ރޭޑިއޭޝަނާ ގުޅުންހުރި ކެންސަރުގެ ބަލިތަކުގައި މަރުވުމުގެ ނުރައްކާ އެންމެ ބޮޑީ ފްލައިޓް އެޓެންޑެންޓުންނާއި ޕައިލަޓުންނަށް ކަމަށް އެމެރިކާގެ މެޑިކަލް ޖާނަލް "ޖާމާ އިންޓާނަލް މެޑިސިން" ގައި ޝާއިއުކޮށްފައިވާ އާ ދިރާސާއެއްގައި ބުނެފި އެވެ. 

މިއީ ރޭޑިއޯއެކްޓިވް މާއްދާތަކާ އެކު މަސައްކަތްކުރާ ނިއުކްލިއާ ދާއިރާގެ މުވައްޒަފުންނަށް އޮންނަ ވަރަށް ވުރެ ވެސް މަތީ ނުރައްކަލުގެ މިންގަނޑެކެވެ.

ހާވަޑް މެޑިކަލް ސްކޫލްގެ ރިސާޗަރުން އިސްވެ ކުރިއަށްގެންދިޔަ މި ދިރާސާގައި، އެމެރިކާގެ 500 އަށްވުރެ ގިނަ، އެކި ދާއިރާތަކުގައި މަސައްކަތްކުރާ 12 މިލިއަނަށްވުރެ ގިނަ މީހުންގެ މަރުގެ ރެކޯޑުތައް ވަނީ ދިރާސާކޮށްފައެވެ. 

ދިރާސާއިން ފާހަގަކުރެވުނު މުހިންމު ނުކުތާތައް:

  • އެކި ދާއިރާތަކުން މަރުވި މީހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު، ފްލައިޓް އެޓެންޑެންޓުންގެ މަރުގެ 6.9 ޕަސެންޓް އަދި ޕައިލަޓުންގެ މަރުގެ 6.7 ޕަސެންޓަކީ ރޭޑިއޭޝަނާ ގުޅުންހުރި ކެންސަރެވެ. އާންމު މަސައްކަތްތެރިންގެ ތެރޭގައި މި ނިސްބަތް އުޅެނީ 5 ޕަސެންޓުގަ އެވެ.
  • ރޭޑިއޭޝަން އެންމެ ގިނައިން ފޯރާނެކަމަށް ބެލެވޭ ނިއުކްލިއާ މެޑިސިން ޓެކްނޮލޮޖިސްޓުން މި ލިސްޓުގެ 12 ވަނައިގައި އުޅޭއިރު، ވައިގެ ދަތުރުފަތުރުގެ ފަޅުވެރިން އުޅެނީ ލިސްޓުގެ އެންމެ ކުރީގަ އެވެ.
  • އާންމު މަސައްކަތްތެރިންނާ އަޅާބަލާއިރު، ފްލައިޓް އެޓެންޑެންޓުން ރޭޑިއޭޝަނާ ގުޅުންހުރި ކެންސަރެއްގައި މަރުވުމުގެ ފުރުސަތު 50 ޕަސެންޓް އިތުރުއިރު، ޕައިލަޓުންގެ މަރުވުމުގެ ފުރުސަތު 36 ޕަސެންޓް އިތުރެވެ.

މިކަން މެދުވެރިވާ ސަބަބު:

މީގެ މައިގަނޑު ސަބަބަކީ، ޖައްވުން އަންނަ، ކެންސަރުގެ ނުރައްކާ ބޮޑު ކޮސްމިކް ރޭޑިއޭޝަނުން ރައްކާތެރިކަން ލިބޭ މިންވަރު، މަތީގައި ދަތުރުކުރާއިރު ކުޑަވުމެވެ.  ބިމަށް މި ރޭޑިއޭޝަނުން ފޯރަނީ ކުޑަ މިންވަރެކެވެ. އެއީ ޖައްވީ ނިޒާމުގެ ތެރެއިން އެ ރޭޑިއޭޝަންތައް ބްލޮކްކުރާތީ އެވެ. 

މީގެއިތުރުން، ދަތުރުކުރާ ރޫޓާއި، އުސްމިނާއި، ދަތުރުގެ ދިގުމިނަށް ބަލައި އަހަރުތަކެއް ވަންދެން ހުށަހެޅޭ ރޭޑިއޭޝަން ހަށިގަނޑުގައި ޖަމާވެ އެވެ.

ދިރާސާ ޓީމުން ފާހަގަކުރި ގޮތުގައި، މި ދެ ގުރޫޕުގެ މީހުންގެ ތެރޭގައި ރޭޑިއޭޝަނާ ނުގުޅޭ ކެންސަރުގެ ބާވަތްތަކުގައި މަރުވި މީހުންގެ އަދަދު އާންމު މިންވަރަށްވުރެ އިތުރުވެފައެއް ނުވެ އެވެ. މިއިން އެނގެނީ މި މަރުތަކަށް މައިގަނޑު ގޮތެއްގައި އަސަރުކޮށްފައިވަނީ ދިރިއުޅުމުގެ އާދަކާދައަށްވުރެ ބޮޑަށް މަސައްކަތުގެ މާހައުލުން ލިބޭ ރޭޑިއޭޝަނުންކަމެވެ. 

ނުރައްކާ އޮތް ކެންސަރުގެ ބާވަތްތަކާއި އާންމު ދަތުރުވެރިން:

ރޭޑިއޭޝަނާ ގުޅިގެން ނުރައްކާ ބޮޑުވާ ކެންސަރުގެ ބާވަތްތަކުގެ ތެރޭގައި ލޭގެ ކެންސަރު (ލޫކީމިއާ)، ލިމްފޯމާ، ހަމުގެ ކެންސަރު (މެލަނޯމާ)، އުރަމަތީގެ ކެންސަރު، ތައިރޮއިޑް ކެންސަރު އަދި ސިކުނޑި އާއި ނާރުތަކުގެ ސިސްޓަމަށް ޖެހޭ ކެންސަރު ހިމެނެ އެވެ.

ނަމަވެސް، ތަޖުރިބާކާރުން ވިދާޅުވަނީ އާންމުކޮށް މަތިންދާބޯޓުން ދަތުރުކުރާ ފަސިންޖަރުންނަށް މި ނުރައްކާ ނެތް ކަމަށެވެ. ސަބަބަކީ މަދު ދަތުރުތަކަކުން ލިބޭ ރޭޑިއޭޝަންގެ މިންވަރު ނިސްބަތުން ވަރަށް ކުޑަވުމެވެ. ނުރައްކާ އޮތީ އެތައް އަހަރެއް ވަންދެން ވަޒީފާގެ ގޮތުން ކޮންމެ ދުވަހަކު ގިނަ ވަގުތުތަކެއް މަތީގައި ހޭދަކުރާ މީހުންނަށެވެ.

ވައިގެ ދަތުރުފަތުރުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުން ރޭޑިއޭޝަނަށް ހުށަހެޅޭ މިންވަރު ބަލައި މޮނިޓާކުރުމާއި، އެކަމުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް ވަރުގަދަކުރުމަށް މި ދިރާސާއާ ގުޅިގެން ބައެއް ތަޖުރިބާކާރުން ގޮވާލާފައިވެ އެވެ.