ސްރީ ލަންކާއަށް މުދާ އެތެރެކުރުމުގެ ނަމުގައި އޮޅުވާލައިގެން ގާތްގަނޑަކަށް 1 ބިލިއަން އެމެރިކާ ޑޮލަރު ބޭރު ގައުމުތަކަށް ފޮނުވި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި އެ ގައުމުގެ އެކި ބޭންކުތަކުން ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.
ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް (ސީއައިޑީ) އިން ބުނި ގޮތުގައި ހައްޔަރުކުރި މީހުންނަކީ މި މުއާމަލާތްތައް ހިންގައިދިނުމަށް އެހީތެރިވި އަދި އެކަމުގެ ބަދަލުގައި ފައިސާ ލިބެމުން ދިޔަ، އަމިއްލަ ބޭންކުތަކެއްގެ އިސް ބައެކެވެ. އަދި މިއީ ލަންކާގެ އެންމެ ބޮޑެތި ބޭންކުތަކުގެ ތެރޭގައި ހިމެނޭ ބޭންކުތަކުގެ މީހުން ކަމަށް ވެސް ބުންޏެވެ.
ފައިނޭންޝަލް ކްރައިމްސް އިންވެސްޓިގޭޝަން ޑިވިޝަން (އެފްސީއައިޑީ) އިން ވަނީ އެ މީހުން މަސައްކަތްކުރާ ބޭންކުތަކަށް ގޮސް އެ މީހުން ހައްޔަރުކޮށް، ކޮލަމްބޯ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކޮށްފަ އެވެ. ކޯޓުން ވަނީ މި މަހުގެ 20 ގެ ނިޔަލަށް އެ މީހުން ބަންދުގައި ބޭތިއްބުމަށް އަމުރުކޮށްފަ އެވެ.
ފުލުހުން ބުނި ގޮތުގައި މިއީ މިފަދަ ތަހުގީގެއްގައި ބޭންކު އޮފިޝަލުން ހައްޔަރުކުރި ފުރަތަމަ ފަހަރެވެ.
މި ތަހުގީގު އަމާޒުވެފައިވަނީ ޣައިރު ގާނޫނީ މާލީ އޮޕަރޭޝަނާ ގުޅިގެން ކުރިން ހައްޔަރުކޮށްފައިވާ ޖެފްރީ މުހައްމަދު ކިޔާ މީހަކާ ބޭންކް އޮފިޝަލުން ބޭއްވި ބައްދަލުވުންތަކެއްގެ މައްޗަށެވެ.
ތަހުގީގުން ހާމަވެފައިވާ މުހިންމު ނުކުތާތައް:
- މުހައްމަދު ވަނީ މުދާ އެތެރެކުރާ ކުންފުނިތަކެއް ކަމަށް ދައްކައިގެން 36 ކުންފުންޏެއް އުފައްދައި، 4 ބޭންކެއްގައި އެ ކުންފުނިތަކުގެ އެކައުންޓްތައް ހުޅުވާފައި.
- ބޭންކު އޮފިޝަލުން މުހައްމަދާ އަމިއްލައަށް ބައްދަލުކޮށް މުއާމަލާތްތަކަށް އެހީތެރިވެދީފައިވާ ކަމަށާއި، ކޮންމެ ހުކުރު ދުވަހަކުހެން ބައްދަލުވުންތައް ބާއްވާފައިވާ ކަމަށް ސީއައިޑީން ބުނޭ.
- އޮފިޝަލުންނަށް ހަފުތާއަކު 30،000 އާއި 100،000 ރުޕީސްއާ ދެމެދުގެ އަދަދަކުން ފައިސާ ދީފައިވާ ކަމަށް ތުހުމަތުކުރެވޭ. އަދި އެއް އޮފިޝަލަކަށް އެއްފަހަރާ 1 މިލިއަން ރުޕީސް ދީފައިވާ ކަމަށް ވެސް ބުނި.
- ކުންފުނިތަކުގެ ރަޖިސްޓްރީ ބަލައި ފުރިހަމައަށް ޗެކްކުރުމެއް ނެތި އެކައުންޓްތައް ހުޅުވައިދިނުމުގައި އޮފިޝަލުން އެހީތެރިވެފައިވާ ކަމަށް ތުހުމަތުކުރޭ.
މި މުއާމަލާތްތަކުގައި ބިލިއަނެއްހާ ޑޮލަރު ފޮނުވާފައި ވާއިރު މި ފައިސާ ފޮނުވަން 89 ކުންފުންޏެއް ބޭނުންކޮށްފައިވެ އެވެ. އެ ކުންފުނިތަކުގެ ނަމުގައި 190 ބިލިއަން ރުޕީސްއަށް ވުރެ ގިނައިން ފޮނުވާފައިވެ އެވެ.
ތަހުގީގުގައި 36 ކުންފުންޏެއްގެ 10،151 މުއާމަލާތެއްގެ މައުލޫމާތު ހޯދަމުން އަންނަ ކަމަށާއި އެއީ 75 ބިލިއަން ރުޕީސް ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.
މި މާލީ ވިއުގައަކީ މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާ ފައިސާ ލޯންޑާ ކުރުމަށް ބޭނުންކުރި ވިއުގައެއް ކަމަށް ބެލެވޭތީ، ސީއައިޑީން އަންނަނީ އެކަން ވެސް އިތުރު މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންނެވެ.
ބޭންކު އޮފިޝަލުންގެ ވަކީލުން މި ތުހުމަތުތައް ދޮގުކުރި އެވެ. އެ މީހުން ބުނި ގޮތުގައި ހައްޔަރުކުރި ބައެއް މުވައްޒަފުންނަކީ ޖޫނިއާ މުވައްޒަފުންނެވެ. އެ މީހުންގެ މަސްއޫލިއްޔަތަކީ ކަސްޓަމަރުންގެ މައުލޫމާތު ނެގުމާއި ބޭންކިން އިޖުރާއަތްތައް ފުރިހަމަކުރުން އެކަންޏެވެ. މުދާ އެތެރެކުރިކަން ބެލުމާއި ގަވާއިދަށް ފެތޭކަން ކަށަވަރުކުރުމަކީ ސީނިއާ އޮފިޝަލުންގެ ޒިންމާއެއް ކަމަށާއި، ބިލިއަން ރުޕީސްގެ މުއާމަލާތްތަކުގެ ޒިންމާ ޖޫނިއާ މުވައްޒަފުންގެ ބޮލުގައި ނޭޅުވޭނެ ކަމަށް ވަކީލުން ކޯޓުގައި ބުންޏެވެ.