން ރިޓަޔާކުރާ އުމުރު 63 އިން 65 އަހަރަށް ބަދަލުކުރަން ގާނޫނުއަސާސީ އިސްލާހުކުރަން. 
  • ހައި ކޯޓުގެ ފަނޑިޔާރުން ރިޓަޔާކުރާ އުމުރު 61 އިން 63 އަހަރަށް ބަދަލުކުރަން ގާނޫނު ބަދަލުކުރަން.
  • ޑިސްޓްރިކްޓް އަދި މެޖިސްޓްރޭޓް ކޯޓުތަކުގެ ފަނޑިޔާރުން ރިޓަޔަކުރާ އުމުރު 60 އިން 62 އަށް ބަދަލުކުރަން ގާނޫނު ބަދަލުކުރަން. 

މި ބަދަލުތަކަށް ކެބިނެޓުން ހުއްދަދީ، އެޓާނީ ޖެނެރަލް ގާނޫނީ ލަފާ ދެއްވާފައި ވިޔަސް، ލަންކާގެ ބާ އެސޯސިއޭޝަނުން ވަނީ މިއީ "ސުލޫކީ ގޮތުން ގަބޫލުނުކުރެވޭ" ބަދަލެއް ކަމަށް ބުނެ، މިކަމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް ގޮވާލައިފަ އެވެ.