ސްރީ ލަންކާގެ ކޯޓުތަކުގައި ފުނިޖެހިފައިވާ މައްސަލަތައް އަވަސްކުރުމުގެ ނަމުގައި އެ ގައުމުގެ ސަރުކާރުން ޖުޑީޝަރީއަށް ބޮޑެތި ބަދަލުތަކެއް ގެންނަން ގާނޫނުހަދާ މަޖިލީހަށް ހުށަހަޅައިފި އެވެ.

ވަކީލުންނާއި އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މި ބަދަލުތަކުގެ ސަބަބުން ކޯޓުތަކުގެ މިނިވަންކަމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވާނެ އެވެ.

ހުށަހަޅާފައިވާ ދެ ބިލުގެ ދަށުން ކޯޓުތަކުގެ އަދަދު އިތުރުކުރުމާއި، ކޮލަމްބޯއިން ބޭރުގައި އިސްތިއުނާފީ އާ ކޯޓުތަކެއް ގާއިމުކުރުމުގެ އިތުރުން، ފަނޑިޔާރުން ރިޓަޔަ ކުރާ އުމުރު ދެ އަހަރަށް އިތުރުކޮށް، ކޯޓުތަކަށް އިތުރު ފަނޑިޔާރުންނާއި މުވައްޒަފުން ނެގުމަށް ވަނީ ހުށަހަޅައިފަ އެވެ.

ސްރީ ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސެނަޔަކަ ވިދާޅުވި ގޮތުގައި މި ފިޔަވަޅުތަކުގެ މައިގަނޑު ބޭނުމަކީ ޖިނާއީ އަދުލުގެ ނިޒާމު ހަރުދަނާކޮށް، ތަންފީޒީ އިދާރާތަކާއި ކޯޓުތަކަށް ކުރިމަތިވެފައިވާ މުވައްޒަފުން މަދުވުމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމެވެ. ނަމަވެސް، ސްރީ ލަންކާގެ ވަކީލުންގެ ޖަމިއްޔާ، ބާ އެސޯސިއޭޝަން އޮފް ސްރީލަންކާ (ބީއޭއެސްއެލް) އިން ވަނީ މި ބިލަށް ދެކޮޅުހަދައިފަ އެވެ. އެ ޖަމިއްޔާއިން ތުހުމަތުކުރާ ގޮތުގައި ފަނޑިޔާރުން ރިޓަޔާކުރާ އުމުރު މަތިކުރަނީ ރައީސް ޑިސެނަޔަކަގެ  އަރިސް ބޭފުޅެއްގެ ގޮތުގައި ސިފަކުރެވޭ އުއްތަމަ ފަނޑިޔާރުގެ މަގާމުގެ މުއްދަތު އިތުރުކުރުމުގެ މަގުސަދުގަ އެވެ.

ރަސްމީ ހިސާބުތަކުން ދައްކާ ގޮތުގައި ސްރީ ލަންކާގެ ކޯޓުތަކުގައި ނުނިމި 1.1 މިލިއަނަށްވުރެ ގިނަ މައްސަލަ އެބަހުއްޓެވެ. މީގެ ތެރެއިން ޖިނާއީ މައްސަލަތައް ނިންމުމަށް އާންމުކޮށް 17 އަހަރު ނަގާއިރު، މަދަނީ މައްސަލަތައް ނުނިމި ވިހި ތިރީސް އަހަރު ވޭތުވެގެންދެ އެވެ.

ސަރުކާރުން ގާނޫނުއަސާސީއަށް ހުށަހަޅާ އިސްލާހުގެ ދަށުން:

  • އިސްތިއުނާފު ކޯޓުގެ ފަނޑިޔާރުން: 20 އިން 25 އަށް އިތުރުކުރާނެ.
  • އާ ކޯޓުތައް: 10 ހައި ކޯޓު އަލަށް ގާއިމުކުރާނެ.
  • ރިޓަޔަކުރާ އުމުރު: ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ރިޓަޔަކުރާ އުމުރު 65 އިން 67 އަހަރަށް މަތިކުރާނެ.
  • ޕްރޮވިންޝަލް ކޯޓުތައް: އާންމުން މައްސަލަތަކުގައި ކޮލަމްބޯއަށް ކުރަންޖެހޭ ދަތުރުތައް މަދުކުރުމަށް ޕްރޮވިންޝަލް އިސްތިއުނާފީ ކޯޓުތައް އުފައްދާނެ.
  • އާ ވަޒީފާތައް: 10,000 ފުލުހުންނާއި އެތައް ސަތޭކަ މުވައްޒަފުން ކޯޓުތަކަށް ނަގާނެ.

