މުޅި ދުނިޔެއަށް ބަލާއިރު، ސިއްހީ ހިދުމަތްދޭ މަރުކަޒުތަކުގެ ތެރެއިން، ފާޚާނާގެ ހިދުމަތް އަސާސީ މިންގަނޑަށް ފެތެނީ އެންމެ 40 ޕަސެންޓް ތަންތަނގައި ކަމަށާއި ނަޖިސް ނައްތާލެވޭނެ ގޮތެއް ނެތް ތަންތަނުގެ ނިސްބަތް 11 ޕަސެންޓަށް އަރާ ކަމަށް އދ. އިން އަންގާރަ ދުވަހު ބުނެފި އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އާއި އދ. ގެ ކުޑަކުދިންގެ ފަންޑު (ޔުނިސެފް) ގުޅިގެން ނެރުނު ރިޕޯޓެއްގައިވާ ގޮތުން، ސިއްހީ ހިދުމަތްދޭ ތަންތަނުގެ ތެރެއިން ބަލިމީހުންނާއި މުވައްޒަފުން، އަދި ހަރަކާތްތެރިވުމުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންކުރެވޭ ފަދަ އެކަށީގެންވާ ފާޚާނާ މިދިޔަ އަހަރު ހުރީ އެންމެ 40 ޕަސެންޓު ތަނުގަ އެވެ. މިއީ ސިއްހީ ހިދުމަތްދޭ ތަންތަނުގެ އަސާސީ ސާފުތާހިރުކަމާއި ފާޚާނާގެ ހިދުމަތްތަކާ ބެހޭ ގޮތުން ދުނިޔޭގެ ފެންވަރުގައި ތަފާސްހިސާބުތަކެއް އާންމުކުރި ފުރަތަމަ ފަހަރެވެ.

މިދިޔަ އަހަރުގެ މައުލޫމާތަށް ބިނާކޮށް އެކުލަވާލި މި ރިޕޯޓުގައިވާ ގޮތުން، އަސާސީ ފާޚާނާގެ މިންގަނޑު ހަމަވާ ކަމަށް ކަނޑައަޅަނީ:

  • މުވައްޒަފުންނަށް ހާއްސަ، މަދުވެގެން އެއް ފާޚާނާ ހުރުމުން.
  • އަންހެނުންނާއި ފިރިހެނުންނަށް ވަކިކުރެވިފައިވާ، މައްސަރުކަންތަކުގެ ތާހިރުކަމަށް ބޭނުންވާ ވަސީލަތްތައް ހުރި މަދުވެގެން އެއް ފާޚާނާ ހުރުމުން.
  • ހަރަކާތްތެރިވުމުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފަސޭހައިން ބޭނުންކުރެވޭ މަދުވެގެން އެއް ފާޚާނާ ހުރުމުން.

އެކި ސަރަހައްދުން 70 ގައުމެއްގެ މައުލޫމާތުގެ މައްޗަށް ބިނާކޮށް ނެރުނު މި ރިޕޯޓުން ދައްކާ ގޮތުގައި، އެކި ސަރަހައްދުތަކުގެ މެދުގައި ފާޚާނާގެ ހިދުމަތުގެ ފެންވަރުގައި ބޮޑެތި ތަފާތުތަކެއް ހުއްޓެވެ. އެގޮތުން، ސަބް-ސަހާރާ އެފްރިކާގެ ސިއްހީ މަރުކަޒުތަކުގެ ތެރެއިން އަސާސީ ހިދުމަތްތައް ލިބެނީ އެންމެ 23 ޕަސެންޓު ތަނުން ކަމަށްވާއިރު، މެދުތެރެ އާއި ދެކުނު އޭޝިއާގެ 55 ޕަސެންޓް ތަންތަނުން މި ހިދުމަތް ލިބެ އެވެ.އަދި ދުނިޔޭގެ ނިސްބަތުން، ސިއްހީ ހިދުމަތްދޭ 10 ތަނުން 1 ތަނުގައި އެއްވެސް ވަރަކަށް ފާޚާނާގެ ހިދުމަތް ނެތްއިރު، މިކަމުގެ ނޭދެވޭ އަސަރު 936 މިލިއަން މީހުންނަށް ކުރެ އެވެ.

ފާޚާނާގެ ހިދުމަތުގެ އިތުރުން، ސިއްހީ މަރުކަޒުތަކުގައި ސާފުފެނާއި، އަމިއްލަ ސާފުތާހިރުކަމާއި، ތަންތަން ސާފުކުރުމާއި، ކުނި ނައްތާލުމުގެ ހިދުމަތްތައް ހުރި މިންވަރު ވެސް މި ރިޕޯޓުގައި ވަނީ ބަލައިފަ އެވެ. އެގޮތުން، މިދިޔަ އަހަރު:

  • ސާފުފެން: 85 ޕަސެންޓް ތަންތަނުން ލިބެން ހުރި.
  • އަމިއްލަ ސާފުތާހިރުކަން: 72 ޕަސެންޓް ތަންތަނުން ލިބެން ހުރި.
  • މެޑިކަލް ކުނި ނައްތާލުން: 71 ޕަސެންޓް ތަންތަނުން ލިބެން ހުރި.

ނަމަވެސް، އިންފެކްޝަން ފެތުރުން ހުއްޓުވުމަށް އެންމެ މުހިންމު އެއް ކަންތައް ކަމަށްވާ "ތަންތަން ސާފުކޮށް ބެލެހެއްޓުމުގެ އަސާސީ މިންގަނޑު" ހަމަވަނީ އެންމެ 59 ޕަސެންޓް ތަނުގަ އެވެ. މި މިންގަނޑު ހަމަވުމަށް ސާފުކުރުމުގެ އުސޫލުތައް ގާއިމުވެފައި ހުރުމާ އެކު، ތަމްރީނު ލިބިފައިވާ، ސާފުކުރާ މުވައްޒަފުން ތިބެންޖެހެ އެވެ.

މި ބައިން، 54 ގައުމެއްގެ މައުލޫމާތަށް ބިނާކޮށް ބަލާއިރު، ސިއްހީ ހިދުމަތްދޭ ތަންތަނުގެ 18 ޕަސެންޓް ތަންނުގައި މި ދެ މިންގަނޑުން ކުރެ އެއްވެސް މިންގަނޑެއް ހަމައެއް ނުވެ އެވެ. މީގެ ނޭދެވޭ އަސަރު 1.5 ބިލިއަން މީހުންނަށް ކުރެ އެވެ. މި ހާލަތު އެންމެ ގޯސްކޮށް އުޅެނީ ތަރައްގީނުވާ އަދި ފަގީރު ގައުމުތަކުގަ އެވެ. އެންމެ ކުޑަކޮށް ކުރިއަރާފައިވާ ގައުމުތަކުގެ ސިއްހީ މަރުކަޒުތަކުގެ ތެރެއިން ތަންތަން ސާފުކޮށް ބެލެހެއްޓުމުގެ އަސާސީ މިންގަނޑު ހަމަވަނީ އެންމެ 24 ޕަސެންޓް ތަނުގަ އެވެ. -- އޭއެފްޕީ