ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު މަރަން އޭނާގެ ޣައިރު ހާޒިރުގައި އިއްޔެ ހުކުމް ކޮށްފި އެވެ.

މި ހުކުމް އިއްވާފައިވަނީ ސީރިއާގައި ގާތްގަނޑަކަށް 14 އަހަރު ވަންދެން ހިނގި ދާހިލީ ހަނގުރާމައިގައި އޭނާ ހިންގާފައިވާ ލާއިންސާނީ ޖަރީމާތަކުގެ ކުށް ސާބިތުވުމާ ގުޅިގެންނެވެ.

މިއީ ޑިސެމްބަރު 2024 ގައި ބައްޝާރު ވެރިކަމުން ދުރުކޮށް، އޭނާގެ ވެރިކަމުގައި ހިންގާފައިވާ ޖަރީމާތަކަށް އިންސާފު ހޯދައިދިނުމަށް ވައުދުވެގެން އައި ސީރިއާގެ އިންތިގާލީ ސަރުކާރުން މިފަދަ ހުކުމެއް އިއްވި ފުރަތަމަ ފަހަރެވެ.

އިސްލާމީ ޖަމާއަތްތައް އިސްވެ ތިބެ ދިން ހަމަލާތަކުގައި ދިމިޝްގު ހިފަން ކައިރިވުމުން  ފިއްލަވައިގެން ރަޝިޔާއަށް ވަޑައިގެންފައިވާ ބައްޝާރަށް ހުކުމް އިއްވަވަމުން ގާޒީ ފަޚްރުއްދީން އަލް އާރިޔާން ވިދާޅުވީ ރާވައިގެން މީހުން މެރުމާއި ގަސްތުގައި މީހުން މެރުމާއި، އެކަކަށްވުރެ ގިނަ މީހުން ގަސްދުގައި މެރުމާއި، 15 އަހަރުން ދަށުގެ ކުޑަކުދިން ގަސްދުގައި މެރުމުގެ ކުށާއި، އަނިޔާކުރުމާއި، އަނިޔާކޮށްގެން މެރުމުގެ އިތުރުން ގިނަ އަދަދެއްގެ މީހުންގެ މިނިވަންކަން ނިގުޅައިގަތުމުގެ ކުށް ސާބިތުވާ ކަމަށެވެ.

މި ކަންކަން އަސާސީގޮތުން އިންސާނިއްޔަތާ ހިލާފު ޖަރީމާތަކާއި ހަނގުރާމައިގެ ޖަރީމާތަކުގެ ގޮތުގައި ވަނީ ކަނޑައަޅައިފަ އެވެ.

"އެހެންކަމުން އޭނާގެ މައްޗަށް މަރުގެ ހުކުމް އިއްވައިފިން،" ގާޒީ ވިދާޅުވި އެވެ.

ސީރިއާގައި ދާހިލީ ހަނގުރާމަ ފެށުނީ ޑިމޮކްރަޓިކް ހަރަކާތްތައް ހުއްޓުވަން ފެށި ޖަރީމާތަކާ ހެދި އެވެ.  މި ހަނގުރާމައިގައި ބައި މިލިއަނަށްވުރެ ގިނަ މީހުން މަރުވެ، މިލިއަނުން މީހުން ވަނީ ގެދޮރުގެއްލިފަ އެވެ. އަދި 10،000 މީހުން ވަނީ ގެއްލިފަ އެވެ. މީގެ ތެރެއިން ގިނަ މީހުން ގެއްލުނީ ގައުމުގެ ޖަލުތަކުގަ އެވެ.

ކޯޓުން ވަނީ ބައްޝާރުގެ ކޮއްކޮ މާހިރު އަސަދު ހިމެނޭ ގޮތަށް ކުރީގެ އަސްކަރީ އަދި ސެކިއުރިޓީ ހަ މަސްއޫލުވެރިއެއްގެ މައްޗަށް ވެސް މަރުގެ ހުކުމް އިއްވައިފަ އެވެ. މާހިރުއަކީ ސިފައިންގެ އެލީޓް ފޯސް ޑިވިޝަންގެ ވެރިޔާ އެވެ.