މިދިޔަ ހަފުތާގައި ވަކީލުންގެ ޖަމިއްޔާއާ އެކު ބޭއްވި ބައްދަލުވުމެއްގައި ރައީސް ޑިސެނަޔަކަ ވިދާޅުވީ، މިއީ ތަހުގީގު މަރުހަލާއިން ފެށިގެން ގޮސް ކޯޓު މަރުހަލާއާ ހަމައަށް މުޅި ނިޒާމު އިސްލާހުކުރުމަށް ފަށާފައިވާ ފުޅާ މަސައްކަތެއްގެ ބައެއް ކަމަށެވެ. ނަމަވެސް ބީއޭއެސްއެލް އިން ގަބޫލުކުރާ ގޮތުގައި މި ބަދަލުގެ އަސްލު ބޭނުމަކީ އަންނަ ނޮވެމްބަރު މަހު ރިޓަޔަ ކުރައްވަން ހަމަޖެހިފައިވާ، އުމުރުން 64 އަހަރުގެ އުއްތަމަ ފަނޑިޔާރު ޕްރީތީ ޕަދްމަން ސޫރަސޭނާ މަގާމުގައި ބެހެއްޓެވުމެވެ.

އިދިކޮޅު ބައެއް ޕާޓީތަކުން ވަނީ ވޭތުވެދިޔަ އަހަރު ސޫރަސޭނާ އުއްތަމަ ފަނޑިޔާރުކަމަށް އައްޔަންކުރެއްވި ފަހުން، ސަރުކާރުގެ ސިޔާސަތުތަކަށް ތާއީދުކުރައްވާ ކަމަށް ތުހުމަތުކޮށްފަ އެވެ. ސަރުކާރުން މި ތުހުމަތުތައް ދޮގުކުރަމުން ބުނެފައިވަނީ ކޯޓުތަކަށް ނުފޫޒު ފޯރުވުމުގެ އެއްވެސް ގަސްދެއް ނެތް ކަމަށާއި، މިއީ ހަމައެކަނި ނިޒާމުގެ  ލަސްވުންތައް ހައްލުކުރުމަށް ކުރާ ކަމެއް ކަމަށެވެ.

މި ބަދަލުތަކާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ ލިބިފަ އެވެ. އދ. ގެ ސްޕެޝަލް ރެޕަޓުއާ މާގްރެޓް ސަޓާތުވެއިޓް ވަނީ މިއީ ފަނޑިޔާރުންގެ މިނިވަންކަމާ ބެހޭ ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތް އިސްލާހުތަކެއްކަން ކަށަވަރުކޮށްދިނުމަށް ސްރީ ލަންކާ ސަރުކާރުގައި އެދިވަޑައިގެންފަ އެވެ.

މި ބަދަލުތައް ފާސްކުރުމަށް ޕާލަމެންޓުގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތު ބޭނުންވާއިރު، ސަރުކާރު ކޯލިޝަނަށް އެ އަޣުލަބިއްޔަތު އެބަ އޮތެވެ. މި ގާނޫނީ މަރުހަލާ ނިންމުމަށް ގާތްގަނޑަކަށް ދެ މަސްދުވަސް ނަގާނެ ކަމަށް ބެލެވެއެ ވެ.

މި ބަދަލުތައް ހުށަހަޅާފައިމިވަނީ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާ އާއި އެ އާއިލާގެ ބޭފުޅުންގެ މައްޗަށް ކުރާ ކޮރަޕްޝަނާއި މަނީ ލޯންޑްރިންގެ ތުހުމަތުތަކުގެ ތަހުގީގުތައް ވަރުގަދަކޮށްފައިވާ ދަނޑިވަޅެއްގަ އެވެ. -- އޭއެފްޕީ